ޑރ. މުހައްމަދު އާސިމް

ލަންކާއާ ރާއްޖޭގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން މާލެއަށް

ރާއްޖެ އާއި ސްރީލަންކާގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުން ރާއްޖޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ. މި ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ތާރީހު އަދި އާންމެއް ނުކުރެ އެވެ.

މިގޮތަށް ނިންމާފައިވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ލަންކާގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރާ އާ ބައްދަލު ކުރައްވާ ދެބޭފުޅުން ކުރެއްވި މަޝްވަރާގަ އެވެ. ލަންކާ އާއި ރާއްޖޭގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ޖޮއިންޓް ކޮމިޝަނުން ދެ ގައުމުގެ ހުރިހާ ދާއިރާތަކަކާއި ގުޅިގެން މަސައްކަތް ކުުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައިލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.

މިނިސްޓަރު އާސިމް ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ލަންކާގެ ފިނޭންސް މިނިސްޓަރާ ވެސް ބައްދަލު ކުރެއްވި އެވެ.