ފިނިޕޭޖް

ސަލްމާން އާއި ޝާހްރުކް އެކުގައި ފިލްމު ކުޅެން އަލުން ތައްޔާރު

Dec 7, 2016

މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ދެތަރިންނަކީ ސުޕަސްޓާ ސަލްމާން ޚާން އާއި ޝާހްރުކް ޚާން އެވެ. މިދެތަރިންނަކީ ފިލްމީ ދާއިރާ އަށް ނިކުތް ދުވަސްކޮޅުން ފެށިގެން ވެސް ގާތްދެރަހުމަތްތެރިން ނަމަވެސް ޝާހްރުކްގެ "ޗަލްތޭ ޗަލްތޭ" ގެ ޝޫޓިން ތެރޭގައި ސަލްމާން ގޮސް ހިންގި ހަމަނުޖެހުމުގެ ސަބަބުން އޭނާ އާއި ޝާހްރުކްގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން ވަނީ ހީނަރުވެފަ އެވެ.

އޭގެފަހުން ބަތަލާ ކެޓްރީނާ ކައިފްގެ އުފަންދުވަހު ޕާޓީގެ ތެރޭގައި ވެސް ސަލްމާން ހަމަނުޖެހުން ހިންގަން އުޅުމުން އެކަން ހުއްޓުވަން ޝާހްރުކް މަސައްކަތްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ސަލްމާން ވަނީ އެދެމީހުންގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ނިމުމަކަށް ގެނެސްފަ އެވެ.

ޒަމާންތަކެއް ފަހުން މިދިޔަ އަހަރުން ފެށިގެން ސަލްމާން އާއި ޝާހްރުކްގެ އެކުވެރިން އަލުން ވަނީ ބަދަހިވެފަ އެވެ.

މިހާތަނަށް އެކުގައި ތިން ފިލްމެއްް ކުޅެފައިވާ ސަލްމާން އާއި ޝާހްރުކް އަލުން އެކުގައި ފިލްމަކުން ފެނިގެންދާ އެތަކެއް ބަޔަކު އިންތިޒާރުކލުރަމުން އަންނައިރު، މިދެތަރިން މިވަނީ އެކުގައި ފިލްމެއް ކުޅެން އެމީހުން ތައްޔާރުކަމަށާއި ނަމަވެސް އެކަމަށް ޝަރުތުތަކެއް ހުރި ކަމަށް ބުނެފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ މުމްބައިގައި ބޭއްވި ސްޓާ ސްކްރީން އެވޯޑްސްގެ 23 ވަނަ އެވޯޑް ހަފްލާ އެކުގައި ހޯސްޓްކުރުމަށްފަހު ބައެއް މީޑިއާތަކުން އެދެތަރިން އެކުގައި ފެނިގެންދާނެތޯ އެހުމުން ވަނީ، އެކުގައި ފިލްމެއް ކުޅެން އެދެމީހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެމީހުން އެކުގައި ކުޅޭ ފިލްމެއް ވާން ޖެހޭނީ ވަރަށް މޮޅު ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމަކަށް ކަމަށެވެ. އަދި އެފިލްމެއް ޑައިރެކްޓްކުރާ ޑައިރެކްޓަރުވެސް ވާން ޖެހޭނީ ވަރަށް ކެތްތެރި މީހަކަަށް ކަމަށް ޝާހްރުކް އާއި ސަލްމާން ބުނެފައިވެ އެވެ.

"ކޮންމެވެސް ދުވަހަކުން އަދި އަހަރުމެން އެކުގައި ފިލްމަކުން ފެނިގެންދާނެ. އަހަރުމެން ދެމީހުން ހިމަނައިގެން ފިލްމެއް އުފައްދާނެ ޑައިރެކްޓަރުން ވެސް އަދި ވާނެ" ޝާހްރުކް ބުނެފައިވެ އެވެ.

"ކަރަން އަރްޖުން" އިން އެކުގައި ފެނިގެން ގޮސް، ބޮޑު މަގުބޫލުކަމެއް ލިބުނު ޝާހްރުކް އާއި ސަލްމާން އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ "ހަމް ތުމްހާރޭ ސަނަމް" ކިޔާ ފިލްމަކުންނެވެ. މިދެތަރިން ވަނީ އެކުގައި "ކުޗް ކުޗް ހޯތާހޭ" އިން ވެސް ފެނިގެން ގޮސްފަ އެވެ.

މީގެކުރިން ވެސް މިދެތަރިން އެކުގައި ފިލްމު ކުޅެން ޝައުގުވެރިވާ ވާހަކަ ބުނެފައިވީ ނަމަވެސް ބޮލީވުޑްގެ ބައެއް މަޝްހޫރު ޑައިރެކްޓަރުން ވަނީ އެދެތަރިން ފިލްމު ކުޅެދޭ އަގު ބޮޑުވުމުން ދެތަރިންނާއެކު ފިލްމެއް އުފެއްދޭނެ ފެންވަރުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ނެތް ކަމަށް ބުނެފަ އެވެ.

މިފަހަކަށް އައިސް ސަލްމާން އާއި ޝާހްރުކްގެ އެކުވެރިން ބަދަހިފައިވާލެއް ބޮޑު ކަމުން އެކަކު އަނެކަކު ފިލްމުތައް ޕްރޮމޯޓްކޮށްދިނުމުގައި ވެސް ތިބެނީ އަތުކުރި އޮޅާލައިގެންނެވެ.

އެކުގައި އިތުރު ފިލްމެއް ކުޅުނު ޝައުގުވެރިކަން މިދެތަރިންގެ ކިބައިގައިވެސް ހުރިއިރު، ދެތަރިން އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ ހަމަ ޔަގީނުން ވެސް އެމީހުންގެ ފޭނުން އެންމެ ދެކެން ބޭނުންވާ އެއް ދުވަހެވެ.