ހޮލީވުޑް

އޮސްކާގެ މިފަހަރުގެ ހޯސްޓަކީ ޖިމީ ކިމެލް

Dec 6, 2016

މި އަހަރުގެ އެންމެ މޮޅު ފިލްމުތަކަށް ހާއްސަކޮށްގެން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އެކަޑެމީ އެވޯޑްސް (އޮސްކާ) ގެ ހޯސްޓަކަށް މަޝްހޫރު ކޮމޭޑިއަން އަދި ޓޯކް ޝޯ ހޯސްޓް، ޖިމީ ކިމެލް ހަމަޖައްސައި އިއުލާނުކޮށްފި އެވެ.

އަމިއްލަ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކިމެލް މިކަން ކަށަވަރުކޮށްދީފައިވާއިރު މި ހުށަހެޅުން ވެގެންދާނީ އޮސްކާގެ ސްޓޭޖުގައި ހޯސްޓެއްގެ ގޮތުގައި އޭނާ ކުރާ ފުރަތަމަ ތަޖުރިބާ އަށެވެ. ނަމަވެސް ކިމެލް އަކީ އެއްގޮތަކަށް ވެސް އެވަރުގެ ބޮޑު އޯޑިއެންސަކަށް އާ މޫނެއް ނޫނެވެ.

އެމެރިކަން މިއުޒިކް އެވޯޑްސް އާއި 2012 އަދި 2016 ވަނަ އަހަރުގެ އެމީ އެވޯޑްސް ވެސް އޭނާ ހުށަހަޅައިދީފައިވެ އެވެ. ކިމެލްއާ އޮސްކާ ހަވާލުކޮށްފައިވާއިރު، މި އަހަރު ބޭއްވި އޮސްކާ ހަފުލާ އަކީ ފާއިތު އަށް އަހަރަށް ބަލާއިރު އެންމެ މަގްބޫލުކަން ކުޑަ ޝޯ އެވެ.

މި އަހަރުގެ އޮސްކާ އެވޯޑްސް ހުށަހަޅައިދިނީ މަޝްހޫރު ކޮމޭޑިއަން ކްރިސް ރޮކް އެވެ.

ކްރިސް ރޮކަށް ފަހު އޮސްކާ ހުށަހަޅައިދީފައިވާ މަޝްހޫރު އެހެން ކޮމޭޑިއަންތަކުގެ ތެރެއިން އެލެން ޑެޖެނެރަސް އާއި ސެތު މެކްފާލިން ވޫޕީ ގޯލްޑްބާގް އަދި ނީލް ޕެޓްރިކް ހެރިސް ފާހަގަކޮށްލެވެ އެވެ.

ޖިމީ ކިމެލް ބެލުންތެރިންގެ މެދުގައި މަގްބޫލުވެ މަޝްހޫރުކަން ހޯދާފައި ވަނީ 2003 ވަނަ އަހަރުން ފެށިގެން އޭނާ ހުށަހަޅައިދެމުން އަންނަ "ޖިމީ ކިމެލް ލައިވް" ޓޯކް ޝޯ އިންނެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރެއަށް ހާއްސަކޮށްފައިވާ އޮސްކާ އެވޯޑްސްގެ މިފަހަރުގެ ޕްރޮޑިއުސަރަކީ މައިކެލް ޑެ ލޫސާ އާއި ޖެނިފާ ޓޮޑް އެވެ.