ބޮލީވުޑް

ކަހާނީ 2" ގެ ހަމައެކަނި ދިރުމަކީ ވިދްޔާގެ މޮޅު އެކްޓިން

Dec 4, 2016

ދެހާސް ބާރަ ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމު "ކަހާނީ" ގެ ދެވަނަ ބައެއް އުފައްދާކަން އިއުލާންކުރެވުމާއެކު ފުރަތަމަ ފިލްމަށް ވުރެން ދެވަނަ ފިލްމަށް ކުރެވެމުން އައި އުންމީދު ބޮޑުވި އެވެ.

ވިދްޔާ ބާލަން ލީޑްރޯލުން ފެނިގެންދިޔަ "ކަހާނީ" ގެ ކާމިޔާބީ އާއެކު އުފެއްދި މިސިލްސިލާގެ ދެވަނަ ފިލްމު، "ކަހާނީ 2: ދުރްގާ ރާނީ ސިންގް" ހުކުރު ދުވަހު މިވަނީ ރިލީޒްކޮށްފަ އެވެ.

ވިދްޔާ އާއި އަރްޖުން ރާމްޕާލް ލީޑްރޯލުން ފެނިގެންދާ މިފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ މިހާރު އާންމުކޮށްފައިވާއިރު، ފުރަތަމަ ފިލްމަށް ލިބުނު ވަރުގެ ކާމިޔާބީއެއް މިފިލްމަށް ލިބިދާނެކަމާ މެދު މިހާރު ވަނީ ޝައްކު އުފެދިފަ އެވެ.

ސުޖޯއި ޖޯޝް ޑައިރެކްޓްކޮށްފައިވާ ތްރިލާ މިފިލްމަކީ ޖަޒުބާތާއި އަނދިރިކަމާއި އަދި ބިރުވެރިކަން އިންތިހާއަށް އެކުލެވޭ ފިލްމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުން އައި ފިލްމެވެ.

އިންޑިއާގެ ރިލީޒްކުރާ ހިންދީ ފިލްމުތަކަށްވުރެން މަދު ސްރީންތަކެއްގެ ރިލީޒްކުރި މިފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.25 ކްރޯޑް (425 މިލިއަން) ރުޕީޒް އެވެ. މިފިލްމު ރިލީޒްކޮށްފައިވަނީ 1235 ސްކްރީނެއްގަ އެވެ.

ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު އާމްދަނީ ހިއްސާކުރަމުން ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ހެނދުނު މިފިލްމު ބަލަން ސިނަމާތަކަށް ވަން މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދު ނަމަވެސް ހަވީރުގެ ޝޯތަކާއި ރޭގަނޑުގެ ޝޯތައް ކޮންމެވެސް ވަރަށް ރަނގަޅު ކަމަށް ބުނެފަ އެވެ.

މިފިލްމަށް ކްރިޓިކްސްއިން ފާޑުކިޔާފައިވީ ނަމަވެސް ކްރިޓިކްސްއިން ވަނީ ފިލްމުގެ ރޫހަކީ ބަތަލާ ވިދްޔާ ކަމަށް ހުރިހާ ފަރާތަކުން ފާހަގަކޮށް ވަނީ އޭނާ އަށް ތައުރީފު ބަންޑުންކޮށްލާފަ އެވެ. އިންސްޕެކްޓަރެއްގެ ރޯލުން ފެނިގެންދާ އަރްޖުންގެ އެކްޓިން އަށް ވެސް ތައުރީފުކޮށްފައިވާއިރު ފާޑުކިޔުންތެރިންގެ ފާޑުކިޔުންތަކަށް ބަލާއިރު ފިލްމުގެ ކްލައިމެކްސްއާ ހަމައަށް އައުމުގެ ކުރިން ފިލްމުގައި ވާ ގޮތް އެނގިގެންދާތީ މާބޮޑު ޝައުގުވެރިކަމެއް ފިލްމަށް ދެވޭ ގޮތެއް ނުވެ އެވެ. އަދި ފުރަތަމަ ހާފްގައި ފިލްމުގައި ނޭވާ ހިފަހައްޓާލަންޖެހޭ ބައިވަރު ކަންތައްތަކެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފް ވަރަށް ލޮނު މަޑުކަން ގިނަ ކްރިޓިކްސްއިން ވަނީ ފާހަގަކޮށްފަ އެވެ. ފިލްމު ބަލަ ކޮންމެ މީހަކަށް ވެސް ފިލްމުގައި ވާނެ ހުރިހާ ގޮތެއް މާކުރިން އެނގޭހާ މިފިލްމު ތިލައިރު، ހައިރާންވެ ބިރުގަންނަންޖެހޭ ވަރުގެ މާބޮޑު ކަންތައްތަކެއް ފިލްމަކު ނުހުނގަ އެވެ.

ފުރަތަމަ ދުވަހު "ކަހާނީ 2" އަށް ލިބުނު އާމްދަނީ އުންމީދުކުރި ވަރަށް ވުރެން ދަށް ނަމަވެސް ފިލްމާ ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ ރަނގަޅު ވާހަކަތަކެެއް ދައްކަމުން އަންނާތީ ފުރަތަމަ ހަފްތާ ބަންދުގެ ވިޔަފާރި ރަނގަޅުވުން ގާތެވެ.

މިފިލްމާއެކު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ގުރްމީތް ޗޯދަރީ އާއި ސަނާ ޚާންގެ "ވަޖާ ތުމް ހޯ" ވަނީ މިމަހުގެ 16 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ލަސްކޮށްފައިވާއިރު، މިފިލްމާ ބޮކްސް އޮފީހުގައި އިތުރު ފިލްމެއްގެ ކުރިމަތިލުމެއް ނެތުމަކީ ވެސް މިފިލްމަށް އޮތް ނަސީބެކެވެ.

"ކަހާނީ 2" އަކީ ވިދްޔާ ސިންހާ (ވިދްޔާ ބާލަން) އެކަނި މާއެކަނި އޭނާގެ ކުޑަ އަންހެން ދަރިފުޅި މިލީ ގޮވައިގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަނިކޮށް އެކުއްޖާ ބަޔަކު ކިޑްނެޕްކުރުމުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކާރް އެކްސިޑެންޓެއްވެ ކޯމާ އަށް ގޮސް އަލުން ހޭއަރާއިރު އެމީހުންގެ ދިރިއުޅުމަށް އަންނަ ހީނުކުރާ ކަހަލަ ތޫފާނެއްގެ ވާހަކަ އެވެ.