ހޮލީވުޑް

މި ފިލްމަށް އޮސްކާ ލިބިދާނެ ކަމަށް ބުނަން ފަށައިފި

Nov 30, 2016

ހޮލީވުޑްގެ އެވޯޑް ސީޒަން ފެށުނީ އެވެ. އެއާ އެކު އެންމެ ބާރަށް މިހާރު ދެކެވޭ ވާހަކައަށް ވެފައި އޮތީ ޝަރަފްވެރި އޮސްކާ އެވޯޑްސްގެ ރަން ވަނަތައް ގެންދާނެ ފިލްމުތަކާއި ފަރާތްތަކުގެ ވާހަކަ އެވެ. މި ލިސްޓެއް ތަރުތީބުކުރުމުގައި ފިލްމު ކްރިޓިކުންނާއި ބެލުންތެރިން އަވަދިނެތި އުޅޭއިރު އެންމެން ވެސް އިއްތިފާގުވާ ފިލްމެއް އެބައޮތެވެ. -- އެއީ ޑައިރެކްޓަރު ބެރީ ޖެންކިންސްގެ މޫންލައިޓް އެވެ.

ގޮތަމް އިންޑިޕެންޑެންޓް ފިލްމު އެވޯޑްސްއާ އެކު ހޮލީވުޑްގެ އެވޯޑް ސީޒަން ފަށާފައިވާއިރު މި އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް އަދި އޯޑިއެންސްގެ ހޮވުމަކަށް ވެސް ވެފައި ވަނީ މޫންލައިޓް އެވެ. އޭގެ އިތުރުން އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ކާސްޓަށް ޖޫރީން ކަނޑައެޅި އެވޯޑް ވެސް ފިލްމު ވަނީ ގެންގޮސްފަ އެވެ.

އާދައިގެ ބަޖެޓްތަކުން އުފައްދާ ފިލްމުތަކަށް ހާއްސަ އެވޯޑް ހަފުލާއަކަށް ގޮތަމް އިންޑިޕެންޑެންޓްވެފައިވީ ނަމަވެސް މިއީ ޝަރަފްވެރި އޮސްކާގެ ރަން ވަނަ ގެންދާ ފިލްމު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ އެވޯޑެކެވެ. އެގޮތުން މިދިޔަ އަހަރު އޮސްކާގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު "ސްޕޮޓްލައިޓް" އާއި 2014 ވަނަ އަހަރު އެ އެވޯޑް އޮސްކާގައި ލިބުނު "ބާޑްމޭން" އަށް ވެސް ފުރަތަމަ ލިބުނު އެވޯޑަކީ ގޮތަމް އިންޑިޕެންޓެންޑްގެ އެންމެ މޮޅު ފިލްމުގެ އެވޯޑެވެ.

އެހެންކަމުން ގޮތަމް އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ޝަރަފް ލިބުމަކީ ގާތްގަނޑަަކަށް މޫންލައިޓަށް އޮސްކާ ލިބުން ކަހަލަ ކަމެއް ކަމަށް އެންމެން ވަނީ ބުނަން ފަށައިފަ އެވެ. އާދައިގެ ފިލްމަކަށްވިޔަސް ގޮތަމްގައި ފާހަގަކުރެވިއްޖެ ނަމަ އެ ފިލްމެއް އޮސްކާގެ ފެވަރިޓަކަށް ބަދަލުވެގެންދާ ކަން އެނގެން ވެސް އެބައޮތެވެ.

މިސާލަކަށް ކުރީގެ ފިލްމުތަކަށް ބަލާއިރު 2004 ވަނަ އަހަރުގެ ސައިޑްވޭއިސް އަދި 2005 ވަނަ އަހަރުގެ ކެޕްޓޯ އާއި 2012 ވަނަ އަހަރުގެ ބިގިނާސް އަކީ ގޮތަމް އެވޯޑްސް އިން ވަނަތައް ގެންގޮސް އެންމެފަހުން އޮސްކާގައި ވެސް ވިދާލި ފިލްމުތަކެވެ.

އަނެއްކޮޅުން މޫންލައިޓް އަށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ ޝަރަފް ލިބިދާނެ ކަމުގެ ވާހަކަ ދެކެވެން ފަށައިފާއިރު ހޮލީވުޑްގައި އޮތް ނަސްލީތަފާތުކުރުމުގެ މައްސަލައިގެ ތެރެއިން ވެސް މި ފިލްމަށް ގިނަ ވޯޓްތަކެއް ލިބިދާނެ ކަމަށް މިފަހަރު ބެލެވެ އެވެ. އޮސްކާގައި ކަޅު ނަސްލުގެ އެކްޓަރުންނާއި ކަޅު ނަސްލަށް ނިސްބަތްވާ ގިނަ މީހުން މަސައްކަތްކޮށްފައިވާ ފިލްމުތަކަށް ފުރުސަތު ނުދޭ ކަމުގެ ތުހުމަތުކުރެވިފައިވާިއރު މޫންލައިޓް ފަދަ ފިލްމަކަށް އޮސްކާގެ އެންމެ ޝަރަފްވެރި ވަނަތައް ލިބިއްޖެ ނަމަ މިއީ އެ ފާޑުކިޔުންތަކުން ވެސް އަރައިގަނެވިދާނެ ކަމެކެވެ.

ބެރީ ޖެންކިންސް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކިޔައިދެނީ ކަޅު ނަސްލުގެ ޒުވާން ފިރިހެނެއްގެ ވާހަކަ އެވެ. ފިލްމުގައި ދައްކުވައި ދެނީ އޭނާގެ ހަޔާތުގެ ތިން ދައުރެކެވެ. ފުރާވަރުގެ ދުވަސްތަކާއި ޒުވާނެއްގެ ދުވަސްވަރު އަދި އެއަށް ފަހު ފުރާވަރާއި ޒުވާންކަމުގެ ހަނދާނާއި ކެހީގައި ބެދިގެންދާގޮތެވެ. މީގެ އިތުރުން ފިރިހެނަކު ދެކެ ލޯބިވެވުމުން އެ ހަގީގަތާއި ސަގާފަތުގެ ތެރެއަށް ދިރިގެން ދިއުމުގައި ދިމާވާ ގޮންޖެހުންތައް ވެސް ފިލްމުގައި ދައްކުވައިދެ އެވެ.

ކޮންމެއަކަސް މިހުރިހާ ސިފަތަކަށް ބަލާއިރު ވެސް މިއީ އޮސްކާއާ އެންމެ ރައްޓެހި ސިފަތަކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ވެސް ކަޅު ނަސްލުގެ ހުނަރުވެރިއެކެވެ.

ބެރީގެ އެހެން ފިލްމުތަކަށް ބަލާއިރު މާ ގިނަ ފިލްމެއް ނެތެވެ. މީގެ ކުރިން އޭނާ ގެނެސްދީފައި ވަނީ އެންމެ ފިލްމެކެވެ. އެ ފިލްމަކީ ވެސް އެތައް ބައެއްގެ ތައުރީފު އޮހުނު ފިލްމެއް ކަމުގައިވާ މެޑިސިން ފޯ މެލަންޗޯލީ އެވެ. އެއީ ރައްޓެއްސެއްގެ އަތުން ދަރަންޏަށް 15،000 ޑޮލަރު ނަގައިގެން އުފެއްދި ރޮމޭންޓިކް ޑްރާމާއެކެވެ.

އޭނާގެ އާ ފިލްމު އުފައްދާފައި ވަނީ ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.