ހޮލީވުޑް

އެންމެ މޮޅު ފިލްމަކަށް "މޫންލައިޓް" ހޮވައިފި

Dec 6, 2016

ހޮލީވުޑްގެ އެވޯޑް ސީޒަން ފަށާފައިވާއިރު މި ރޭހުގެ ކުރީގައި އަދިވެސް އޮތީ އިންޑީ ޑްރާމާ، މޫންލައިޓް އެވެ. ބެރީ ޖެކިންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް އޮސްކާއާ ރައްޓެހި، ގޮތަމް އެވޯޑްސްގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ލިބިފައިވަނިކޮށް ނިމިގެން ދިޔަ ލޮސް އެންޖެލިސް ފިލްމް ކްރިޓިކްސް އެވޯޑްސްގައި ވެސް އެންމެ މޮޅު ފިލްމަކީ މޫންލައިޓް އެވެ.

އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރަކަށް ޖެކިންސް ހޮވުނުއިރު އެންމެ މޮޅު ސިނެމެޓޯގްރެފީ އާއި ސަޕޯޓިން އެކްޓަރުގެ އެވޯޑް ވެސް ލިބިފައި ވަނީ މި ފިލްމަށެވެ. މި ވަނަތަކާ އެކު އެންމެން ވެސް މިހާރު ބުނަމުން ގެންދަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އޮސްކާ އެވޯޑްސްގައި ވެސް އެންމެ މޮޅު ފިލްމަކަށް މި ފިލްމު ހޮވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މޫންލައިޓް އަކީ ކަޅު ނަސްލުގެ، ޒުވާނެއްގެ ހަޔާތުގެ އަސަރުގަދަ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އޭނާގެ ހަޔާތުގެ ވާހަކަ ގެނެސްދީފައިވަނީ ތިން މަރުހަލާ އަކަށް ބަހާލައިގެންނެވެ.

މި ޑިސެމްބަރު މަހު ދެން ކުރިއަށް ހުރި މަޝްހޫރު އެވޯޑްސްތަކަށް ބަލާއިރު ކްރިޓިކްސް ޗޮއިސް އެވޯޑްސްގައި ވެސް މި ފިލްމު 10 އެވޯޑަށް ވާދަކުރެ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ވެސް ހިމެނެ އެވެ.