ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުން މިރޭ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ ޝަރީއަތުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިމުނީ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އަޑުއެހުން އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ވިދާޅުވި ނަމަވެސް ވަކި ގަޑިއެއް ގާޒީ އަބްދުﷲ ވިދާޅެއް ނުވެއެވެ.
އާންމު ގޮތެއްގައި ޚުލާސާ ބަޔާން ހުށަހެޅުމަށް ފަހު އޮންނާނީ ހުކުމް އިއްވުމެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވަން ހަމަޖެއްސީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ނަޝީދު މިރޭ އެދިވަޑައިގެންފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު ބަންދުގައި ހުންނާތީ ވަކީލަކު ހޯދަން ދަތިވާ ކަމަށާއި އެކަމަށް އެކަށީގެންވާ މުއްދަތެއް ބޭނުންވާ ކަމަށެވެ.
ފަނޑިޔާރުން ވިދާޅުވީ ވަކީލަކު ހަމަޖައްސަން ނަޝީދަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް ވަކި ޚާއްސަ އުސޫލަކުން އެމަނިކުފާނާ މެދު އަމަލުކޮށްދެވެން ނެތް ކަމަށެވެ.
މިރޭގެ އަޑުއެހުމުގައި ވެސް ތަކުރާރުކޮށް، އެތައް ފަހަރެއްގެ މަތިން ވަކީލަކު ހޯދަން ފުރުސަތު ދޭން ނަޝީދު އެދިވަޑައިގަތް ނަމަވެސް އެކަމަށް ފަނޑިޔާރުން ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދުގެ ވަކީލުން ވަނީ އެ މައްސަލައިގެ ޝަރީއަތުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ނުދޭ ކަމަށް ބުނެ އެ މައްސަލަ ދޫކޮށްލައިފަ އެވެ. އޭގެފަހުން ބޭއްވި ދެ އަޑުއެހުން ވެސް ކުރިއަށް ގެންދިޔައީ ނަޝީދަށް ވަކީލެއްގެ އެހީތެރިކަން ނުލިބި އެވެ.