މޭކަޕް ފިލުވާލުމަށް ނުވަތަ މޫނު ސާފުކޮށްލުމަށް ބާޒާރުން ލިބެންހުރި ތަކެތީގެ ބަދަލުގައި ގުދުރަތީ އެއްޗެއް ބޭނުން ކޮށްލުމަކީ ހަމަގައިމު ވެސް ޖީބަށް ލުއިވުމުގެ އިތުރުން މީހާގެ ހަމަށް ވެސް ތާޒާކަން ގެނުވައި ރީތި ކޮށްދޭނެ ކަމެއްކަން ޔަގީނެވެ. ބާޒާރުން ލިބެހުންނަ ގިނަ ކްލީނާ ތަކަކީ ކޮންމެވެސް ކަހަލަ އާތިފިޝަލް އެއްޗެއް ނުވަތަ ކެމިކަލް އެއް އެއްކޮށްފައި ހުންނަ ތަކެއްޗަށް ވާތީ ބައެއް ފަހަރު މޫނާއި ނުގުޅި މޫނުމަތި ހަލާކުވާ ގޮތްވާން ދިމާވެ އެވެ.
ކިރު
ކިރަކީ މޫނުގެ ހަން އޮމާންކޮށް، މަޑުކޮށް އަދި އުޖާލާކޮށްދޭ އެއްޗެކެވެ. މޭކަޕް ފިލުވަން ނުވަތަ މޫނުމަތި ސާފުކޮށްލަން ބޭނުންނަމަ، ކިރު އެއްޗަށް ކުޑަ ކަފަކޮޅެއްލައި ތެއްމާލުމަށްފަހު މޫނުމަތީގައި އުނގުޅާލާށެވެ. ބޭނުންނަމަ އަލްމަންޑް އޮއިލް ނުވަތަ ޒައިތޫނި ތެޔޮވެސް ކިރާ އެއްކޮށް ބޭނުންކުރެވިދާނެ އެވެ.
ބޭކިން ސޮޑާ އަދި މާމުއި
މިއީ ކޮންމެ ކަހަލަ ވަރުގަދަ ޕޭކަޕެއް ކޮށްފައި ހުރި ނަމަވެސް ފަސޭހަ ކަމާއެކު ފިލުވާލަދީ މޫނުގައި ހުންނަ ޕޯސްތައް ސާފުކޮށްލަދޭނެ އެއްޗެކެވެ. އެގޮތުން މާމުއި ކޮޅެއްގެ ތެރެއަށް ކުޑަ ބޭކިން ސޮޑާ ކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލުމަށްފަހު، ކުޑަ ފޮތިކޮޅަކުން މޫނުގައި އުނގުޅާލާށެވެ. ރަނގަޅަށް މޫނުމަތި ސާފުވުމުން ފެންފޮދަކުން ދޮވެލާށެވެ.
ކާށިތެޔޮ
ކާށިތެލަކީ އެތަށް ގޮތަކުން ހަމާއި އިސްތަށިގަނޑަށް ފައިދާ ހުރި ތެލެކެވެ. މިއީ އާންމުކޮށް އުޅޭއިރުވެސް ގައިގަ އުނގުޅަން އެއްވަނައިގެ ތެލެކެވެ. އަދި މޮއިސްޗަރައިޒާ އެއްގެ ގޮތުގައި ބޭނުން ކުރަން ވެސް ކާށިތެލަކީ ވަރަށް ފައްކާ އެއްޗެކެވެ. މީގެ އިތުރުން މޭކަޕް ފިލުވާލުމަށް ވެސް ކާށިތެޔޮ ބޭނުން ކުރެވިދާދޭނެ އެވެ. އެގޮތުން ކުޑަ ކަފަކޮޅެއްގެ ތެރެއަށް ކާށިތެޔޮ ކޮޅެއް އަޅާލުމަށްފަހު މޫނު ރަނގަޅަށް ސާފުކޮށްލުމަށްވަހު ފެންފޮދަކުން މޫނު ދޮވެލާށެވެ.
ކިއުކަމްބާ
މިއީ ރީތިވުމަށް އަދި މޫނު ސާފުކުރުމަށް ތައްޔާރުކޮށްފައި ހުންނަ ގިނަ ޕްރޮޑަކްޓްސް ތަކުގައި އެންމެ ގިނައިން ބޭނުން ކުރާ އެކައްޗެކެވެ. ކިއުކަމްބާގެ ދިޔަ ބޭނުން ކޮށްގެން މޫނު ސާފު ކޮށްލުމުން މޫނުގައި ހުންނަ ޕޯސްތައް ސާފުވެ މޫނުމަތިގައި ބިހިނެގުމުން ދުރުކޮށްދޭނެ އެވެ. އަދި މޫނު މަތި ހިރުވާ ގޮތްވާ ނަމަވެސް ކިއުކަމްބާގެ ދިޔަ އުނގުޅުމުން ރަނގަޅުވެ އެވެ.
އާވި އެރުވުން
މޫނު މަތި ފޭސް ކްލީނާއަކުން ސާފުކުރި ނަމަވެސް ބައެއްފަހަރު ޕޯސްތައް ސާފު ނުވެ ހުރެ އެވެ. އާވިއެރުވުމުން މޫނުމަތީގައި ހުންނަ ޕޯސްތައް ހުޅުވި ޕޯސްތަކުގައި ހުންނަ ހަޑިތައް ސާފުކޮށްލަ އެވެ. މިއީ އާންމުކޮށް ހަފްތާއަކު އެއްފަހަރު ނަމަވެސް މިގޮތަށް މޫނު ސާފު ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.