ކުރީގެ ފިރިމީހާ މަރާލިކަން ސާބިތުވެގެން ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ނަޒާހާގެ ވަކީލަކަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކޯޓަށް މިއަދު ވަޑައިގަންނަވައިފި އެވެ.
ނަޒާހާގެ ކުރީގެ ފިރިމީހާ ކަމަށް މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ ޖޫން، 2010 ގައި އޭނާ މަރާލިކަން ސާބިތުވާތީ އުމުރު ދުވަހުގެ ޖަލު ހުކުމް އައިސް، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ނަޒާހާގެ ވަކީލެއްގެ ގޮތުގައި އާޒިމާ މިއަދު ވަނީ ހައި ކޯޓަށް ވަޑައިގެން، އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި ވާހަކަ ދައްކަވައިފަ އެވެ.
އާޒިމާ އެދިވަޑައިގަތީ ޝާހިދު މަންމަ ހައި ކޯޓަށް ހާޒިރުކޮށް ދިނުމަށެވެ. މީގެކުރިން ބޭއްވި އަޑުއެހުންތަކުގައި ވެސް ނަޒާހާގެ ފަރާތުން ވަނީ ޝާހިދު މަންމަ ކޯޓަށް ހާޒިރުކޮށް ދޭން އެދިފަ އެވެ. އެއީ ނަޒާހާއަށް ޝާހިދު އަނިޔާކުރާ ކަން ސާބިތުކުރަން ކަމަށް އޭރު ނަޒާހާގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.
އާޒިމާ މިއަދު އެގޮތަށް އެދިވަޑައިގަތުމުން ފަނޑިޔާރުން ބެންޗުން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރާއިރު ޝާހިދު މަންމަ ހާޒިރުކުރަން ފެނިއްޖެ ނަމަ ހާޒިރު ކުރާނެ ކަމަށެވެ. އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހައި ކޯޓުން އޮތީ ނިންމާލައިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިތުރު އަޑުއެހުމެއް މިއަދު ބޭއްވީ އެވެ.
ނަޒާހާގެ ވަކީލެއްގެ ގޮތުގައި އާޒިމާ މިއަދު ކޯޓަށް ވަޑައިގެންނެވިއިރު ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް އެ މައްސަލައިގައި ހައި ކޯޓުގައި ނަޒާހާގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންނެވި އެވެ. އާޒިމާގެ ކުރިން ނަޒާހާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ މިހާރުގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއިލް ވިޝާމެވެ.