ބޮލީވުޑް

ސަލްމާނަށް އެންމެ މޮޅު ބަތަލާ އަކީ ކެޓްރީނާ

Dec 6, 2016

ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކުރާ ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" ގެ މިހާރު ދައްކަމުން ދަނީ ފަސް ވަނަ ސީޒަން އެވެ.

ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ މިޝޯގެ 100 ވަނަ އެޕިސޯޑުގައި މެހެމާނުންގެ ގޮތުގައި ކަރަން އާއެކު ބައިވެރިވެފައިވަނީ ސުޕަސްޓާ ސަލްމާން ޚާން އާއި އޭނާގެ ދެކޮއްކޮއިން ކަމަށްވާ އަރްބާޒް ޚާން އާއި ސޮހެއިލް ޚާން އާއެކު އެވެ.

އަންނަ ހަފްތާގެ އާދީއްތަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ މިއެޕިސޯޑުގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު މިޝޯގައި ސަލްމާން އާއި އަރްބާޒް އަދި ސޮހެއިލް މަޖާ ވަގުތުތަކެއް ހޭދަކުރާތަން ފެނިގެންދެ އެވެ.

އާންމުކޮށް މިޝޯގައި ބައިވެރިވާ ހުރިހާ ތަރިންނާ ވެސް ކަރަންގެ ކުރިމަތިކުރުވާ ސުވާލަކީ އޭނާ ނިންކިޔާ ބަތަލާއިން ނުވަތަ ބަތަލުންގެ ނަންތައް އެމީހުންގެ އެކްޓިން ހުނަރަށް ބެލުމަށްފަހު އެތަރިއަކަށް ފެންނަ ގޮތަށް ރޭޓް ކުރުމަށެވެ.

އެގޮތުން ބަތަލާއިންގެ ތެރެއިން އެމީހުންގެ އެކްޓިން އަށް ބެލުމަށްފަހު އެކަކުން ފަހަކަށް ތަރުތީބުން ކިޔައިދިނުމަށް ސޮހެއިލް ކުރެން ސުވާލުކުރުމުން އޭނާ އަށް ޖަވާބު ނުދެވެނީސް ސަލްމާން ވަނީ އެކަކުން ހަތަރަކަށް ކެޓްރީނާ ކައިފް ކަމަށް ބުނެފަ އެވެ. ސަލްމާން ވަނީ ކެޓްރިނާ އަކީ މޮޅު އެކްޓަރެއް ކަމަށް ވެސް ބުނެފަ އެވެ.

ކަރަން އެސުވާލަކީ ސަލްމާންއާ ކުރި ސުވާލެއް ނޫން ކަމަށް ބުނިއިރު، ސޮހެއިލް ވަނީ އެހެންބުނަން އޭނާ ކެތްމަދުވެފައި ހުރީ ކަމަށް ބުނެފަ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ދައްކަމުން އަންނަ "ކޮފީ ވިތް ކަރަން" ފަސް ވަނަ ސީޒަންގައި އެންމެ ގިނައިން އެތަރިއެއްގެ ވާހަކަ ދެކެވެމުން އަންނަ ތަރިއަކަށް ކެޓްރީނާ ވާނެ އެވެ.

އެންމެފަހުން ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރު ކަޕޫރު ވެސް އެކްޓަރު ރަންވީރު ސިންގް އާއެކު ބައިވެރިވެ ކެޓްރީނާ އާ ގުޅޭގޮތުން ވާހަކަދައްކާފައިވާއިރު ސަލްމާން ވެސް މިވަނީ އޭނާ އަށް ލިބުނު ފުރުސަތުގައި ކެޓްރިނާގެ ވާހަކަ އެހާ ފާޅުކަން ބޮޑުކޮށް ދައްކާފައިވާއިރު އޭނާ އަށް ކެޓްރީނާ ވަރަށް ހާއްސަކަން އެނގެ އެވެ.

ސަލްމާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ރަންބީރާ ދިމާވެ އޭނާ އާއި ލޯބީގެ ގޮތުން ގުޅެން ވެގެން ސަލްމާންއާ ރުޅިވި ނަމަވެސް ކެޓްރިނާ އަކީ ސަލްމާނަށް އަބަދުވެސް ވަރަށް ހާއްސަ މީހެކެވެ. އެކަން ކޮންމެހެން ސިއްރުކުރާކަށް ސަލްމާން މަސައްކަތެއް ވެސް ނުކުރެ އެވެ. ފުރުސަތެއް ލިބިއްޖެނަމަ ކެޓްރީނާ އަށް ސަލްމާންގެ ތައުރީފު ބަންޑުންނުކުރާ ފަހަރެއް ނުދާނެ އެވެ.