ޖުމާ އަކީ ފިލްމީ ދާއިރާގައި އޭނާ ހަރަކާތްތެރިވާ ގޮތަކުން އަބަދުވެސް ޝައުގުވެރި ސުރުހީތަކެއް އުފައްދާ ފަރާތެކެވެ. މަޝްހޫރު ޔާރާ ފެމިލީގެ ބަތަލާ، މަރިޔަމް އައްޒަގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މި ދާއިރާ އަށް ނުކުމެ ބެލުންތެރިންގެ ހިތް ފަތަހަކުރުމުގެ ކުރިން އޭނާ ފަތަހަކޮށްލީ އައްޒަގެ ހިތެވެ.
އައްޒަ އާއި އޭނާގެ ކައިވެންޏަކީ އެއް ސުރުހީ އެވެ. އަނެއް ސުރުހީ އަކީ އެ ދެ މީހުންގެ ވަރި އެވެ. އެ މައްސަލަގަނޑުގެ ތެރެއިން އައްޒަގެ ދައްތަ، އައިޝަތު ރިޝްމީގެ އޭރުގެ ފިރިމީހާ އަހުމަދު އަޒްމީލުއާ ގުޅުވައިގެން ޖުމާގެ މައްޗަށްތުންތުންމަތިން ކުރެވުނު ތުހުމަތަކީ ވެސް، ނޫސްތަކަށް ނޭރިޔަސް، ބޮޑު ސުރުހީއެކެވެ.
މިހާރު އެ ހަލަބޮލިކަމެއް ނެތެވެ. ނަމަވެސް ޖުމާ އެ ގެންދަނީ އަދިވެސް ސުރުހީތައް އުފައްދަމުންނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މީރާއާ އެކު ފައްކާކުރަމުން އަންނަ ލޯތްބަކީ ޖުމާގެ އެންމެ ލޭޓެސްޓެވެ. ދެ މީހުންގެ ގުޅުމަށް މަސް ދުވަސްވެފައިވާއިރު މިއީ މި ގުޅުމާ ބެހޭ ގޮތުން ދެ މީހުން ވެސް ދިން ފުރަތަމަ އިންޓަވިއު އެވެ. އެހެންވީމަ، ޖުމާ އާއި މީރާގެ މި ވާހަކަ ހާއްސަ ވަނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ މި ދެ މީހުން ލޯބީގެ ޖޯޑަކަށް ބަދަލުވެދާނެ ކަމަށް އެއްވެސް ބަޔަކު ލަފާކޮށްފައި ނެތުމެވެ.
މީރާ އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ދެން އޭނާ ބުނީ މިހެންނެވެ.
"އަސްލު އަދި ބުނެވޭނީ ހަމަ ވޯކްއައުޓް ކުރޭތޯ ބަލަނީއޭ، ރިލޭޝަންޝިޕެކޭވެސް ނުބުނާނަން، ފްރެންޑުން އަސްލު މިއީ. އެދެމެދޭ ބުނިއްޔާހެން ހީވަނީ ރަނގަޅަށް ޑިފައިންކޮށްދެވޭނީ. ގޮތަކަށް ބުނެވިދާނެ ވީއާ ޑޭޓިންއޭ ވެސް."
އެހެންވީމަ ޖުމާ އަކީ ކާކު ހެއްޔެވެ؟ ޖުމާއަކީ އެތައް ހުނަރަކާއި އެކު ކުރިއަރަމުން އަންނަ ޒުވާންތަރިއެކެވެ. ނުވަތަ ފަންނާނެކެވެ. އާ މޫނުތަކަށް ޖާގައެއް ނެތް މި ފިލްމީ ދާއިރާގައި އޭނާ މިފަހުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްލަން ޖެހެ އެވެ. ފިލްމީ އާއިލާގެ މުހިންމު މެމްބަރަކަށް އޭނާ ބަދަލުވެފައި ވަނީ ކެމެރާގެ ކުރިމަތީގައި ދައްކުވައިދީފައިވާ ހުނަރަކުންނެއް ނޫނެވެ.
