ގއ. މާމެންދޫގައި މީގެ 15 އަހަރު ކުރިން 2006 ވަނަ އަހަރު ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބް މަރާލި މައްސަލައިގައި ދައުވާ ލިބޭ އެރަށު ޕިންކްލައިޓް، މުހައްމަދު ޝިފްރާޒުގެ ދިފާއީ ވަކީލުންނާ ގުޅޭ އިޖުރާއީ މައްސަލައެއް ދައުލަތުން ނެގުމާ ގުޅިގެން ހައިކޯޓުގައި މިއަދު ކުރިއަށް ގެންދަން މަސައްކަތް ކުރި އިސްތިއުނާފް އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލައިފި އެވެ.
މި މައްސަލަ އަކީ މުހައްމަދު ޝިފްރާޒްގެ އިތުރުން ގއ. މާމެންދޫ މާމެންދޫ މާސް، އަލީ މަސްއޫދު ސައީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފީ މައްސަލަ އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޝިހާބުގެ މަރުގެ މައްސަލާގައި ޝިފްރާޒް އާއި މަސްއޫދުގެ އިތުރުން ގއ. މާމެންދޫ ޖަވާހިރުވާދީ، ފަރިޔާޝް އަހްމަދާއި އެރަށު ތަރިވިދާގޭ މުހައްމަދު ގާސިމްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކޮށްފައިވެ އެވެ.
ހައިކޯޓުގައި މި މައްސަލައިގެ އިސްތިއުނާފް އަޑު އެހުން މިއަދު ކުރިއަށް ނުގެންދެވުނީ ދައުވާ ލިބޭ މުހައްމަދު ޝިފްރާޒްގެ ދިފާއީ ވަކީލުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާ ދެކޮޅަށް ދައުލަތުން ނެގި އިޖުރާއީ މައްސަލަ އަކާ ގުޅިގެންނެވެ.
ޝިފްރާޒްގެ ދިފާއީ ވަކީލުންގެ ތެރޭގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު އަދި ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނަރަލް ފަޒްނާ އަހްމަދު ހިމެނެ އެވެ.
ދައުލަތުން ވަނީ އެ ދެ ބޭފުޅުންނަކީ ގިނަ ދުވަސް ތަކަކު ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނަށް ޝިފްރާޒްގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކޮށްފަ އެވެ.
ދައުލަތުން ފާހަގަކުރި ގޮތުގައި މި މައްސަލައިގައި ވަރަށް ގިނަ މަރުހަލާތައް ކަޑައްތުކޮށްފައިވާތީ ޕީޖީ އޮފީހުގައި މި މައްސަލައިގެ އެކި މަރުހަލާ ތަކުގައި ނިހާޔަތާއި ފަޒްނާ ވަނީ ބައިވެރިވެފަ އެވެ. އަދި މި މައްސަލައިގައި ހިމެނޭ ބައެއް ލިޔެކިޔުންތަކުގައި ނިހާޔަތު ސޮއި ކުރައްވާފައި ހުރި ކަމަށާއި އަދި ރިމާކްސް ވެސް ދީފައި ހުރި ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މިމައްސަލައިގައި ދިފާއީ ވަކީލުންގެ ގޮތުގައި ނިހާޔަތާއި ފަޒްނާ ވަކާލަތު ކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުން ނެގި އިޖުރާއީ މައްސަލައާއި ގުޅިގެން ނިހާޔަތާއި ފަޒްނާ ވިދާޅުވީ ޕީޖީ އޮފީހުގައި އެ ބޭފުޅުން ބައިވެރިވި ވަކިވަކި މައްސަލަތަކުގެ ތަފްސީލް މިހާރު ހަނދާނުގައި ނެތް ކަމަށެވެ. ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ޝިހާބުގެ މަރުގެ މައްސަލަ ދިރާސާކުރުމުގައި ބައިވެރިވެވުނު ކަން ހަނދާނުގައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ދެ ބޭފުޅުން ވެސް ވިދާޅުވީ ޝިހާބުގެ މަރުގެ މައްސަލަ ދިރާސާކުރުމަށް ޕީޖީ އޮފީހުގައި އެ ދެ ބޭފުޅުންގެ ބައިވެރިވި ކަން ޔަގީންކޮށްދީފިނަމަ މައްސަލައިން ތަނާޒުލް ވާނެ ކަމަށެވެ. ނިހާޔަތު ޕީޖީ އޮފީހުން ވަކިވީ މާޗް 12، 2019 ގައެވެ. ޕީޖީ އޮފީހުން ފަޒްނާ ވަކިވީ އޯގަސްޓް 8، 2018 އެވެ.
