އެމްޓީސީސީ

އެމްޓީސީސީގެ ސުޒުކީ ފުޓްބޯޅަ ފޯރި ޕްރޮމޯޝަން އިފްތިތާހުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ސުޒުކީ ފުޓްބޯޅަ ފޯރި 2024" ޕްރޮމޯޝަން އިފްތިތާހުކޮށްފި އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 އިން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނަކީ ސުޒުކީ އިންޖީނާއި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް އާއި ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މެރޯލް އައުޓްބޯޑުގެ ސްޓިއަރިން ސިސްޓަމް ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ މަގުސަދަކީ އައުޓްބޯޑު އިންޖީނު ހެޔޮއަގުގައި ގަންނަން ބޭނުންވާ ކަސްޓަމަރުންނާއި ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއި މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ސާމާނު ފޯރުކޮށްދިނުމެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އޮޑިހަރުގެތަކާއި ބޯޓުޔާޑުތައް އަދި އިންޖީނު މަރާމާތު މަސައްކަތްކުރާ ވޯކްޝޮޕްތަކާއި ސާވިސް ސެންޓަރުތަކަށް އަމާޒުކޮށް ހާއްސަ ފީލްޑް ވިޒިޓްތކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުނެ އެވެ.

މީގެ އިތުރުން ދުއްވަމުންދާ އުޅަނދުފަހަރުގެ އިންޖީނު ސާވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއި މެއިންޓެނެންސް އާއި ގުޅޭ ގޮތުން އިތުރަށް ހޭލުންތެރިކުރުމަށް މައުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނެ އެވެ. މި ޕްރޮމޯޝަން އާއި ގުޅޭ މައުލޫމާތު މީޑިއާތައް މެދުވެރިކޮށް ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެ އެވެ.

ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފުކުރީ 2007 ވަނަ އަހަރު އެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ދިވެހިންގެ މެދުގައި ސުޒުކީ އިންޖީނު މަގުބޫލުވެފައިވަނީ ތެލުގެ ހަރަދު ކުޑަ އިންޖީނެއްގެ ގޮތުގަ އެވެ.

މި އިންޖީނަކީ އެހެން އިންޖީނުތަކަށްވުރެ ގިޔަރު ވަރުގަދަ އިންޖީނެކެވެ. ސުޒުކީ އިންޖީނުގެ ގިޔަރު ފަރުމާ ކުރެވިފައިވަނީ ގަދަ ރާޅުތަކުގެ ތެރޭގައި ރައްކާތެރިކަމާއެކު ދަތުރުކުރާއިރު މަޑުޖައްސާލުމަށްފަހު ދުއްވާލި ނަމަވެސް ވަގުތުން ޓޯކް ލިބޭނެ ހެންނެވެ.

މީގެ އިތުރުން ސުޒުކީ އަކީ ޓެކްނޮލޮޖީގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އިންޖީނެކެވެ. މި ގޮތުން އިންޖީނު ބޭނުންކުރެވިފައިވާ ގޮތުގެ ޑައިގްނޯސްޓިކް ރިޕޯޓް އިންޖީނުގެ އިލެކްޓްރޯނިކް ކޮންޓްރޯލް މޮޑިއުލް (އީސީއެމް) ގައި ރައްކާކުރެވިފައި ހުރުމުން އިންޖީނަށް މައްސަލައެއް ދިމާވުމުގެ ކުރިން އެ މައްސަލަ ދެނެގަތުމުގެ ގާބިލުކަން ވަނީ ލިބިފަ އެވެ.

ސުޒުކީ ޑައިގްނޯސްޓިކް ސިސްޓަމްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮޑިވެރިޔާގެ ފޯނުން، ލޯންޗުގެ ޑިޖިޓަލް ޑިސްޕްލޭ ގޭޖުން ކިޔުއާރް ކޯޑް ޖެނެރޭޓްކުރެވި އިންޖީނުގެ ހާލަތު ދެނެގަނެވޭނެ މައުލޫމާތު ވަގުތުން ލިބިގެންދާނެ އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. އެ ގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އަބަދުވެސް ރާވާ ހިންގަމުންދާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.