އޮފްބީޓް

މުސްލިމުންނަށް ހާއްސަ "ހަލާލު" ކާޓޫނެއް އުފެއްދުމަށް ގޮވާލައިފި

Dec 8, 2016
2

މުސްލިމުންނަށް ހާއްސަ "ހަލާލު" ކާޓޫނު ސިލްސިލާއެއް އުފެއްދުމަށް އޮސްޓްރޭލިއާގެ އިސްލާމިކް ދީނީ އިލްމުވެރިންގެ ކައުންސިލުން ގޮވާލައިފި އެވެ.

ދަ އޮސްޓްރޭލިއަން ނެޝެނަލް އިމާމްސް ކައުންސިލުން މިގޮތަށް ގޮވާލާފައި ވަނީ އެގައުމުގެ މުސްލިމުން އާއިލާތަކުގެ މެދުގައި ވެސް މަގްބޫލުކަން ހޯދާފައިވާ، ޕްރިސްކޫލް ކުދިންނަށް ހާއްސަ އެނިމޭޓެޑް ސިލްސިލާ، ޕެޕާ ޕިގްގެ ބަދަލުގައި މުސްލިމުންނާ ރައްޓެހި "ހަލާލު" ކާޓޫނުތަކަށް ކުދިން އަހުލުވެރިކުރުވަން ޖެހޭ ކަމަށް ބުނެ އެވެ. އެގޮތުން އިސްލާމީ ރިވެތި އުސޫލާއި ދިރިއުޅުން ދައްކުވައިދޭ ކާޓޫނު ސިލްސިލާތައް އުފެއްދުމަށް ބެލެނިވެރިން މާލީ އެހީ އާއި އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުން ގޮވާލާފައިވެ އެވެ.

ޕެޕާ ޕިގްގެ "ހަލާލު ވާޝަން" އެއް މުސްލިމު ދަރިވަރުންނަށް އުފެއްދުމަށް ގޮވާލާފައިވާއިރު އިސްލާމީ އަހުލާގާއި އުޅުން ދައްކުވައިދޭ ކާޓޫނުތައް އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ވަން ފޯ ކިޑްސް އިން ވަނީ މިހާރު ވެސް "ބަރާކާ ހިލްސް" ގެ ނަމުގައި މުސްލިމު ކުދިންނަށް ހާއްސަ ޝޯއެއް ލިޔެ ނިންމައި މަސައްކަތް ފަށައިފަ އެވެ. މިއީ "ޕެޕާ ޕިގް" ގައި ކިޔައިދޭ އިރުޝާދުތަކާއި ނަގައިދޭ ފިލާވަޅުތަކުގެ "އިސްލާމިކް ވާޝަން" އަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރެވެ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ ކުންފުންޏެއް ކަމުގައިވާ ވަން ފޯ ކިޑްސް އިން އެމީހުންގެ މި އާ ޝޯއަށް ފައިސާގެ އެހީ އަށް އެދިފައިވާއިރު އިމާމުންގެ ކައުންސިލުން ވަނީ އެމީހުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށް މި ޝޯ ހަގީގަތަކަށް ހެދުމަށް އާންމުންނަށް ގޮވާލައިފަ އެވެ.

އިނގިރޭސި ވިލާތުގެ އުފެއްދުމެއް ކަމަށްވާ "ޕެޕާ ޕިގް" އަކީ މިހާރު ވެސް 180 ގައުމެއްގައި ބްރޯޑްކާސްޓްކުރަމުން އަންނަ ކާމިޔާބު ސިލްސިލާ އެކެވެ. އާންމުކޮށް މި ޝޯ ގެނެސްދެނީ ނިކް ޖޫނިއާ އާއި ޗެނަލް ފައިވް އިންނެވެ.

މި ކާޓޫނު ސިލްސިލާގައި ދައްކުވައި ދެނީ ދުވަހުގެ އެކި ހަރަކާތްތަކާއި ކުޅިވަރުތަކުގައި ޝާމިލުވެ އުޅޭ ގޮތާއި އާއިލާ މީހުންނާ ގުޅުން ބަދަހިކުރުމުގެ ނަމޫނާތަކާއި އެކި އަހުލާގެވެ.

މި ކާޓޫނު ސިލްސިލާ އަކީ ބްރިޓިޝް އެކަޑެމީގެ ޗިލްޑްރެންސް އެވޯޑް އެކި ފަހަރުމަތިން ހާސިލުކޮށްފައިވާ ސިލްސިލާއެކެވެ. --ބީބީސީ