އޮފްބީޓް

"ޗައިވާލާ"ގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟

Dec 2, 2016

އިންޓަނެޓުގައި އަދާޔާ ހިލާފަށް މަޝްހޫރުވި ވަރަށް ރީތި ޒުވާނެއްގެ ވާހަކަ އޮންނާނީ އަޑުއަހާފަ އެވެ. ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އަރްޝަދު ހާން އެވެ. ގިނަ މީހުން ދަންނަ ގޮތުން ނަމަ ނާސިރު ހާން އެވެ. ދިރިއުޅުމަށް އޭނާ ކުރަމުން އައި މަސައްކަތަކީ ސައި ވިއްކުމެވެ.

މިހާރު މަޝްހޫރީ ވެސް "ޗައިވާލާ" ގެ ނަމުންނެވެ. އިންޓަނެޓުން މީހަކަށް މަޝްހޫރު ކަމެއް ހޯދައި ދެވޭނީ މިވަރަކަށެވެ. އަރްޝަދު "ޗައިވާލާ"އަށް ވެގެން ދިޔައީ އޭނާގެ ސްޓޯލަށް ސައި ބޯން ދިޔަ ޖިއާ ހާން ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކާއެކު އެވެ. އޭނާގެ ނޫކުލައިގެ ދެ ލޮލުގެ ޖާދޫގައި ނުޖެހޭ މީހެއް ނެތެވެ.

ސައި ވިއްކަން ހުރި އަރްޝަދު އެއް ދުވަހުން މަޝްހޫރު ބޮޑު ތަރިއަކަށް ވެގެން ދިޔައީ އެވެ. ފެޝަން ޝޯތަކަށް ވެސް އެންމެން ގެންދަން ބޭނުންވަނީ އޭނާ އެވެ. ޓީވީ ޝޯތަކަށް ވެސް މެއެވެ. ބޮޑެތި ބްރޭންޑްތަކުގެ މޫނަކަށް ވެސް ހަދަން ބޭނުންވަނީ އޭނާގެ މޫނެވެ.

މުޅި ދިރިއުޅުން ބަދަލުވެފައިވާ އަރްޝަދު މިވަނީ އެންމެ ފަހުން ވީޑިއޯ ލަވައެއްވެސް ކުޅެފަ އެވެ. ޕާކިސްތާންގެ ދެ އާޓިސްޓުން ކަމަށްވާ ސިދް މިސްޓަ ރެޕާ އާއި ޑީޖޭ ޑެނީގެ ލަވައަކުން އަރްޝަދުގެ ހުނަރު ވަނީ ދައްކާލާފަ އެވެ. ލަވައިގައި އަރްޝަދު ފެންނަނީ ސައި ވިއްކާ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް ހުންނަނީ ވަރަށް ރީތި ހެދުމުގަ އެވެ.

އޭނާގެ ރީތިކަމާ ހެދި މޮޔަވެގެން އަންހެން ކުދިން ސެލްފީ ނަގައި މަންޒަރު ވެސް ފެނެ އެވެ. ލަވައިގައި ކިޔަނީ ވެސް އޭނާގެ ވާހަކަ އެވެ. އޭނާގެ ހަޔާތް ބަދަލުކޮށްލި ވާހަކަ އެވެ.

އެންމެ 18 އަހަރުގެ އަރްޝަދަށް ކުއްލިއަކަށް ލިބުނު މަގުބޫލުކަމާއެކު އޭނާ ވަނީ ފިލްމީ ދާއިރާއަށާއި ގްލެމޭގެ ދުނިޔެއަށް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ. އެހެނަސް އޭނާއަށް ލިބެމުންދާ އަދާޔާ ހިލާފު ސަމާލުކަމާއި އޮފާތަކުގެ ސަބަބުން އެ ދުނިޔެއާ ދުރުގައި ހުރުމަށް އޭނާއަށް މިހާރު ވަނީ ދަތިވެފަ އެވެ.