ވިޔަފާރި

"ރާއްޖެއަކީ އިންވެސްޓް ކުރަން އެންމެ ރަނގަޅު އެއް ގައުމު"

Dec 5, 2016

ރާއްޖެއަކީ އިންވެސްޓް ކުރަން އެންމެ ރަނގަޅު އެއް ގައުމު ކަމަށް، މަޝްހޫރު ޓޫރިޒަމް ކުންފުނި ޖޯން ކީލްސް ގްރޫޕުން ބުނެފި އެވެ. ސްރީލަންކާގެ ކޮލޮމްބޯގެ "ހިލްޓަންް ހޮޓެލް" ގައި މިދިޔަ ހަފުތާ ބޭއްވި އޭޝިއާ ހޮޓެލް އެންޑް ޓޫރިޒަމް ހޮޓެލް އިންވެސްޓްމެންޓް ކޮންފެރެންސްގައި ޖޯން ކީލްސް ގްރޫޕުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ސުނިމަލް ސޭނާނަޔަކާ ވިދާޅުވީ ރާއްޖެއަކީ އިންވެސްޓް ކުރަން އެންމެ ރަނގަޅު މާކެޓު ކަމަށާއި، ލަންކާއަކީ ވެސް އެފަދަ ދެވަނަ މާކެޓެއް ކަމަށެވެ.

"ރާއްޖެ ވަރަށް ތަފާތު، އެ ފަދަ ދެވަނަ އެއް ނެތް މަންޒިލެއް ރާއްޖެއަކީ އަދިވެސް އެންމެ ރަނގަޅު އެއް މާކެޓަކީ ރާއްޖެ. އަދި އިތުރު އިންވެސްޓްމަންޓްތައް ކުރަން ވެސް ރާއްޖެ ވަރަށް ކަމުދޭ،" ސުނިމަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި ފުރުސަތުތައް ގިނަ ކަމަށާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިިދިޔަ ދެ އަހަރު އެއްވަރެއްގައި ހިފެހެއްޓިފަައި ހުރުމަށް ފަހު، އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށެވެ.

ރާއްޖެއަކީ އިންވެސްޓް ކުރަން އެންމެ ރަނގަޅު އެއް ގައުމު ކަމަށް ޖޯން ކީލްސް ގްރޫޕުން ބުނިއިރު، އެ ކުންފުނިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެ ކުންފުނިން ހިންގަމުން ގެންދަނީ އެއްލައިދޫ މޯލްޑިވްސްގެ އިތުރުން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް އަދި ސިނަމަން ދޮންވެލި ރިސޯޓެވެ.

ރާއްޖެއަކީ އިންވެސްޓް ކުރުމަށް ފަހި ގައުމަކަށް ހެދުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެވަނީ ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިންއެއް އިއުލާނުކޮށްފަ އެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފާފައި ވަނީ 2018 ގެ ކުރިން 50 ރިސޯޓު ހުޅުވުމަށެވެ. މިގޮތުން އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ އެވެ.