ކްރިސްޓިއާނާ ރޮނާލްޑޯ

އެންމެ ފުރަތަމަ ރޮނާލްޑޯ ގެންދަން އުޅުނީ ބާސާ އަށް

Dec 3, 2016

ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަންއަށް ކްރިޓިއާނޯ ރޮނާލްޑޯ ކުޅެމުން ދިޔައިރު މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ކުރިން އޭނާ ގެންދަން މަސައްކަތް ކުރީ ބާސާއިން ކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ހުއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ސްޕެއިންގައި ކުރިއަށްދާ ގޮލްފް ޗެލެންޖެއްގެ ތެރެއިން މީޑިއާއިން ލަޕޯޓާއާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އޭރު ސްޕޯޓިން ލިޒްބަންގައި ހުރި ރޮނާލްޑޯ ގެންދަން ބާސާއިން 17 މިލިއަން ޔޫރޯ ހުށަހެޅި ކަމަށެވެ.

"އޭރު އުޅުނީ ބާސާ ނަގައި ކޮޅަށް ޖެހުމުގެ މަރުހަލާއެއްގައި، އަހަރެން ހުރީ ސްޕޯޓިން ލިޒްބަންގައި ޑެކޯ އަހަރެމެން ޓީމަށް ގެނައުމަށް އޭނާގެ އެޖެންޓް ޖޯޖް މެންޑޮސްއާ ވާހަކަ ދައްކަން ގޮސް." ލަޕޯޓާ ވިދާޅުވި އެވެ.

"އޭނާ ބުނި ސްޕޯޓިންގައި އެބަހުއްޓޭ ވަރަށް މޮޅު އެހެން ކުޅުންތެރިޔެއް، އެއީ ރޮނާލްޑޯ،"

ލަޕޯޓާ ވިދާޅުވީ ސްޕޯޓިންއިން ރޮނާލްޑޯ ގެންދިއުމުގެ އަގަކަށް ކީ 19 މިލިއަން ޔޫރޯ ކަމަށެވެ.

"އޭރު އަހަަރެމެން ވަނީ ރޮނާލްޑީނިއޯ އާއި ރަފޭލް މާކްއޭޒް އާއި ރިކާޑޯ ކްއެރެސްމާ ލައްވައި ސޮއި ކޮށްފަ އެހެންވެ އެ ވަގުތު އެ އަގު ދެވެން އަހަރެމެންނަށް ނެތީ،" ލަޕޯޓާ ވިދާޅުވި އެވެ.

"ޔުނައިޓަޑުން ވަނީ ރޮނާލްޑޯ އަށް 19 މިލިއަން ޔޫރޯ ހުށަހަޅާފަ ނަމަވެސް އަހަރެން ބުނިން މިވަގުތު އަހަރެމެންނަށް ދެވެން އޮތީ 17 މިލިއަން ކަމަށް."

މިރޭ ކުޅޭ އެލްކްލެސިކޯއާ ބެހޭގޮތުން ލަޕޯޓާ ބުނީ ފޭވަރިޓަކީ ބާސެލޯނާ ކަމަށެވެ. އަދި އޭނާ ބުނީ މެސީ އެހެން ޓީމަކަށް ނުދާނެ ކަމަށާއި މުޅި ކެރިއާ ހޭދަ ކުރާނީ ބާސާގައި ކަމަށެވެ.