ވިޔަފާރި

މުޅި ރާއްޖެ ސަބްމެރިން ކޭބަލަކުން ގުޅާލަން އުރީދޫ އިން ފަށައިފި

Dec 8, 2016
  • މަޝްރޫއު ފެށީ އިންޓަނެޓުގެ ލައިސަންސް ލިބުމުން
  • މަޝްރޫއުގެ ސަބަބުން މުޅި އިންޓަނެޓު ހަލުވިވާނެ
  • ރާއްޖޭގެ ދެކުނުން އުތުރަށް ކޭބަލް އަޅާނެ

މުޅި ރާއްޖެ ސަބްމެރިން ކޭބަލުން ގުޅާލަން އުރީދޫން 25 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ "ނޭޝަންވައިޑް އަންޑަސީ ކޭބަލް" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ކަނޑައަޅާފައިވާ ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައި، ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިފާ ލޭންޑިންގް ސްޓޭޝަނާ މިއަދު ގުޅާލާފައިވާ ކަމަށެވެ.

އުރީދޫން ބުނީ ރާއްޖޭގެ ދެކުނުން އުތުރު ކަނޑުއަޑިން ކޭބަލް ދަމާލެވިގެންދާއިރު، ސ. ހިތަދޫ އާއި ގދ. ތިނަދޫ އަދި ހުޅުމާލެ އާއި މ.ކޮޅުފުށި އަދި ބ.އޭދަފުށްޓާއި ހދ. ކުޅުދުއްފުށީގައި ކޭބަލް ލޭންޑިންގް ސްޓޭޝަންތަށް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި ކޭބްލްގެ ސަބަބުން "ހުއާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީގެ ބާރުގައި، ކުރިއަށް ގެންދާ ކޭބަލް މެދުވެރިކޮށް އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ ބުނީ މި މަޝްރޫއުގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މިއަދުގެ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުން ކަމަށެވެ. އަދި މީގެ ތެރޭގައި ޓެލެމެޑިސިން، ޓެލެވަކިންގް، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓްގެ ހިދުމަތްތަށް ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އަންނަ މަހު ނިމޭނެ އެވެ.

ސަބްމެރިން ކޭބަލުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރަނީ ހުއާއޭ ކުންފުނިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެކަމަށް ހާއްސަ އުޅަނދެއްގަ އެވެ. އުރީދޫން ދަނީ ރާއްޖޭގައި އެ ކުންފުނީގެ ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ. އެގޮތުން އުރީދޫއަށް ފިކްސްޑް ލައިން އިންޓަނެޓުގެ ހިދުމަތް ދީފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އަދި "ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް" ގެ ނަމުގައި އިންޓަނެޓުގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ މެއި 12 ވަނަ ދުވަހު އެވެ.