ހަބަރު

ނާޒިމް ޕްލޭން ކުރީ ރައީސް ޔާމީނާއި އަދީބު އަދި ހުސެން ވަހީދަށް ހަމަލާދޭން: ދައުލަތް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ޕެން ޑްރައިވުން ފެނުނު މައުލޫމާތުތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން ޕޮލިސް ކޮމިޝަނާ ހުސައިން ވަހީދަށް ހަމަލާދޭން ނާޒިމް ރާވާފައިވާ ޕްލޭން ހިމެނޭ ކަމަށް ދައުލަތުން ކޯޓުގައި މިއަދު ބުނެފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސް ޔާމީނާއި އަދީބުގެ އިތުރުން ހުސައިން ވަހީދަށް ހަމަލާދޭން ނާޒިމް ރާވާފައިވާ ކަން އެ ޕެން ޑްރައިވުން ފެނުނު މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އަދި މާލެއަށް ފެން ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީއަށް ކްރައިސިސެއް ގެނައުމާއި ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އިތުބާރު ނެތްކަމުގެ ވޯޓާއި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ނެގި ވޯޓުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރަން ނެގި ވޯޓުގެ ވާހަކަ ވެސް އެ މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި އެކަންކަމަށް ނާޒިމަށް ފަންޑް ކުރަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ނާޒިމްގެ ކޮއްކޯފުޅު އާދަމް އާޒިމް އެމްޑީކަން ކުރެއްވި އެސްޓީއޯއިންނާއި ރިޔާޒް ނަމަކަށް ކިޔާ މީހެކެވެ. އަދި އެކަމަށް ހަތިޔާރު ފޯރުކޮށް ދެނީ ބޮޑުބޯޅު ނަމަކަށް ކިޔާ މީހަކު ކަމަށާއި ބޭރުގެ އެހީ ހޯދަން އެފްއޭ ނަމަކަށް ކިޔާ މީހަކު އެހީވާނެ ކަމަށް ވެސް އެ މައުލޫމާތުތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހުރިހާ ކަންކަން ވެސް ކޯޑިނޭޓްކޮށް، މެނޭޖްކުރާނީ ނާޒިމް އަމިއްލައަށް ކަން އެ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. އަދި ފުރަތަމަ ހަމަލާދޭނީ މިނިސްޓަރު އަދީބަށް ކަމަށާއި ދެން ސީޕީ ހުސައިން ވަހީދާއި ރައީސް ޔާމީނަށް ހަމަލާދޭން ޕްލޭންކޮށްފައިވާ ކަން ޕެން ޑްރައިވުން ފެނުނު މައުލޫމާތުތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަންކަން އެގޮތަށް ކުރުމަށް ފަހު މީހުން ސަލާމަތް ކުރާނެ ގޮތުގެ ޕްލޭނަކާއި އެކަން ކުރާނެ ގަޑިއާއި މީހުން ބައިތިއްބާނެ ލޮކޭޝަންތައް ވެސް ޕްލޭންކޮށްފައިވާ ކަން އެ މައުލޫމާތުތަކުން އެނގޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ އެ ވާހަކަތައް ނިމުމުން ފަނޑިޔާރުން ވިދާޅުވީ ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ނާޒިމްގެ ވަކީލުންނަށް ފަހުން ދެއްވާނެ ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.