ބޮލީވުޑް

ކެޓްރީނާ "ހާފް ގާލްފްރެންޑް" ދޫކޮށްލީ އަރްޖުން އަށްވުރެ މުސްކުޅިވުމުން!

Dec 3, 2016

ޑައިރެކްޓަރު މޯހިތު ސުރީގެ "ހާފްގާލްފްރެންޑް" ގެ ބަތަލާ އަކަށް ޝްރަދާ ކަޕޫރު ހަމަޖެއްސުމުގެ ކުރިން އެރޯލު ލިބިފައިވާ ބަތަލާ ކެޓްރީނާ ކައިފް އަށެވެ.

މިފިލްމުގައި އަރްޖުން ކަޕޫރާ އެކު ކެޓްރީނާ ބަތަލާގެ ރޯލަށް ހަމަޖައްސަން މޯހިތު ކިތަންމެ ބޭނުންވި ނަމަވެސް ކެޓްރިނާ މިފިލްމުގެ ބަތަލާގެ ރޯލު ކުޅެން ލިބުނު ހުށަހެޅުން ދޫކޮށްލާފައިވަނީ އޭނާ އަރްޖުން އަށް ވުރެން އުމުރުން ދޮށި ކަމަށް ފިލްމުގައި ދައްކަފާނެތީ އެވެ.

ކެޓްރީނާ އަށް މިފިލްމުގެ ސްކްރިޕްޓް ކިތަންމެ ކަމުދިޔަ ނަމަވެސް އޭނާ މިފިލްމު ދޫކޮށްލަމުން މޯހިތު ކުރެން ވަނީ އަރްޖުން އާ ބަލާފައި ވީހާވެސް އުމުރުން ހަނގުކަމަށް ދައްކާނެ ބަތަލާ އަކު މިފިލްމުގެ ބަތަލާގެ ރޯލަށް ހަމަޖެއްސުމަށެވެ.

އަރްޖުން އާއި ކެޓްރީނާ އަކީ ވަރަށް ގާތް ދެރަހުމަތްތެރިން ނަމަވެސް އޭނާ މިރޯލަށް ނޫނެކޭ ބުނެފައިވަނީ އޭނާ މިފިލްމުގައި އަރްޖުން އަށް ވުރެން އުމުރުން ދުވަސްވީ މީހެއްގެ ގޮތުގައި ފެނިދާނެތީ އެވެ. ކެޓްރިނާގެ އުމުރަކީ 33 އަހަރުއިރު އަރްޖުން ކުޑައީ އޭނާ އަށް ވުރެން ދެއަހަރެވެ.

"ހަފްގާލްފްރެންޑް" ކެޓްރީނާ ދޫކޮށްލި ނަމަވެސް މިއަހަރުގެ ތެރޭގައި އޭނާގެ ނިކުތް ދެފިލްމު ކަމަށްވާ "ފިތޫރް" އާއި "ބާރް ބާރް ދޭކޯ" ގައި އޭނާ އާއެކު ފެނިގެންދިޔަ ދެއެކްޓަރުން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ސިދާތް މަލްހޯތުރާ އަކީ ކެޓްރީނާ އަށް ވުރެން ހަނގު ދެއެކްޓަރުންނެވެ.

ކެޓްރީނާ ވަރަށް ތެދުވެރިކަމާ އެކު އޭނާ އަށް މިފިލްމު ކުޅެވެން ނެތް ސަބަބު ހާމަކުރުމުން މޯހިތު ވަނީ އެރޯލު ޝްރަދާ އަށް ހުށަހަޅާފަ އެވެ. އަދި މޯހިތު ވަނީ މިފިިލްމު ރިލީޒްކުރުމަށްފަހު ދެން އޭނާ އުފައްދާ ފިލްމެއްގެ ވެސް ބަތަލާގެ ރޯލު ކެޓްރީނާ އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ އިންޑިއާގެ ވަރަށް ރަށްފުށު ސަރަހައްދަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކާއި ދިއްލީއަށް ނިސްބަތްވާ ވަރަށް ޒަމާނީ އަންހެން ކުއްޖަކާއި ދެމެދު އޮންނަ ލޯބީގެ ގުޅުން ފެނިގެންދާނެ ފިލްމެކެވެ. މިފިލްމަކީ ޗޭތަން ބަގަތް ލިޔެފައިވާ ވާހަކަ ފޮތް "ހާފްގާލްފްރެންޑް" ގެ އަސްލަކަށް ބަލައިގެން ހަމަ އެނަމުގައި އުފައްދާ ފިލްމެކެވެ.