ހޮލީވުޑް

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން 5" ގެ ޝޫޓިންގައި އުޅެނިކޮށް ޖޮނީ ޑެޕަށް އަނިޔާވެއްޖެ

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ސިލްސިލާގެ ފަސް ވަނަ ފިލްމު ކަމުގައިވާ "ޑެޑް މެން ޓެލް ނޯ ޓޭލްސް" ގެ ޝޫޓިންގައި އުޅެނިކޮށް ޖޮނީ ޑެޕަށް އަނިޔާވެއްޖެ އެވެ.

ކެޕްޓަން ޖެކްސްޕެރޯގެ ގޮތުގައި ޑެޕް އެނބުރި އަންނަ މި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ އޮސްޓްރޭލިއާގަ އެވެ. އަނިޔާވެފައި ވަނީ ޖޮނީ ޑެޕްގެ އަތަށެވެ.

މި އަނިޔާއާ ގުޅޭ މާ ބޮޑު ތަފްސީލެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އާންމުކޮށްފައި ނެތަސް އަނިޔާ އަށް ފަރުވާ ހޯދުމަށް ޖޮނީ ޑެޕް އެނބުރި އެމެރިކާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމުގެ ރިޕޯޓް ލިބެ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ އަނިޔާއާ ގުޅިގެން ފިލްމުގެ ޝޫޓިން އަށް ބުރޫއެއް އަރާނެ ކަމަށް ނުބެލެވެ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމު ޑިޒްނީ އިން ނެރުމަށް އިއުލާނުކޮށްފައިވާ ތާރީޚަކީ ޖުލައި 7، 2017 އެވެ. މި ފިލްމުގައި ޑެޕްގެ އިތުރުން ހާވިއާ ބާޑެމް އާއި ކާޔާ ސްކޯޑެލާރިއޯ އާއި ބްރެންޓޮން ތްވެއިޓްސް ވެސް ފިލްމުގައި ހިމެނެ އެވެ.

މި ފިލްމު ސިލްސިލާ އަކީ ޑެޕްގެ ފިލްމީ ހަޔާތުގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު މަސައްކަތެވެ. ކެޕްޓަން ޖެކްސްޕެރޯގެ ގޮތުގައި އޭނާ އެނބުރި އައުމަށް މަސައްކަތްކުރަމުންދާއިރު މިފަހުން ކުޅުނު ގިނަ ފިލްމުތައް ވަނީ ފްލޮޕްވެފަ އެވެ. އެގޮތުން އެންމެފަހުން ނެރުނު "މޮޑެކާއީ" އަކީ ވެސް ބޮކްސް އޮފީހުގައި ފްލޮޕެކެވެ.

އެންމެން ވެސް ބުނަނީ ޖެކް ސްޕެރޯގެ ގޮތުގައި ޑެޕް އެނބުރި ނާންނަނީސް އޭނާގެ ކެރިއަރު ދެން ރަނގަޅެއް ނުވާނެ ކަމަށެވެ.