ވިޔަފާރި

އަހަރުގެ އެންމެ މޮޅު ނޫޓްގެ އެވޯޑަށް 1000 ރުފިޔާ ނޮމިނޭޓް ވެއްޖެ

ދުނިޔޭގެ އެކި ގައުމުތަކުގެ ފައިސާ ރިސާޗް ކުރާ އިންޓަނޭޝަނަލް ބޭންކް ނޯޓް ސޮސައިޓީ (އައިބީއެންއެސް) އިން ކޮންމެ އަހަރަކު ދޭ "ބެންކް ނޯޓް އޮފް ދަ އިޔާ" ނޫނީ އެންމެ މޮޅު ނޫޓްގެ އެވޯޑަށް ރާއްޖޭގައި މިދިޔަ އަހަރު ތައާރަފް ކުރި، 1000 ރުފިޔާ ނޮމިނޭޓްކޮށްފި އެވެ.

ދުނިޔޭގެ ގައުމުތަކުން ކޮންމެ އަހަރަކުވެސް ނެރޭ އާ ނޫޓްތަކުގެ މެދުގައި ބާއްވާ އެ މުބާރާތަށް ރާއްޖޭގެ 1000 ރުފިޔާގެ ނޫޓް ހުށަހެޅީ، އައިބީއެންއެސްގެ ލައިފް މެންބަރެއް ކަމަށްވާ ކްރިސްޓޮފް ޒެލްވެގާ އެވެ. ރަންދިހަ ފަހެއްގެ ސީރީޒްގެ ދަށުން މިދިޔަ އަހަރު އަލަށް ނެރުނު 1،000 ރުފިޔާގެ ނޫޓްގައި ދައްކުވައިދެނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ފަރުތަކުގެ ރީތިކަމެވެ. ދިވެހި ޒުވާނެއް ކަމަށްވާ އަބްދުﷲ ނަޝާތު ފަރުމާކޮށްފައިވާ އެ ނޫޓްގެ މަތީ ފަރާތުގައި ވެލައެއް ހިމަނާފައިވާ އިރު ފަހަތުގައި ވަނީ ފެހުރިއްސެއްގެ ފޮޓޯއެކެވެ.

އެ އެވޯޑަށް ނޫޓްތައް ބައިވެރިކުރުމަށް ހުޅުވާލާފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަ ވާނެ އެވެ. މިހާތަނަށް އެ އެވޯޑަށް ނޮމިނޭޓްވެފައި ވަނީ ރުފިޔާގެ އިތުރުން 12 ގައުމަކަށް ނިސްބަތްވާ 12 ނޫޓެކެވެ. މި ސަރަހައްދުގެ ގައުމުތަކުން ރާއްޖޭގެ އިތުރުން އެވޯޑަށް ނޮމިނޭޓްވެފައިވަނީ އިންޑިއާ އެވެ. އެވޯޑަށް ނޮމިނޭޓްކޮށްފައިވަނީ އިންޑިއާއިން އަލަށް ނެރުނު 2000 ރުޕީސްގެ ނޫޓެވެ.

ނޫޓް ނޮމިނޭޓް ކުރުމަށް މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުން، މި އަހަރުގެ އެންމެ މޮޅު ނޫޓް ހޮވާނީ އައިބީއެންއެސް އިން ދެން ބާއްވާ އެންމެ ފުރަތަމަ ބޯޑް މީޓިންގަ އެވެ. ނޫޓް ހޮވާނީ އެ ބައްދަލުވުމުގެ މެންބަރުންގެ ވޯޓަކުންނެވެ.

އެންމެ މޮޅު ނޫޓް ހޮވާއިރު ނޫޓްތަކުގެ ކޮލިޓީއާއި، ސެކިއުރިޓީ ފީޗާތަކާއި ނޫޓްގައި ބޭނުންކޮށްފައިވާ ޑިޒައިނާއި ކުރެހުމުގެ އިތުރަށް ބޭނުންކޮށްފައިވާ ކުލަތަކަށް ބަލާނެ އެވެ. އައިބީއެންއެސް ގެ ބެންކް ނޯޓް އޮފް ދަ އިޔާ އަށް މިދިޔަ އަހަރު ހޮވުނީ ނިއުޒިލޭންޑްގެ ފަސް ޑޮލަރުގެ ނޫޓެވެ.