ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ މީޑިއާ ކޮންޓެންޓް ޕްލެޓްފޯމްއަކީ އައިފްލިކްސް އެވެ. އެ ޕްލެޓްފޯމްގައި އެތައް ހާސް ފިލްމާއި ސީރީޒް ހިމެނެ އެވެ. އެހާ ބޮޑު ޕްލެޓްފޯމެއް މިހާރު މިވަނީ ދިވެހިންގެ ވެސް އަތްމަތީގަ އެވެ. ދިރާގުން މި ވަނީ އައިފިލްކްސް ދިވެހިންގެ އަތްފޯރާ ފަށަށް ގެނެސްދީފަ އެވެ.
ދިރާގުން ވަނީ އައިފްލިކްސް ރާއްޖެއަށް ލޯންޗުކޮށް، ތިން މަސް ދުވަހަށް ހިލޭ އައިފްލިކްސްގެ ލައިބްރަރީގައި ހިމެނޭ ހުރިހާ އެއްޗެހި ބަލާލުމަށް ދޫކޮށްލާފަ އެވެ. ތިން މަހަށްފަހު ފީއެއްގެ ގޮތުގައި ނަގާނެ އަދަދު އަދި ހާމަކޮށްފައިނުވި ނަމަވެސް މާބޮޑު ނުބައްދަލު އަގެއް ނުނަގާނެކަމުގެ ޔަގީންކަން ދިރާގުންދެ އެވެ.
އައިފްލިކްސްއަށް ދިރާގުގެ ކޮންމެ ކަސްޓަމަރަކު ސަބްސްކްރައިބް ކުރުމުން، ފުރަތަމަ ތިން މަސް ދުވަސް ހިލޭ ލިބިގެންދާނެ އެވެ. ސްބްސްކްރައިބް ކުރަންޖެހެނީ މޮބައިލް ޑޭޓާއަށް ކަނެކްޓްކޮށްގެންނެވެ. ނަމަވެސް އެއަށްފަހު ވައިފައިއަށް ކަނެކްޓްކޮށްގެން ފިލްމްތައް ބަލާލެވޭނެ އެވެ.
އައިފްލިކްސްއާ އެހެން މީޑިއާ ކޮންޓެންޓް ޕްލެޓްފޯމްތަކާ ތަފާތުވާ ކަމަކީ ޑައުންލޯޑުކޮށްގެން ބަލައިލުމުގެ ފުރުސަތު ލިބުމެވެ. ވައިފައިއަށް ކަނެކްޓްކޮށްގެން ފިލްމެއް ޑައުންލޯޑެއް ކޮށްލުމަށްފަހު އެ ފިލްމެއް ފަހުން ބަލައިލެވޭނެ އެވެ. މިސާލަކަށް ގެއަށް ދާން ފެރީއަށް އަރައި މީހާއަށް ވެސް އޮފީހުގައި ހުރެ ޑައުންލޯޑްކޮށްލާ ފިލްމް ފެރީގައި ބަލައިލެވޭނެ އެވެ. މޮބައިލް ޑޭޓާ ޖައްސާކަށް ނުޖެހޭނެ އެވެ.
މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އައިފްލިކްސް، މަގުބޫލުވަމުން އަންނަ ސަބަބަކީ މިއީ އެވެ. އެކި މޯޑުތަކަށް ބަދަލުކޮށްލެވޭތީ އެވެ. އެގޮތުން އައިފްލިކްސް ކިޑްސް މޯޑަށް ބަދަލުކޮށްލެވެ އެވެ. އޭރަށް ފެންނާނީ ހަމައެކަނި ކުޑަކުދިންގެ ފިލްމްތަކެވެ. ކާޓޫނެވެ. ކިޑްސް މޯޑަށް ލާފައި ދަރިފުޅު އަތަށް ޓެބްލެޓް ދީފައި ދެވިދާނެ އެވެ. ބިރެއް ނެތެވެ. އެ މޯޑްގައި އޮންނަ އިރު އެހެން އެއްވެސް އެއްޗެއް ބެލުމުގެ ފުރުސަތު ދަރިފުޅަށް ނުލިބޭނެ އެވެ.
އައިފޯނާއި އެންޑްރޮއިޑް ހިމެނޭ ގޮތަށް ފޯނާއި ޓެބްލެޓާއި ލެޕްޓޮޕާއި ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ އިތުރުން ޓީވީގެ މެދުވެރިކޮށް އެއްފަހަރާ ފަސް ޑިވައިސްގައި އައިފްލިކްސް ބޭނުންކޮށްލެވެ އެވެ. އައިފްލިކްސް ފައްކާވެފައި ސަޅީ މިހެންވެ އެވެ.
ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އައިފްލިކްސްގައި އެންމެ މަގުބޫލް ޓީވީ ސީރީޒްތަކާއި ހޮލީވިޑްގެ ފިލްމްތައް ނަން ހުސްކޮށް އެބަހުއްޓެވެ. އޭގެއިތުރަށް ބޮލީވުޑްގެ ފިލްމްތަކާއި އެހެން ބައެއް ގައުމުތަކުގެ ފިލްމްތައް ވެސް އެބަހުއްޓެވެ. އަންހެން ކުދިންނަށް މަގުބޫލު ކޮރެއާގެ ސީރީޒްތައް ވެސް އެބަހުއްޓެވެ. މިހާރު ދިވެހިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ މިސްޓަ ރޮބޮޓް ބަލާލެވެނީ ހަމައެކަނި އައިފްލިކްސްއިންނެވެ. އޭގެއިތުރަށް މަޝްހޫރު ޑޮކިއުމެންޓްރީތައް ވެސް ބަލައިލެވެ އެވެ.
ކޮންމެއަކަސް ދިވެހިންގެ އަތް މައްޗަށް ވެސް އައިފްލިކްސް އައިސް، އެ ދިވެހިންނަށް ވެސް ފައްކާ އެއްޗަކަށް މިވަނީވެފަ އެވެ. ކުރިއަށް އޮތްތާ ވެސް އައިފްލިކްސް ތަރައްގީވަމުންދާއިރު އޭގެ ފައްކާކަން ދާނީ އިތުރުވަމުންނެވެ.