ޖުމާ އަކީ އަދި ފިލްމެއް ނުވަތަ ޑްރާމާއަކުން ފެނިފައިވާ މޫނެއް ނޫނެވެ. ނަމަވެސް ލަވަތަކުން ފެނި ގިނަ ޝޯތަކެއްގައި މޮޅު ނެށުންތެރިއެއްގެ ގޮތުގައި މީހުންގެ ލޮލުގައި އަޅައިގަނެފައިވާ ނެށުންތެރިއެކެވެ. އެއީ އޭނާ ބުނާގޮތުންނަމަ އޭނާ އެންމެ ކުރަން ބޭނުންވާ މަސައްކަތެވެ. ކުރިއަރަން ބޭނުންވަނީވެސް އަދި މީހުން އޭނާ ދެކެން ބޭނުންވަނީވެސް މޮޅު ނެށުންތެރިއެއްގެ ގޮތުގައެވެ. މޭކަޕް އާޓިސްޓެއްގެ ގޮތުގަ އާއި މަޝްހޫރު ތަރިންގެ ހެދުންތައް ޖަރީކުރުމަށް ކުޅަދާނަ "ޑިޒައިނަރެއް" ގެ ގޮތުގައި އޭނާ ވަނީ ދާއިރާގެ ލޯބި ހޯދައިފަ އެވެ. އެގޮތުން އެންމެފަހުން އޭނާ ނިއުމާ މުހައްމަދަށް ޑިޒައިންކޮށްދިން އޭނާގެ އަލްބަމް ކަވަރު ވެސް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ލަވަކިއުމުގެ ހުނަރުވެސް އޭނާވަނީ ތަރިންގެރޭ ޝޯއަކުން ބެލުންތެރިންނާ އެހުންތެރިންނަށް އިއްވާލާފައެވެ.
ޖުމާ ބުނަނީ އެއީ ބަޔަކު މީހުން "އެރުވި އަޑެއް" ކަމަށެވެ. އެއީ ކޮން އަޑެއްކަން ނުބުންޏަސް ތިޔަ ކިޔުންތެރިންނަށް ވެސް ދެން އެނގޭނެ އެވެ.
"ދެން ކޮންމެ ރިލޭޝަނެއް ރޫޅިގެން ދާއިރު ވެސް އަޑުތަކެއް އަރާނެދޯ، އަޑުގަދަބައެއްގެ ބަސް ވިކޭނީ، އެގޮތަށް އެރުވި އަޑެއްއެއީ،" ޖުމާ އާއި މީރާ ވެސް ދިން ޖަވާބަކީ މިއީ އެވެ.
"އައި ޑޯންޓް ލިސެން ޓު ރޫމާސް، މީރާއަށް ފުދޭނެ މީރާ ބޭނުންވާ މީހާ ފަރާތުން އެލިބޭ ޖަވާބަކުން،" މައްސަލައެއް ނެތްކަން މީރާ އެންގީ މިހެންނެވެ.
މީރާ އަށް އަދި އެއް ސުވާލެވެ. އައްޒަ އާއި ޖުމާ އަށް އެ ވަނީ ދަރިއަކު ވެސް ލިބިފައި. އެ މީހުންގެ އެ ގުޅުން އަބަދުވެސް އޮންނާނެތާ. މީރާ އެއްވެސް ވަރަކަށް މިކަމާ ވިސްނަންތަ؟
"އެއްގޮތަކަށްވެސް ބޭނުމެއްވެސް ނުވޭ އެގުޅުން ކަނޑުވާލާކަށް. އަދި އިރާދަކުރެއްވިއްޔާ މި ރިލޭޝަން ކުރިއަށްގޮސް ފިއުޗާގައި މީރާއަށާ ޖުމާއަށް ކިޑެއް ލިބޭދުވަހަކުންވެސް އީތަން (ޖުމާ އާއި އައްޒަގެ ދަރިފުޅު) އެއީ ހަމަ މީރާގެ އަމިއްލަ ދަރިއެއްގޮތަށް ދެކޭނަން."