ބޮލީވުޑް

އިނގިރޭސިން ވާހަކަދައްކަން ނޭނގޭތީ ލަދުގަންނަވާލި: ކަންގަނާ

Dec 5, 2016
1

މިހާތަނަށް ތިން ނޭޝަނަލް އެވޯޑް ލިބިފައިވިޔަސް ބަތަލާ ކަންގަނާ ރަނާވަތަށް ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އަމިއްލަ ބުރަ މަސައްކަތުން ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފައިވާ ކަންގަނާ އަކީ އޭނާގެ ކިބައިގައި ހުރި އެކްޓިން ހުނަރުން އެދާއިރާގެ އެންމެ ކުރިއަށް ދިޔަ ބަތަލާ އެކެވެ.

ބޮލީވުޑަށް ނިކުތް ދުވަސްކޮޅު މިދާއިރާގައި އެންމެ ފުރަތަމަ ދިމާވި ދަތި އުނދަގޫތަކުގެ ވާހަކަ ހިއްސާކުރަން ކަންގަނާ ދިން އިންޓަވިއުއެއްގައި ވަނީ އޭރު އޭނާ ހެދުން އަޅާފައި ހުންނަ ގޮތާއި އިނގިރޭސިން ރީއްޗަށް ވާހަކަދައްކަން ނޭނގޭ ކަމަށް ބުނެ ގިނަބޔަކު އޭނާ އަށް މަލާމާތްކުރި ކަމަށް ބުނެފަ އެވެ.

ކުޑަކުޑަ އަވަށެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްއިން މަޝްހޫރު ބަތަލާ އަކަށް ވުމުގެ ހުވްފެން ދެކި މުމްބައި އަށް އައި ކަންގަނާ އަށް މީހުން ކިތަންމެ މަލާމާތެއް ކުރިޔަސް އޭނާ ވަނީ އޭނާ އަކީ ކޮން ތަނަކުން އައިސްފައިވާ އަދި ކިހާ ފެންވަރެއްގެ މީހެއްކަން ބުނާކަށް ދުވަހަކުން ލަދުގަންނާނެ މީހެއް ނޫން ކަމަށް ބުނެފަ އެވެ.

"ކުޑަ އަވަށަކަށް ނިސްބަތްވާ މީހަކަށް ވުމުން ރަނގަޅަށް އިނގިރޭސިން ވާހަކަދައްކަން ނޭނގޭތީ އާއި ރީއްޗަށް ހެދުން އަޅަން ނޭނގޭތީ މީހުން އަހަންނަށް ވަރަށް މަލާމާތްކުރި. އެއިން އެއްވެސް މަލާމާތަކުން އަހަރެންގެ އަޒުމަކަށް އަދި ހިތްވަރަކަށް ވެސް ބަދަލެއްނާދޭ. މިހާރުގެ ފިލްމުތަކާއި އެހެނިހެން ޝޫޓިންތަކުގައި އަހަރެން ފެނުމުން އެންމެން އަހަރެންގެ ރީތިކަމުގެ ވާހަކަދައްކާނެ. އެކަމު އެކަމެއް ނިމުން އަހަރެންގެ ގޯސް ވާހަކަދައްކާނެ" ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2006 ވަނަ އަހަރު ނިކުތް "ގޭންގްސްޓާ" އިންނެވެ. އެފިލްމުގައި ކަންގަނާ އާއެކު ބަތަލުންގެ ރޯލުން ފެނިގެން ގޮސްފައިވަނީ އިމްރާން ހާޝިމީ އާއި ޝައިނީ އަހޫޖާ އެވެ.

އޭގެފަހުން "ވޯ ލަމްހޭ" އާއި "ޝަކަލަ ބޫމް ބޫމް" ފަދަ ފިލްމުތައް ވެސް ކުޅެފައިވާ ކަންގަނާގެ ކެރިއަރު ކޮޅަށް ޖަހާލެވޭވަރުގެ ފިލްމަކަށް ކުޅެވުނީ 2013 ވަނަ އަހަރު ނިކުތް "ކުއީން" އެވެ.

އެފިލްމުގައި ކަންގަނާ ކުޅެފައިވާ މޮޅު އެކްޓިންގެ ސަބަބުން އޭނާ އަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނޭޝަނަލް އެވޯޑް ލިބިފަ އެވެ.

ބޮލީވުޑްގައި ބަތަލުންނާއި ބަތަލާއިންގެ މުސާރައިގެ ބޮޑު ފަރަގެއް ގެންގުޅޭތީ އެކަމާ އެންމެ ގަދަޔަށް އަޑުއުފުލާ ކަންގަނާ ވަނީ އެދާއުރާގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން އޮތުމަށް އެންމެ ފުރަތަމަ ފިރިހެނުންނަށް ވުރެން އަންހެނުން ދަށް ކަމަށް ދެކިގެން ނުވާނެ ކަމަށާއި އަންހެނުން ޖެހޭނީ އެމީހުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ ބަޔަކަށްވާން ކަމަށް ބުނެފަ އެވެ.