ފިނި މޫސުމުގެ ދުން ފިނީގައި މާބޮޑު ނިވަލެއް ނެތި ސެން ފްރެންސިސްކޯގެ ރޭލްވޭ ސްޓޭޝަނެއްގެ ފާހާނަ ތަޅުންގަނޑު މަތީ ހަތަރު ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ދަރިފުޅާއެކު ގުޅައަކަށް ނިދަން އޮތް އިރު އޭނާގެ ދިރިއުޅުން ހޮލީވުޑް ބްލޮކްބަސްޓާއަކަށް ބަދަލުވެގެން ދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. ސަލާންޖަހައިގެން އޭނާ އާއި ކުޑަ ދަރިފުޅުގެ ބަނޑު ފުރާނަ މުއްތިކޮށްގެން އުޅުނު ދަތި ހާލުން، އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ މިލިއަނަރަކަށް ވެދާނެ ކަމަށް އަމުދުން ހުވަފެނެއްގައި ވެސް ހިޔާލެއް ނުކުރެ އެވެ. މިއީ މަގުމަތީ ސަލާންޖަހަން އުޅުނު ދިރިއުޅުމުން ކާމިޔާބީއަށް ކެތްތެރިކަމާއެކު ދަތުރުކުރި ކެލިފޯނިއާއަށް އުފަން މަޝްހޫރު ކްރިސް ގާޑްނާގެ ވާހަކަ އެވެ.
1980 ވަނަ އަހަރު، އޭރު އުމުރުން 27 އަހަރުގެ ކްރިސް ގާޑްނާ ސެންފްރެންސިސްކޯގެ މަގުމައްޗަށް ނިކުންނަން ޖެހުނީ އޭނާއާ، ބަލަންޖެހިފައިވާ ތުއްތު ދަރިފުޅަށް ކާންދެވޭނެ ފަދައެއް ހޯދޭތޯ އެވެ. ޓްރެއިނީ ސްކީމެއްގެ ދަށުން އެސިސްޓެންޓް ސްޓޮކް އެޖެންޓެއްގެ ވަޒީފާގައި މަދު ފައިސާއަކަށް އުޅެމުންދިޔައިރު، އަމިއްލަ އަށް ބޯހިޔާކޮށްލާނެ ޖިފުޓިއެއްހާ ވެސް ނެތެވެ.
ދެބަފައިން ދިރިއުޅެން ނެގި ކޮޓަރިވެސް ކުލި ނުދެއްކިގެން އަތުން ބީވީއެވެ. އަނބިމީހާވެސް އޭނާގެ ފަގީރު ހާލަށް ދަރިފުޅު އޭނާއާ ހަވާލުކޮށް ދޫކޮށް ދިޔައީ އެވެ. އޭގެ ފަހުން އެ ސިޓީގެ ޕާކުތަކާއި އާންމު ޕާހާނަތައް އެ ދެބަފައިންގެ ތަންމަތިތަކަށް ވެއްޖެ އެވެ.
ކްރިސް ދުވާލު ދަނީ އޭނާގެ ވަޒީފާއަށެވެ. ދަރިފުޅު ޑޭކެއާ ސެންޓަރަކާ ހަވާލު ކުރުމަށްފަހު އެވެ. އާދައިގެ ގާޑިޔަލަކުން ގަންނަ މަދު ކާއެތިކޮޅަކުން ދެބަފައިން ފުއްދައިލަ އެވެ. ކާއެއްޗެއް ގަނެ ބާކީވާ ފައިސާ ދަރިފުޅުގެ ޑޭކެއާ ސެންޓަރަށެވެ.
އެ ހުރިހާ އުނދަގުލަކާ އެކުވެސް މަދު ފައިސާކޮޅު ލިބޭ އޭނާގެ އެ ވަޒީފާގައި ކްރިސް ދެމިހުއްޓެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށްވާ މަސައްކަތްތައް ބަރާބަރަށް ނިންމަން ފަރުވާ ބަހައްޓައެވެ. އޭނާގެ ކަމަކީ ހިއްސާ ވިއްކުމެވެ. އަހަރެއް ފަހުން ޓްރެއިނީއަކުން ދާއިމީ މުވައްޒަފަކަށް ކްރިސް ބަދަލުވި އެވެ. އެއާއެކު އަމިއްލަ ގެއެއް ހޯދައި، ދިރިއުޅުން ހަމައަކަށް އެޅިއްޖެ އެވެ.
1987 ވަނަ އަހަރު ކްރިސް އޭނާގެ އަމިއްލަ އިންވެސްޓްމަންޓް ފާމެއް ހުޅުވިއެވެ. އެއާއެކު އޭނާގެ ނަސީބުގެ ތަރި މެދު އުޑުގައި ވިދައިލީ އެވެ.
ނުބައި ދޮންބައްޕައެއްގެ އަނިޔާވެރިކަމުގެ ދަށުގައި މަންމައާއެކު ކުޑައިރުގެ ބައެއް ހޭދަކޮށް އޭގެ ފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި އުޅެ ބޮޑުވި ކްރިސް، އޭނާގެ ދިރިއުޅުން ކާމިޔާބީގެ ރާސްތާއަށް އައިތާ އަހަރުތަކެއް ފަހުން އުމުރުން 52 އަހަރުގައި އޭނާގެ ހަޔާތުގެ ވާހަކަ ފޮތެއްގެ ސިފައިގައި ނެރެން ބޭނުންވެ އެކަން ކުރިއެވެ. އެ ފޮތުގައިވަނީ އޭނާގެ ކުޑައިރުގެ އުނދަގޫ ދިރިއުޅުމާއި، އަހަރެއް ވަންދެން ދަރިފުޅާއެކު މަގުމަތީގައި ނިކަމެއްޗެއްގެ ގޮތު އުޅުނު ގޮތުގެ ވާހަކަ އެވެ.
2006 ވަނަ އަހަރު ނުކުތް "ދަ ޕާސުއިޓް އޮފް ބީން ހެޕިނެސް" ފިލްމަކީ ކްރިސްގެ ދިރިއުޅުމުގެ ވާހަކައިގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ކާމިޔާބީއާ ހަމަޔަށް ދަތުރު ކުރުމަށް ވަރުގަދަ އަޒުމެއްގެ މުހިއްމުކަން ދައްކުވައިދޭ އެ ފިލްމު ހިމެނުނީ އެ އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ތެރޭގަ އެވެ.
އުމުރުން މިހާރު 62 އަހަރު ވެފައިވާއިރު ކްރިސް ވަނީ އޭނާގެ ހަޔާތުގެ ވާހަކަ ހިއްސާކޮށް، ދިރިއުޅުން ސީދާ ނަޒަރަކުން އުޖާލާ ކުރުމާބެހޭ ބައްދަލުވުންތައް ބޭއްވުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށްފައެވެ. އޭނާގެ މިލްކިއްޔާތުގައި 60 މިލިއަން ޑޮލަރު އެބަހުއްޓެވެ. ގުނައި އަދަދު ނުކުރެވޭ އަމިއްލަ ޖަމިއްޔާތަކާއި ބޯހިޔާވަހިކަން ނެތް މީހުންނަށް އެހީވެދޭ އެތަކެއް ޖަމިއްޔާއަކަށް އޭނާގެ ދީލަތި އެހީތައް ފޯރުކޮށްދެ އެވެ.