ބޮލީވުޑް

އިއުލީއާ ލަވަކިޔުންތެރި އަކަށް ވާން ސަލްމާން އެހީތެރިވަނީ

Dec 2, 2016

ސުޕަސްޓާ ސަލްމާން ޚާން ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނާ ރޮމޭނިއާގެ ޓީވީ ތަރި އިއުލިއާ ވަންތޫރް މިފަހުން ރުޅިވެފައިވާ ކަމުގެ އަޑުތަކެއް އެރި ނަަމަވެސް އެދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކުރިންވެސް އޮތް ގޮތުގައި ކުރިއަށްދާކަން ހާމަވެފައިވަނީ މީގެ ދެދުވަސްކުރިން އަމްރިތާ އަރޯރާ ބޭއްވީ ޕާޓީއެއްގައި ސަލްމާނާ އެކު އިއުލިއާ ފެނުމުންނެވެ.

އެޕާޓީގެ ފޮޓޯތަކެއް ވެސް އާންމުވެފައިވާއިރު އިއުލިއާ ފޮޓޯތަކުން ފެނުމުން އޭނާ އެނބުރި އިންޑިއާ އަށް އަލުން އައިސްފައިވާކަން ވެސް ވަނީ ޔަގީންވެފަ އެވެ.

އިއުލިއާ އެނބުރި އިންޑިއާ އަށް އައިސްފައިވާއިރު ސަލްމާން މިވަނީ އޭނާ އަށް ލަވައެއް ރެކޯޑްކުރަން ފުރުސަތެއް ވެސް ހޯދައިދީފަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒާ ހިމޭޝް ރޭޝަމިޔާ އުފައްދާ އާ ލަވަ އަލްބަމް "އާޕްސޭ މައުސޫގީ" ގެ ހިންދީ އަދި އިންގިރޭސި ބަހުން ކިޔާ ލަވައެއް އިއުލިއާގެ އަޑުން ރެކޯޑް ކުރުމަށް ސަލްމާން ވަނީ ހިމޭޝް ކުރެން އެދިފަ އެވެ.

ލަވަކިޔުމުގެ އިތުރުން އިއުލިއާ އެލަވައިގެ މިއުޒިކް ވީޑިއޯއިން ވެސް ފެނިގެންދާނެ ކަމަށްވާއިރު މިއަލްބަމްގައި ހިމެނޭ ހަ ލަވައިގެ ތެރެއިން ހަތަރު ލަވައެއް ކިޔާފައިވަނީ ސަލްމާން އެންމެ ފެވަރިޓް ލަވަކިޔުންތެރިން ކަމަށްވާ އަމާލް މަލިކް އާއި ސަޗިން - ޖިގަރްގެ އިތުރުން މީޓް ބްރޯސް އާއި ޕްރީތަމް އެވެ.

ބުނެވޭ ގޮތުގައި އިއުލިއާ ވަނީ މީގެ އަށްވަރަކަށް މަސްކުރިން ހިންދީ ދަސްކޮށް ހިންދީ ބަހުން ފަރިތަކޮށް ވާހަކަދައްކަން ދަސްކުރަން ފަށާފަ އެވެ. މިއަލްބަމަށް ލަވައެއް ރެކޯޑްކުރުމުގެ ކުރިން ވެސް އިއުލިއާ ވަނީ ސަލްމާންގެ "ސުލްތާން" ގެ ބޭބީކޯ ބޭސް ޕަސަންދްހޭ ލަވަ އާއި ޖަގް ޖޫމިޔާ ލަވައިގެ ކަވާއެއް ރެކޯޑްކޮށްފަ އެވެ. އެލަވަތައް ވަނީ ސަލްމާން އާއި އޭނާގެ ޑުއެޓެއްގެ ގޮތުގައި ނެރެވެސްފަ އެވެ.

ލަވަ ރެކޯޑްކުރުމުގެ ޓެކްނިކްސްތަކާއި ހިންދީ ބަހަށް ފަރިތަވުމުން އިއުލިއާ މިހާރު ބޭނުންވަނީ ބޮލީވުޑްގައި ލަވަކިޔުމުގެ ރޮނގުން ކެރިއަރެއް ބިނާކުރާށެވެ.