ދުނިޔެ

ހަތް އަހަރު ފަހުން ޕާކިސްތާނުގައި ރަސްމީކޮށް މަރުގެ އަދަބު ދޭން ފަށައިފި

ޕާކިސްތާނުގައި މަރުގެ އަދަބު ދިނުން ހުއްޓާލިތާ ހަތް އަހަރު ފަހުން މަރުގެ އަދަބު ތަންފީޒު ކުރުން އަލުން ފަށައިފި އެވެ.

ޕާކިސްތާނުގައި އެއްގޮތަކަށް ވެސް މަރުގެ އަދަބު ތަންފީޒު ނުކޮށް އޮންނަތާ ހަތް އަހަރުވި ފަހުން މަރުގެ އަދަބެއް ތަންފީޒު ކުރީ މިދިޔަ ޑިސެމްބަރު މަހު ޕެޝާވަރްގެ ސްކޫލަކަށް ބަޔަކު ހަމަލާދީ އެތައް ކުޑަކުދިންނެއް މަރާލި މައްސަލައާ ގުޅިގެންނެވެ. އެ ހާދިސާ ގުޅިގެން ވެސް މަރުގެ އަދަބު ތަންފީޒު ކުރަމުންދަނީ ޓެރަރިޒަމްގެ ކުށްތަކުގައި މަރަން ހުކުމްކޮށްފައި ތިބި މީހުންގެ މައްޗަށް އެކަންޏެވެ.

މިހާރު އެ ގައުމުން ވަނީ މަރުގެ އަދަބު ދޭ ހުރިހާ ކުށްތަކެއްގައި ވެސް ހުކުމް ތަންފީޒު ކުރަން ނިންމައިފަ އެވެ. އެގޮތުން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް އަދި މަރުގެ އަދަބު ލުއިކުރަން ރައީސަށް ހުށަހަޅާ ހުށަހެޅުމުން ބަލައިނުގެންފައިވާ މީހުންގެ މަރުގެ އަދަބު ތަންފީޒު ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ދަންޖައްސައިގެން މަރުގެ އަދަބު ދޭ ޕާކިސްތާނުގައި މަރަން ހުކުމްކޮށްފައި ތިބި 8،000 މީހުން ތިބިއިރު އޭގެ ތެރެއިން 1،000 އެއްހާ މީހުންނަކީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، އަދި މައާފް ދެވެން ނެތް ކަމަށް އެ ގައުމުގެ ރައީސް ނިންމަވާފައި ތިބި މީހުންނެވެ.

ޕާކިސްތާނުގައި މަރުގެ އަދަބު ދޭ ހުރިހާ ކުށްތަކެއްގެ ހުކުމް ވެސް ތަންފީޒުކުރަން ފެށީ ކޮން ސަބަބަކާ ހެދިކަމެއް ރަސްމީކޮށް އެގައުމުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެކަން ނުކުރަން އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.