ހަބަރު

އައިވަރީ ކޯސްޓްގެ ކުރީގެ ފަސްޓް ލޭޑީ 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައިވަރީ ކޯސްޓްގެ ކުރީގެ ރައީސްގެ އަނބިކަނބަލުން 20 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

އައިވަރީ ކޯސްޓްގެ ކުރީގެ ރައީސް ލައުރެންޓް ބަބްގޯގެ އަނބިކަނބަލުން ސިމޯން ބަގްބޯގެ މައްޗަށް ކޯޓުން އެ ހުކުމްކުރީ 2010 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ބަބްގޯ ނާކާމިޔާބުވެ ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާތީ އެވެ.

ޕްރޮސެކިއުޓަރުން އެދުނީ ސިމޯންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ނަމަވެސް ފަނޑިޔާރުން ނިންމީ 20 އަހަރަށް ޖަލަށްލުމަށެވެ. ސިމޯންގެ އިތުރުން ކުރީގެ ރައީސް ލައުރެންޓަށް ތާއީދުކުރާ 82 މީހެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން 15 މީހަކު ސަލާމަތްވިއިރު ދެން ތިބި މީހުންނަށް އައީ އެކި މުއްދަތުތަކަށް ޖަލަށްލުމަށެވެ. އޭގެ ތެރޭގައި އޭރުގެ ސިފައިންގެ އިސް އޮފިސަރުންތަކެއް ވެސް ހިމެނެ އެވެ.

ރައީސް ލައުރެންޓް އިންތިޚާބުން ބަލިވުމުން ބަލި ގަބޫލު ނުކުރައްވައި ހިންގި ހަމަނުޖެހުންތަކުގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އެ މައްސަލައިގައި ލައުރެންޓްގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. ލައުރެންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މީހުން މެރުމާއި ރޭޕް ކުރުން ވެސް ހިމެނެ އެވެ.

ލައުރެންޓްގެ އިތުރުން ސިމޯންގެ ޝަރީއަތް ވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ހިންގަން އޭނާ ހައްޔަރުކުރަން އެ ކޯޓުން 2011 ގައި އަމުރު ނެރުނު ނަމަވެސް އެކަމަށް އައިވަރީ ކޯސްޓްގެ ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ހަމަނުޖެހުންތަކަށް ފަހު ލައުރެންޓާއި ސިމޯން ހައްޔަރުކުރީ ފިއްލަވައިގެން އުޅުއްވަމުން ދަނިކޮށެވެ.