ދީން

ދީނީ ޗެނަލް ހިންގަން ޕީއެސްއެމާއި މިނިސްޓްރީ ސޮއިކޮށްފި

Nov 30, 2016

ދީނާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، "ދީނީ ޗެނަލް" އެއް ހިންގައި ތަރައްގީ ކުރަން އިސްލާމިކް މިނިސްޓްރީ އާއި ޕީއެސްއެމްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި ޗެނަލް ހިންގަނީ ޕީއެސްއެމް އާއި، އިސްލާމިކް މިނިސްޓްރީގެ ވަސީލަތްތައް ބޭނުން ކޮށްގެންނެވެ.

"ދީނީ ޗެނަލް" އުފެއްދުމަށްފަހު ބައެއް މިސްކިތްތަކުގައި ކުރެވޭ ނަމާދުތަކާއި ދީނީ ދަރުސްތައް ލައިވްކޮށް ދުރަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި "ދީނީ ޗެނަލް" ގެ ހިދުމަތް 24 ގަޑިއިރު ހިންގުމަށް ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަހުމަދު ޒިޔާދު ވިދާޅުވީ، "ދީނީ ޗެނަލް" މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އިސްލާމަދީނާ ގުޅުން ހުރި ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެ ޗެނަލް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނުގެ ސާފު ފިކުރު ފޯރުކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދީނީ ޗެނަލް" އުފެއްދުމަށް ކުރާ މަސައްކަތުގެ ދަށުން ރޭޑިއޯ ޗެނަލަކާއި، ޓީވީ ޗެނަލެއް އުފައްދާނެ އެވެ. ރޭޑިއޯ ޗެނަލް ފަށާއިރު މާލެ ކައިރި ސަރަޙައްދަށް ސިގްނަލް ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މަރުހަލާތަކަކަށް ބަހާލައިގެން މުޅި ރާއްޖެއަށް ސިގްނަލް ދޫކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. ޓީވީ ޗެނަލް ފަށާއިރު މިހާރު ޓީވީއެމް ލިބޭ ސަރަޙާއްދުތަކަށް ސިގްނަލް ފޯރުކޮށްދޭނެ އެވެ.