ވިޔަފާރި

އަމާނާ ތަކަފުލްއިން އިސްލާމިކް ބޭންކްގެ ފަސް ޕަސެންޓް ހިއްސާ ގަނެފި

Nov 29, 2016

އަމާނާ ތަކާފުލް މޯލްޑިވްސްއިން، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ފަސް ޕަސެންޓް ހިއްސާ ގަނެފި އެވެ.

އަމާނާ ތަކަފުލްއިން ބުނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެޖޯރިޓީ ހިއްސާދާރު، އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ އަތުގައި އޮތް އެ ބޭންކުގެ ފަސް ޕަސެންޓް ހިއްސާ (9،000 ހިއްސާ) ގަނެފައިވާ ކަމަށެވެ.

އަމާނާ ތަކާފުލްގެ ޗެއާމަން ތައްޔިބު އަކްބަރް އަލީ ވިދާޅުވީ އެމްއައިބީއާ އަމާނާ ތަކާފުލް ގުޅުމަކީ ދެ ކުންފުންޏަށް ވެސް ވިޔަފާރީގެ ފައިދާވާނެ ނިންމުމެއް ކަމަށެވެ.

"މި ގުޅުމަކީ ބޭންކު ނިޒާމުގެ ސަބަބުން އިސްލާމިކް ފައިނޭންސް މުޅި ރާއްޖޭގައި ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" ތައްޔިބު ވިދާޅުވި އެވެ.

އެމްއައިބީއަކީ ރާއްޖޭގައި އިސްލާމިކް ބޭންކުގެ ހިދުމަތް ފެށި ފުރަތަމަ ކުންފުންޏެވެ. އަދި އަމާނާ ތަކަފުލްއަކީ ޝަރިއްޔާ ހުއްދަ ކުރާ އިންޝުއަރެންސް ޕްރޮޑަކްޓް ވިއްކާ ކުންފުންޏެކެވެ.