ކުޅިވަރު

ހއ. ގައި ކުރިޔަށްދާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފަށައިފި

Dec 10, 2016
1

ހއ. އަތޮޅުގައި ކުރިޔަށް ދާ އެންމެ ބޮޑު ފުޓު ބޯޅަ މުބާރާތް "މައި ކަޕް ފުޓްބޯލް ޓޯނަމަންޓް" މިރޭ ފަށައިފި އެވެ. މި މުބާރާތަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އިސް ނަގައިގެން މުޅި ހއ. އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ.

މައި ކަޕް ފުޓްބޯލް ޓޯނަމަންޓް ގުޅޭ ގޮތުން މުހައްމާ ވިދާޅުވީ އިހަވަންދޫ ސްޕޯޓްސް ކްލަބުން ހިންގާ މި މުބާރާތުގައި 16 ޓީމެއް ބައިވެރިވި ކަމަށާއި އެގޮތުން ޓީމުތައް ބޮޑު ހަރަދު ކޮށްގެން ފަސްޓް ޑިވިޝަންގެ ގިނަ ކުޅުންތެރިން ވެސް ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި މައި ކަޕްގެ އެއްވަނަ އަށް ދާ ޓީމަކަށް 75000 ރުފިޔާގެ އިނާމަކާއި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.

"މި ރަށުގެ ޒުވާނުން އަބަދުވެސް ފުޓު ބޯޅައަށް ވަރަށް ފޯރި ހުރޭ. މާބޮޑު ފައިސާގެ އިނާމެއް އޭރަކު ނުލިބޭ. ނަމަވެސް މިހާރު މުޅި އަތޮޅަށް ހުޅުވިގެން އަތޮޅު ފެންވަރުގައި މި މުބާރާތް ހިންގަނީ. މިއީ މައި ކަޕް މުބާރާތް ހިންގާތާ 10 ވަނަ އަހަރު،" މުހައްމާ ވިދާޅުވި އެވެ.

މިރޭގެ މުބާރާތް ޝަރަފުވެރިކޮށްދިނުމުގެ ގޮތުން ހއ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަޑައިގެންނެވި އެވެ.