- ނޫޓުން ފެންނަނީ ރާއްޖޭގެ ރީތިކަން
- ފައިސާ ކުރެހީ ދިވެއްސެއް
- ދުނިޔޭގެ ގައުމުތައް ފަހަތައް ލައިފި
"ދިވެސެއްގެ ކިބައިގައި ފައިސާއެއް ކުރަހާނެ ފަންވަރެއް ނުހުންނާނެ އެވެ؟" މިވެސް ދެއްކި ވާހަކަ އެކެވެ. ދެން ފޯރިގަދަވީ "ފައް ސަތޭކަ ރުފިޔާ" ގެ ނޫޓުގައި ޖެހުމުންނެވެ. އެކަމަކު އޭގެ އަހަރެއް ފަހުން މަންޒަރު ބަަދަލު ވެއްޖެ އެވެ. "ރަންދިހަ ފަހެއް" ގެ ނޫޓުގެ ވާހަކަ ދައްކަން މިއަދު ޖެހެނީ ފަހުރުވެރިކަމާއެކުގަ އެވެ. ސަބަބުތައް މަދުހެއްޔެވެ؟ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެތައް މިލިއަން މީހުންގެ މައްޗަށް ދިވެއްސަކު ކުރި ހޯދީ އެވެ. ދިވެއްސަކު ކުރެހި، ދިވެހި ނޫޓު ދުނިޔެ ސިއްސުވާލައިފި އެވެ. ސުވާލަކީ ކިހިނެއް ހެއްޔެވެ؟
ދުނިޔޭގެ އެކި ގައުމުތަކުގެ ފައިސާ ދިރާސާކުރާ އިންޓަނޭޝަނަލް ބޭންކް ނޯޓް ސޮސައިޓީ [އައިބީއެންއެސް] އިން ކޮންމެ އަހަރަކު ދޭ "ބެންކް ނޯޓް އޮފް ދަ އިޔާ" ނޫނީ އެންމެ މޮޅު ނޫޓްގެ އެވޯޑަށް ވާދަކުރާ ނޫޓުތަކުގެ ތެރޭގައި ރާއްޖޭގެ "1000 ރުފިޔާ" މިވަނީ ހިމެނިފަ އެވެ. މި އެވޯޑަކީ ފައިސާ ނޫޓަށް ދޭ "އޮސްކާ" ގެ ގޮތުގައި މިން ކުރާ ވަނަ އެކެވެ.
ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ފުރުމާ ދިމާކޮށް، މަރުކަޒީ ބޭންކުން ނެރުނު "ރަންދިހަ ފަހެއް" ގެ ނޫޓުތައް ފަރުމާކޮށްފައިވަނީ ދިވެހި ޒުވާނެއް ކަމަށްވާ އަބްދުﷲ ނަޝާތެވެ. މޯލްޑިވްސް ގެޓްވޭސްގެ ކްރިއޭޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނަޝާތު ވަނީ ނޫޓު ކުރަހައިގެން ރާއްޖެ ފަހުރުވެރިކޮށްދީފަ އެވެ.
އައިބީއެންއެސް އިން ބުނެފައިވާ ގޮތުގައި މި އެވޯޑަށް ނޮމިނޭޓް ވެފައިވަނީ މި ކުރަހާފައިވާ ގޮތާއި ނޫޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަވުން ހިމެނޭ ކަމަށެވެ. ރާއްޖޭގެ ނޫޓާއެކު އިތުރު ގައުމުތަކެއްގެ ފައިސާވެސް މި ލިސްޓަށް ނޮމިނޭޓް ވެފައިވެ އެވެ.
މި ލިސްޓުގައި ހިމެނިފައިވާ ގައުމުތަކުގެ ތެރޭގައި
- ސްވިޒަލޭންޑުގެ 50 ފްރޭން
- އިނިގޭސިވިލާތުގެ ފަސް ޕައުންޑް
- ނިއުޒިލޭންޑުގެ 50 ޑޮލަރު
- ބެލަރޫސްގެ 100 ރުބެލްސް
- އޮސްޓްރޭލިއާގެ ފަސް ޑޮލަރު
- ސްވިޑެންގެ 100 ކްރޯނާ
- އިންޑިޔާގެ އާ 2000 ރުޕީސް
ރާއްޖޭގެ 1000 ރުފިޔާގެ ސިފަތައް
ރަންދިހަ ފަހެއްގެ "1000 ރުފިޔާ" ގެ ނޫޓުން ސިފަކޮށްދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. މި ނޫޓުގެ ނުފުށުފައި ފެހުރިހީގެ ބުރަކަށިމަތީގައި ހުންނަ މަންޒަރުގަނޑު "ޕެޓާން" އާއެކު ދައްކުވައި ދެނީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަމާއި ދޮންވެލި ގޮނޑުދޮށާއި ގުދުރަތީ ރީތި ކަމެވެ. އަދި ނޫޓުގެ މައިގަނޑު ކުރެހުމުން ދައްކުވައިދެނީ ރާއްޖޭގެ ކަނޑުތަކުން އެންމެ ހިތް ގައިމުކޮށް ފެންނަ ވެލައާ އާއި އެންމަޑި އެވެ.
އައިބީއެންއެސް އިން ބުނެފައިވާ ގޮތުގައި، މި ލިސްޓަށް އާ ނޫޓުތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ އެވެ. އަހަރުގެ ބޭންކު ނޫޓު ހޮވާނީ ނޮމިނޭޓްވެފައިވާ ނޫޓުތަކުގެ ގިންތިތައް ބެލުމަށްފަހު އައިބީއެންއެސްގެ މެންބަރުންގެ ވޯޓުންނެވެ.
ކޮންމެއަކަސް ބެންކް ނޯޓް އޮފް ދަ އިޔާ ނުލިބުނަސް މިހާރުވެސް ރާއްޖެ މިއޮތީ ދިވެހިން ފަހުރުވެރިވާން ޖެހޭ ދަރަޖައެއްގަ އެވެ. ސަބަބަކީ ދިވެއްސަކު ކުރެވި، ނޫޓެއް އެމެރިކާ ފަދަ ގައުމުތަކުގެ ނޫޓުތައް ވައްޓާލުމަށްފަހު، މި ލިސްޓުގެ ނޮމިނޭޝަން ލިސްޓުގައި ގަދަ ކޮށްފައިވުން ނޫނީ ނުވާނެ އެވެ.