ވިޔަފާރި

މިފަހަރު ތަކެތި ހިލޭ: ސާބަސް ޔަންމާ!

Jul 15, 2019

"ސާބަސް ޔަންމާ" މި ނަމަކީ މަސްވެރިންގެ އެންމެ ގަޔާވާ އެއް ނަމެވެ. ސަބަބަކީ އެމްޓީސީސީ އިން ވިއްކާ ޔަންމާ އިންޖީނުގެ މަގުބޫލުކަން މަސްވެރިންގެ މެދުގައި ބޮޑުކަމެވެ. މަސްވެރިން އަބަދުވެސް "ސާބަސް ޔަންމާ" ޕްރޮމޯޝަން ފަށާނެ ދުވަހަކަށް ބަލަން ތިބެ އެވެ.

މި އޮތީ އެމްޓީސީސީން މި ހާއްސަ ޕްރޮމޯޝަން ފަށާފަ އެވެ. މި ފަހަރުގެ ސާބަސް ޔަންމާ ޕްރޮމޯޝަންގެ އެންމެ ހާއްސަ ކަމަކީ އިންޖީނު ގަތުމުން އިތުރު ސާމާނުގެ ގޮތުގައި ހިލޭ "އެކްސެސަރީޒް" ދެނީ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާ މިއީ ތިން ވަނަ އަހަރެވެ. މި އަހަރުގެ ޕްރޮމޯޝަން މަސްވެރިންނަށް ހާއްސަވާ އެއް ސަބަބަކީ މަސްވެރިކަމާ ބެހޭ މިނިސްޓަރު ޒަހާ ވަހީދު މި ޕްރޮމޯޝަން ފައްޓަވައި ދެއްވުމެވެ. މި ޕްރޮމޯޝަން އެމްޓީސީސީ އިން ވަނީ މިއަދު ފަށާފަ އެވެ.

ސާބަސް ޔަންމާ މި ފަހަރުގެ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ އެވެ. މި މުއްދަތުގައި 78 ހޯސްޕަވަރުން ފެށިގެން 829 ހޯސްޕަވަރުގެ ޔަންމާ އިންޖީނު ގަތުމުން 100،000ރ. އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ހިލޭ އެކްސެސަރީޒް ލިބޭނެ އެވެ. އިންޖީނާއެކު މަސްވެރިން އެންމެ ބޭނުންވާ ސާމާނު މުޅިން ހިލޭ ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ލިބޭ ސާމާނުގެ ތެރޭގައި މަސް އައިން ހޯދަން ބޭނުން ކުރާ ފިޝް ފައިންޑަރާއި ނިޔަމިކަމުގައި ބޭނުންކުރާ ޖީޕީއެސް އަދި ކާސްޓްރޯލް ލުބް އޮއިލްގެ އިތުރުން ހުންގާނު ސިސްޓަމް ވެސް ހިމެނެ އެވެ. މީގެ އިތުރުން 78 ހޯސްޕަވަރުގެ އިންޖީނު ގަތުމުން 100،000ރ. ގެ ސާމާނު ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން 829 ހޯސްޕަވަރުގެ އިންޖީނެއް ގަތުމުން 300،000ރ. ގެ ރުފިޔާގެ އެކްސެސަރީޒް ހިމެނެ އެވެ.

ޔަންމާ އިންޖީނަކީ މަސްވެރިން އެންމެ ފުރަތަމަ ބޭނުންކުރި އެއް އިންޖީނެވެ. އަދި ރާއްޖޭގެ އޮޑި ފަހަރު 80 ޕަސެންޓް ބޭނުން ކުރަނީ މި އިންޖީނު ކަމަށްވެ އެވެ.