ބޮލީވުޑް

"ރައީސް" އިން މާހިރާގެ މަންޒަރުތަކެއް ކަނޑާލަނީ

Dec 4, 2016
1

ސުޕަސްޓާ ސަލްމާން ޚާންގެ "ސުލްތާން" އާ ކުރިމަތިލުމަކަށް ނުދާންވެގެން ގާތްގަނޑަކަށް ހަމަސް ދުވަހަށް ލަސްކުރި ޝާހްރުކް ޚާންގެ "ރައީސް" އަންނަ މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާއިރު މިފިލްމުގެ ބައެއް މަންޒަރުތައް އަދި ނަގައި ނުނިމޭ ކަމަށްވެ އެވެ.

ޔޫރީ އެޓޭކަށްފަހު ޕާކިސްތާނުގެ ތަރިންނަށް އިންޑިއާގެ ފިލްމުތަކުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް ބުނެ އެތަރިން އެގައުމުން ބޭރުކޮށްފައިވާއިރު މިފިލްމުގެ ނުނިމި ހުރި މަންޒަރުތައް ނުނެގިފައިވާ ބަތަލާގެ ރޯލު ކުޅެފައިވާ ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން އިންޑިއާއަށް ގެނެވެން ނެތުމުންނެވެ.

ރިތޭޝް ސިދްވާނީ ޑައިރެކްޓެކްކުރާ މިފިލްމުގެ ޓްރެއިލާ މިމަހުގެ 7 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރުމާ ދޭތެރޭ މާގިނަ ދުވަސްތަކެއް ނެތުމުގެ ސަބަބުން މާހިރާ އާއެކު ނުނެގި ހުރި މަންޒަރުތައް ނުނަގައި އޭނާގެ ގިނަ މަންޒަރުތަކެއް ފިލްމުން ކަނޑާލަން ވަނީ ނިންމާފަ އެވެ.

މާހީރާ ވަރަށް ގިނަ މަންޒަރުތައް ކަނޑާލައި އޭނާގެ ރޯލު މިހާރު ވަރަށް ކުޑަކޮށްފައިވާ ކަމަށްވާއިރު ޝާހްރުކް އާއެކު އޭނާ ކުޅެން ހަމަޖެހިފާ ލަވަ އަކާއި އިތުރު މަންޒަރުތަކެއް ވެސް ވަނީ ނުނަގާ ގޮތަށް ފިލްމު އުފައްދާ ފަރާތުން ނިންމާފަ އެވެ.

މިފިލްމަކީ މާހިރާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށްވާއިރު އޭނާގެ ރޯލު ކުއްލިއަކަށް ކުޑަކުރަން މަންޒަރުތައް އުނިކުރަން ޖެހުމަކީ ހަމަޔަގީނުންވެސް ބޮޑު ދެރައެކެވެ.

ޝާހްރުކް ގޭންގްސްޓާރެއްގެ ގޮތުގައި ހުރުމަށްފަހު ފަހުން ސިޔާސީ ނުފޫޒުގަދަ ލީޑަރަކަށް ބަދަލުވާ މިފިލްމުގެ މާހިރާގެ އިންޓްރޮޑަކްޝަން ޝޮޓް ވެސް އަދި ނެގިފައިނުވާއިރު، އަލުން އޭނާ އިންޑިއާ އަށް ނުވަތަ އެހެން ގައުމަކަށް ގެންގޮސް ޝޫޓްކުރަން ފިިލްމު އުފައްދާ ފަރާތުން ބޭނުންނުވާތީ މިހާރު އަންނަނީ އިންޑިއާގައި ޝާހްރުކްގެ އިންޓްރޮޑަކްޝަން މަންޒަރުތަައް ނަގަމުންނެވެ.

ކުރިއަށ އޮތް ދެތިން ދުވަހެއްގެ ތެރޭގައި ޝާހްރުކް އެމަންޒަރުތައް ނަގައި ނިމޭނެކަމަށްވާއިރު ޝާހްރުކް އާއި މާހިރާގެ ބައެއް ލޯބީގެ ނުނެގި ހުރި މަންޒަރުތައް ވެސް ފިލްމުގައި ނުހިމަނަން ޑައިރެކްޓަރު ރާހުލް އާއި ޕްރޮޑިއުސަރުން ކަމަށްޗާ ރިތޭޝް އާއި ފަރްހާން ވަނީ ނިންމާފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާހިރާ ވަނީ އިންޑިއާގެ ބުޖް އާއި އަހްމަދްއާބާދު އަދި މުމްބައިގައި ޝާހްރުކާއެކު މިފިލްމުގެ މަންޒަރުތައް ނަގާފަ އެވެ.

މިފިލްމުގައި މާހިރާ ފެނިގެންދަނީ ޝާހްރުކްގެ ލޯބިވެރިޔާގެ ރޯލުން ކަމަށްވާއިރު އަދި މުޅި ފިލްމަކީ ޝާހްރުކްގެ ގޭންގްސްޓާރެއްގެ ރޯލާއި އޭނާގެ ރަލުގެ ވިޔަފާރީގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވުމުން މާހިރާގެ ރޯލު ކުޑަކޮށްލުންވީ ފިލްމު އުފައްދާ ފަރާތަށް މާބޮޑު ކަމަކަށްވި ކަމެއް ނޫންކަމަށް މިފިލްމުގައި ހަރަކާތްތެރިވާ ފަރާތަތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޖެހިގެން އުޅޭ މައްސަލައިގެ ސަބަބުން އޮކްޓޯބަރު މަހުގެ ފަހުކޮޅު ރިލީޒްކުރި "އޭ ދިލްހޭ މުޝްކިލް" އިން ވެސް ވަނީ ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާންގެ ގިނަ މަންޒަރުތައް އުނިކޮށްފަ އެވެ.