ނިހާޔަތާއި ފަޒްނާގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ ޕީޖީ އޮފީހުގައި ޝިހާބުގެ މަރުގެ މައްސަލަ ދިރާސާކުރިއިރު އެ ދެ ބޭފުޅުން ބައިވެރިވިކަމުގެ ލިޔުންތައް ހުންނާނެ ކަމަށެވެ. ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ތިން ދުވަސް ތެރޭގައި އެ ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމަށްފަހު މިއަދުގެ މަޖިލިސް ނިންމާލާފަ އެވެ.
ޝިހާބް މަރާލާފައިވަނީ މާމެންދޫ އަށް އޭނާ ގޮސްގެން އުޅެނިކޮށެވެ. ގުރޫޕަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ބޮލަށާއި ސިކުނޑިއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ޝިހާބް މަރުވީ ތިން ދުވަހު ކޯމާ އެއްގައި އޮތުމަށް ފަހު އެވެ.
ޝިހާބުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ފުރަތަމަ މަރުގެ ހުކުމް އިއްވާފައި ވަނީ 2008 ވަނަ އަހަރު އެވެ. ނަމަވެސް ދައުވާ ލިބޭ ހަތަރު މީހުން އެ މައްސަލަ ހައިކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފް ކުރުމުން ހައިކޯޓުން 2013 ވަނަ އަހަރު ވަނީ ޖިނާއީ ކޯޓުގެ ނަމުގައި ކުރިން ހިންގި ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
ހައި ކޯޓުން އޭރު ހުކުމްކުރީ ދައުވާ ލިބޭ ހަތަރު މީހުންގެ މައްސަލަ ވެސް އަލުން ދަށު ކޯޓުން ބެލުމަށެވެ. ހައިކޯޓުގެ ހުކުމާ އެއްގޮތަށް މިހާރުގެ ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ބެލުމަށްފަހު ނިންމީ އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ އެ ދެ މީހުން ޝިހާބަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނާ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުގެ ސަަބަބުންނެވެ. އަދި އެމީހުންގެ މައްޗަށް ދަށު ކޯޓުން ކުރިން ހުކުމް ކުރިއިރު ދިފާއީ ބައެއް ހެކިން ހުށަހެޅުމުގެ ފުރުސަތު ކޯޓުން ދީފައި ނުވާތީއާއި ދައުލަތުގެ ފަރާތުން އެ ހެކިން އަލުން ހާޒިރުކުރަން އެދިފައި ނުވާތީ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޝިހާބުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ފަރިޔާޝް އަކީ ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ރެކޯޑް ކޮށްފައިވާ މީހެކެވެ. ޓެރަރިޒަމްގެ މައްސަލައެއްގައި ފަރިޔާޝް މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި އެކު ފަރިޔާޝް ވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެ މީހުން ތިބި ޖަލުގެ ގޮޅިން ފިލާފަ އެވެ. އެ ދެ މީހުން ހޯދަން ސިފައިންނާއި ފުލުހުން ނިކުމެގެން ވަރުގަދަ އޮޕަރޭޝަނެއް މާލެ ސަރަަހައްދުގައި ހިންގައި އެ ދެ މީހުން ހޯދީ ފިލައިގެން އުޅޭތާ ދުވަސްތަކެއް ފަހުންނެވެ. ފަރިޔާޝް އަތުލައިގަތީ ސިފަ ބަދަލުކޮށްގެން ސައި ހޮޓަލެއްގައި އިންދަ އެވެ.