އޮފްބީޓް

އެންމެ މުސްކުޅި މީހާގެ 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

Nov 30, 2016

އޭނާގެ ނަމަކީ އެމާ މޮރާނޯ އެވެ. އޭނާގެ އަތުގައި އޮތީ ދިރިހުރި އެންމެ މުސްކުޅި އަންހެން މީހާގެ ރިކޯޑް އެކަންޏެއް ނޫނެވެ. އިޓަލީގެ ޕީޑްމޮންޓް ސަރަހައްދަށް 29 ނޮވޮމްބަރު، 1899 ވަނަ އަހަރު އުފަންވި މޮރާނޯ އިއްޔެ ފާހަގަކުރީ އޭނާގެ 117 ވަނަ އުފަން ދުވަހެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ މީހާގެ ޝަރަފް އޭނާ އަށް ލިބިފައި ވަނީ ކުރިން އެ މަގާމުގައި ހުރި އެމެރިކާގެ ސުސޭނާ މެޝްތު ޖޯންސް މި އަހަރުގެ މެއި މަހު މަރުވުމާ ގުޅިގެންނެވެ. އެއަށް ފަހު މޮރާނޯ އަކީ 1800ގެ އަހަރުތަކުގައި އުފަންވި މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނި މީހާ ވެސްމެ އެވެ.

މޮރާނޯ އޭނާގެ 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާއިރު އުމުރު މި ވަރަށް ދިގުވުމުގެ ހުރިހާ ވެސް ޝުކުރެއް ހަމައެކަނި އޭނާގެ އާދަޔާހިލާފު ޑައެޓަކަށް ދެވޭކަށް ނެތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ޖެނެޓިކްސްއާ ވެސް ގުޅިފައިވާ ކަމެކެވެ.

އޭނާގެ އާއިލާގެ ގިނަ މީހުންނަކީ އުމުރު ދިގު މީހުންނެވެ. އެކަމަކު އެއްބަނޑު އެއްބަފާ އަށް ކުދިންގެ އެ އާއިލާގައި ވެސް މޮރާނޯހާ އުމުރު ދިގު މީހަކު ނެތެވެ. އާއިލާގެ އެންމެން މަރުވެފައިވާއިރު ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު ވެސް ވަނީ މަރުވެފަ އެވެ.

އާއިލާގެ ބައެއް މީހުންގެ އުމުރުތަކަށް ބަލާއިރު މޮރާނޯގެ މަންމަ 91 އަހަރު ދުނިޔޭގައި އުޅުނެވެ. އޭނާގެ ބައެއް ދައްތަމެން އެމީހުންގެ 100 ވަނަ އުފަން ދުވަސް ވެސް ފާހަގަކޮށްފައި އެބަހުއްޓެވެ.

މި އުމުރު ދިގު "ޖެނެޓިކްސް" ގެ ސިއްރަށް ފަހު މޮރާނޯގެ އާދަޔާހިލާފު ކެއުމަކީ ވެސް އޭނާގެ ދިގު އުމުރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއްކަން ޔަގީނެވެ. ފާއިތުވި 90 އަހަރު އޭނާ ކެއީ ތިން ބިހެވެ.

އޭއެފްޕީ ނިއުސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި، މޮރާނޯގެ ޑޮކްޓަރު ކާލޯ ބަވާ ބުނެފައި ވަނީ މޮރާނޯ އަކީ ތަރުކާރީ އާއި މޭވާ އެއްގޮތަކަށް ވެސް ނުކާ މީހެކޭ ބުނެވިދާނެ ކަމަށެވެ. މޮރާނޯގެ ޕާސަނަލް ޑޮކްޓަރެއްގެ ގޮތުގައި 27 އަހަރު ހޭދަކޮށްފައިވާ ކާލޯ ބުނެފައި ވަނީ އޭނާއާ ފުރަތަމަ މޮރާނޯ ބައްދަލުވިއިރު ވެސް އަދި މިހާރު ވެސް މޮރާނޯގެ ކެއުމަކީ ބިސް ކަމަށެވެ.

އެއީ ހެނދުނު ނަގާ ދެ ބިހާއި މެންދުރު ފަހު ކާ އެއް ބިހެވެ. ހެނދުނު ނަގާ ދެ ބިސް ވެސް އޭނާ ނަގަނީ އެއްވެސް ވަރަކަށް ނުކައްކަ އެވެ. އަދި މެންދުރު ފަހު ކަނީ ބިސްގަނޑު އަޅައިގެންނެވެ. ރޭގަނޑު އާންމުކޮށް ކައިއުޅެނީ ކުކުޅެވެ. ދެން އެހެން އުޅެލާފައި ބައެެއް ފަހަރަށް ބިސްކޯދު ކައި އުޅެ އެވެ.

މޮރާނޯގެ މި އާދަޔާހިލާފު ޑައެޓަށް ފަހު އޭނާގެ ހަޔާތުގެ އެހެން ވާހަކަތައް ވެސް ވަރަށް ތަފާތުވެފައި އެހާމެ އަސަރުގަދަ އެވެ. އެގޮތުން އޭނާގެ ޒަވާޖީ ހަޔާތާއި ލޯބީގެ ހަޔާތުގެ ވާހަކަ ވެސް އެހެން މީހުންނާ މުޅިން ތަފާތެވެ.

އުމުރުން 26 އަހަރުގައި އޭނާގެ އަލަތު ކައިވެނިކޮށްފައި ވަނީ ލޯތްބަކުންނެއް ނޫނެވެ. ނުއިނދެފި ނަމަ މަރައިލާނެ ކަމުގެ އިންޒާރު ދީގެންނެވެ. މި މީހަކު އައިސް ގަދަކަމުން މޮރާނޯގެ ދިރިއުޅުން ޖަހައިގެން ގެންދިޔައީ އޭރު ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ މަރުވުމުގެ ހިތާމައިން އަރައިނުގަނެވިފައި ހުއްޓަ އެވެ. މޮރާނޯގެ ހަގީގީ ލޯބިވެރިޔާ ވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި މަރުވެފަ އެވެ.

އެއަށް ފަހު އަނިޔާވެރި ފިރިއެއްގެ އަތްދަށުން އެންމެފަހުން ސަލާމަތްވުމަށް ފަހު ދެ ވަނަ ކައިވެންޏެއް ކުރަން އޭނާ ބޭނުމެއް ނުވި އެވެ. މޮރާނޯ ބުނެފައި ވަނީ އިތުރު މީހަކު އޭނާގެ ދިރިއުޅުން ކޮންޓްރޯލްކުރުމުގެ ފުރުސަތު ދޭން ބޭނުން ނުވީ ކަމަށެވެ.

މޮރާނޯ މިހާރު ދިއުޅެމުން ދަނީ ވަރަށް ވެސް އެކަނިވެރި ދިރިއުޅުމެކެވެ. ދިރިއުޅެމުން އަންނަ ދެ ކޮޓަރި ލީ ފްލެޓުން ބޭރަށް އޭނާ ނުނިކުންނަތާ މިހާރު 20 އަހަރުވީ އެވެ.