- ޕްރޮމޯޝަންގައި އެއް ލައްކަ ރުފިޔާގެ އިނާމެއް
- މަޝްހޫރު ބްރޭންޑުތަކުން ޑިސްކައުންޓް ލިބޭ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަ އަހަރު އިތުރު ދެ ޝޯވް ރޫމެއް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"ކަށަވަރު ޕްރޮމޯޝަން 2016" ރަސްމީކޮށް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ އެ ކުންފުނިން މި އަހަރު ވެސް ކާމިޔާބު ގިނަ ހިދުމަތްތަކެއް ދެވިފައިވާ ކަމަށާއި، އަންނަ އަހަރު ވެސް ވިޔަފާރި ފުޅާކޮށް އާ ފިހާރައެއް ހުޅުވާނެ ކަމަށެވެ.
"މި އަހަރު މިހާތަނަށް ޓްރޭޑިން ޑިޕާޓްމަންޓުން ގިނަ ކަންތައްތަކެއް ކުރެވިއްޖެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް މައުލޫމާތު ދެވިއްޖެ. އިތުރު އައުޓްލެޓެއް ހުޅުވިއްޖެ. އިރާދަ ކުރެއްވިއްޔާ އިތުރު ދެ އައުޓްލެޓެއް ރާއްޖޭގެ ދެ ހިސާބުގައި ހުޅުވޭނެ. ފުރަތަމަ ކްއާޓާގައި ރާއްޖޭގެ ދެ ސަރަހައްދުގައި ފިހާރަ ހުޅުވޭނެ،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައުޓްލެޓްތައް ހުޅުވަނީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ.
އެމްޓީސީސީން "ކަށަވަރު ޕްރޮމޯ 2016" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރި އަކަށް ނަސީބު ކޫޕަނެއް ދެއެވެ. ނަސީބުވެރި ފަރާތަކަށް 100،000 ރުފިޔާގެ އަގުހުރި 30 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ދެއެވެ.
މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރުން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީން، ކާސްޓްރޯލް އަޑީ ތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް އެންޑް މެރިން ކޯޓިންގްސް، ސްކޮޓް ބާޑާ ކޮމްޕޮޒިޓްސް އަދި އިންޖީން ސްޕެއާ ޕާޓްސް ހެޔޮ އަގުތަކެއްގައި އެމްޓީސީސީ ކަށަވަރުން ލިބޭނެ ކަމަށް އެމްޓީސީސީއިން ބުނެފައިވާއިރު ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ ފައިސާ ދައްކާ ވަގުތުން ތަކެތި ގަންނަ ފަރާތްތަކަށެވެ.
ކަށަވަރު ޕްރޮމޯއަކީ ކޮންމެ އަހަރެއްގެ ނިމުމާ ދިމާކޮށް އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ ތެރޭގައި ޔަންމާ އިންޖީނަށް ހާއްސަކޮށްގެން ސާބަސް ޔަންމާގެ ނަމުގައި އަދި ސުޒުކީ އިންޖީނަށް ހާއްސަކޮށްގެން ސުޒުކީ ފޯރިގެ ނަމުގައި ޕްރޮމޯޝަންތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ކަސްޓަމަރުންނަށް ޓްރެއިނިން އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ވަނީ މި އަހަރު ތެރޭގައި ކުރިޔަށް ގެންގޮސްފައެވެ.
އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނީގެ ވިޔަފާރިވަނީ 190 މިލިއަން ރުފިޔާ އިން 300 މިލިއަން ރުފިޔާއަށް އިތުރުވެފަަ އެވެ.