ޔޫއެން

ރާއްޖޭގައި ހިޔާލު ތަފާތުވުންތައް ގިނަވެ، ބަންކީ މޫން ކަންބޮޑުވެއްޖެ

ރާއްޖޭގައި ހިޔާލުތަފާތުވުންތައް އުފެދި ދެބަސްވުންތައް އިތުރުވެފައިވާ ކަމަށް ވިދާޅުވެ އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ބަން ކީ މޫންގެ ތަރުޖަމާނު ނެރެއްވި ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގެ ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ ދެމެދު ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ގިނަވެ، މަޝްވަރާތަކަށް ހުރަސް އެޅިފައިވާ ކަމަށް ބަން ކީ މޫން ގަބޫލުފުޅު ކުރައްވަ އެވެ. އެހެންކަމުން އެ ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ނައްތާލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ބަން ކީ މޫން ވިދާޅުވީ އެ ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ނައްތާލުމަށް މިނިވަން މުއައްސަސާތަކަށާއި ގައުމުގެ ބޭނުންތަކަށް އިސްކަންދީގެން، ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައިގެން ހުރިހާ އެންމެން ޝާމިލުވާ މަޝްވަރާތަކެއް ބޭއްވުމުގެ މުހިންމު ކަމަށެވެ. އަދި އެކަމަށް ހިތްވަރު ދެއްވި އެވެ.

އިހުލާސްތެރިކަމާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި އދ. ގެ އެހީގެ އަބަދުވސް ލިބޭނެ ކަމަށް ވެސް ބަން ކީ މޫން ވަނީ ވިދާޅުވެފަ އެވެ. ބަން ކީ މޫން މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ އެވެ. ލަސްވެފައިވަނީ މަންދޫބުންގެ ނަންތައް ނުލިބިގެނެވެ.