ބޮލީވުޑް

ދާނުޝް އާއެކު ކާޖޮލް ތަމަޅަ ފިލްމެއް ކުޅެނީ

Dec 4, 2016

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބަތަލާ ކާޖޮލް އަލުން ފިލްމު ކުޅެން ފަށާފައިވަނީ މިދިޔަ އަހަރު ނިކުތް "ދިލްވާލޭ" އިންނެވެ. އެ ފިލްމަށްފަހު ދެން ކާޖޮލް އެކަނިވެރި މަންމައެއްގެ ރޯލުން ފެނިގެންދާނީ ޑައިރެކްޓަރު އާނަންދް ގާންދީ އުފައްދާ ފިލްމަކުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ކާޖޮލް އަންނަނީ 20 އަހަރު ފަހުން ތަމަޅަ ފިލްމެއް ވެސް ކުޅެން ތައްޔާރުވަމުންނެވެ.

ބުނެވޭ ގޮތުގައި ކާޖޮލް އަލުން ތަމަޅަ ފިލްމަކަށް ކުޅޭނީ މަޝްހޫރު ތަމަޅަ އެކްޓަރު އަދި ބައެއް ބޮލީވުޑް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ ދާނުޝް އާއެކު "ވީއައިޕީ 2" އިންނެވެ.

އެ ފިލްމަކީ "ވެއްލައިލަ ޕައްޓާދާރި" ގެ ދެވަނަ ބައިގެ ގޮތުގައި އުފައްދާ ފިލްމެކެވެ. އަދ މިފިލްމު ޑައިރެކްޓްކުރަނީ ދާނުޝްގެ އަންހެނުންގެ ދައްތަ ކަމަށްވާ ސޯންދަރްޔާ ރަޖްނިކާންތް އެވެ.

ކާޖޮލް އަދި މިފިލްމު ކުޅެން ސޮއިކޮށްފައި ނުވި ނަމަވެސް ފިލްމުގެ ސްރިޕްޓާމެދު އޭނާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށްވެ އެވެ.