ބޮލީވުޑް

ކްރިކެޓް ތަރި ޔުވްރާޖް އާއި ހޭޒަލް ކައިވެނިކޮށްފި

Dec 1, 2016

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގް އާއި ބައެއް ހިންދީ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަތަލާ ހޭޒަލް ކީޗް އާއި ކައިވެނިކޮށްފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެންގޭޖްކުރި ޔުވްރާޖް އާއި ހޭޒަލް ކައިވެނިކޮށްފައިވަނީ އިއްޔެ ހެނދުނު ޕަންޖާބުގެ ގުރުދުވާރްގައި އޮތް ރަސްމިއްޔާތެއްގައި އެވެ.

ޔުވްރާޖް އާއި ހޭޒަލްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާ މީހުންނާއި އެދެމީހުންގެ ގާތް އެކުވެރިންނެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހު ޔުވްރާޖް އާއި ހޭޒަލް ހިންދޫ ދީނުގައި އޮންނަ ގޮތަށް އިންޑިއާގެ ގޯއާގައި ވެސް ވަކި ރަސްމިއްޔާތެއްގައި ކައިވެނީގެ ހަފްލާއެއް ބާއްވާނެ އެވެ.. މި ރަސްމިއްޔާތުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވެސް ވަނީ ދެއްވާފަ އެވެ.

އެ ހަފްލާގެ ދައުވަތު ގިނަ ކްރިކެޓް ކުޅުންތެރިންނާއި ބައެއް ބޮލީވުޑްގެ ފަރާތްތަކަށް ވެސް ވަނީ ދީފަ އެވެ.

އެ ހަފްލާ އަށް ފަހު ކައިވެނީގެ އުފަލުގައި ބާއްވާ ހާއްސަ ރިސެޕްޝަންއެއް ދިއްލީގައި ބާއްވާނެ އެވެ. އެ ހަފްލާގައި ވެސް ކްރިކެޓް ކުޅުންތެރިންނާއި ބޮލީވުޑްގެ ގިނަ ފަރާތްތަކުން ބައިވެރިވާނެ ބޮޑު ހަފްލާއަކަށް ވާނެ ކަމަށްވެ އެވެ.

"ބޮޑީގާޑް" އިން ބޮލީވުޑަށް ތައާރަފުވި ހޭޒަލް އާއި ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު އެ ދެމީހުން ބާލީގައި އެންގޭޖްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

ކައިވެންޏަށްފަހު ޔުވްރާޖް އާއި ހޭޒަލް ހަނީމޫނަށް ދާނެ ވަކި ގައުމެއް އަދި ކަނޑައަޅާފައިނުވާއިރު ހޭޒަލް ދާން ބޭނުންވަނީ ހާވާއީ އަށެވެ. އަދި ޔުވްރާޖް ދާން ބޭނުންވަނީ ބޯރާ ބޯރާ ނުވަތަ ރާއްޖެ އަށް ކަމަށްވެ އެވެ.