ރިޕޯޓް

އެ ވެރިކަމުގައި ހާދަ ގިނަ ނޫސްވެރިންނަކަށް އަދަބު ލިބުނޭ!

Dec 10, 2016
13

ކުރީގެ ރައީސް މައުމޫނަށް! އަބްދުﷲ ލުޠުފީ ތަމަޅައިން ގޮވައިގެން 3 ނޮވެމްބަރ 1988 ގައި ރާއްޖެ އައިސް ހިންގި ޢުދުވާނީ ހަމަލާއަށްފަހު އިބަގެ ވެރިކަމުގެ ސިޔާސަތަށް ބަދަލުތަކެއް އައެވެ. ސިފައިންގެ ޔުނިފޯމަށް ވެސް ބަދަލުތަކެއް ގެނެވުނެވެ. އިބަގެ ބަސްމަގަށް ވެސް ބަދަލުތަކެއް އައެވެ.

ތޮށިގަނޑުފަޅާލާފައި ނިކުމެ ސައިހޮޓާތަކާއި ގޯޅިތަކުގެ ކަންމަތީގައި ޚިޔާލުފާޅު ކުރުމަކީ ކުރަންވީ ކަމެއްކަމަށް ދޭހަވާ ގޮތަށް ވެސް އިބަ "ގައުމާ މުޚާޠަބު ކުރައްވައި" ވާހަކަފުޅު ވެސް ދެއްކެވީމެއްނޫންތޯ އެވެ.؟

ދެންވީ ކިހިނެއް ކަން އިބައަށް އެނގިވަޑައިގަންނަވާތޯއެވެ؟ ޒުވާން ނޫސްވެރިން، ޒުވާން ލިއުންތެރީން މަހަކު ދެފަހަރު "ސަންގު" ނެރެން ފެށިއެވެ. ހަފުތާއަކު އެއްފަހަރު "ހުކުރު" ނެރެން ފެށިއެވެ. "މަންތިރި" ނެރެން ފެށިއެވެ. ގައުމުގެ ހައްގުގަ އެވެ. ފާލުން ނެއްޓެމުން ދިޔަ އިބަގެ ސަރުކާރު އިސްލާހު ކުރުމަށެވެ. ހަމައެކަނި "ހުކުރު" މަޖައްލާ އަށް ބަލާލިއަސް އެއިން ފެންނަން ހުރީ ރައްޔިތުންގެ ހައްގުގައި ލިއެފައިވާ ލިއުންތަކެވެ. ލިއުންތައް ބިނާވެފައި ހުރީ ގައުމުގެ ހައްގުގައެވެ. އިބަގެ ހައްގުގަ އެވެ.

"ހުކުރު" މަޖައްލާގެ ބައެއް ސުރުޚީތަކަށް ކަޅިއެއް ހިންގައިލާނަމެވެ.

"އޭޓީސީގެ ފައިސާތަކަށްވީ ކިހިނެއްބާ!"
"ފުލުހުން ވެސް ގާނޫނަށް އިހުތިރާމް ކުރަންޖެހޭނެ."
"އަނިޔާކޮށްގެން ބަޔާންހޯދުމަކީ އިންސާނީ ހައްގުތަކާ ޚިލާފުކަމެއް."
"ވެރިކަމަށް ހެއު ބަދަލުތަކެއް ގެންނަން ވަނީ ބޭނުންވެފައި."
"އިސްލާމް ދީނަކީ ސިޔާސީ ހަތިޔާރެއް ނޫނެވެ. ވޭތުވެދިޔަ ބާރަވަރަކަށް އަހަރު ކަންތައްތައް ހިނގީ ހިނގާނެ އޮތަކަށެވެ."
"ސަރުކާރަށް ފާޑުކިޔަނީ ގައުމުގެ ދުޝްމަނުންނެއް ނޫން!"

"ހުކުރު" މަޖައްލާގެ 26 ޖުލައި 1990 ގެ އަދަދުގެ އެޑިޓޯރިއަލްގެ ޕެރެގްރާފެއްގައި މަސްއޫލުވެރިއާ ލިއެފައިވެއެވެ.
"ދިވެހިރާއްޖޭގެ ރައީސްކަމަށް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް ތިންވަނަ ދައުރަކަށް ހޮވުމާ ގުޅިގެން "ތޮށިގަނޑު ފަޅާލާފައި" ޢާއްމުން ނިކުތުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމުގައި ދޭހަވާ ފަދަ އިބާރާތަކުން ވާހަކަދެއްކެވިއެވެ. އެއާއެކު އާއްމުންނަށް ޚިޔާލުފާޅުކުރުމުގެ އިތުރު މިނިވަންކަމެއް ލިބުނުކަމަށް ހީކުރެވުނެވެ. ނަމަވެސް ބިނާކުރަނިވި، މިނިވަން ޚިޔާލުފާޅުކުރާ މީހުން ސަރުކާރުގެ ތަންތަނަށް ދަމަންފެށުމުންނާއި "ބަންދު" ކުރަންފެށުމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ވާހަކައަކީ ހަގީގަތެއް ނެތް ފުލޯކެއް ކަމަށް ފެންނާން ފެށިއެވެ."

މަތީގައިވާ ޕެރެގްރާފް ލިއެގެން ލިއުންތެރިޔާ 45 ދުވަސް ވާނދެން ތަހުގީގަށޭ ކިޔައި ދޫނިދޫ ޖަލަށްލައި ބަންދުކޮށްގެން ގެންގުޅުނެވެ. މަސްއޫލުވެރިޔާ ބަންދުކުރިތާ 15 ދުވަސްފަހުން "ހުކުރު" ސަރުކާރުން އުވާލިއެވެ. ޖަލުން މިނިވަން ވުމުން ޑިފެންސްގެ ހުއްދައެއް ނެތި މާލެއިން ފުރައިގެން ނުދެވޭގޮތަށް އެތައްއަހަރެއް ވާނދެން މަސްއޫލުވެރިޔާ "މާލޭ ބަންދު" ގައި ގެންގުޅުނެވެ. އޭގެ ފަހުން ޝަރީޢަތް ހިންގައި 6 މަސްދުވަހަށް އަރުވާލިއެވެ.

ރައީސް މައުމޫނެވެ. ދައުލަތުގެ ތިން ބާރު އިބަ ގެންގުޅުއްވީމެއްނޫންތޯ އެވެ؟ ޝަރީޢަތް ހިންގީ އިބައާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކައެއް ދައްކައިގެންކަމަށް ބުނެވެ. ދައުވާ ކުރީ އިބަ އައްޔަން ކުރައްވާފައި ހުންނެވި އެޓާނީޖެނެރަލް ކޯޓަށް ފޮނުވި މީހެކެވެ. އަދުލުއިންސާފުގެ އެންމެ އިސްވެރިއަކީ އިބައެވެ. ގާޒީ އައްޔަން ކުރައްވަނީ ......... އިބައަށް ހަމަ ސާބަހެވެ!

ބިނާކުރަނިވި މިނިވަން ޚިޔާލުފާޅުކުރާ މީހުން ސަރުކާރުގެ ތަންތަނަށް ދަމަންފެށުމުންނާއި "ބަންދު" ކުރަންފެށުމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ވާހަކައަކީ ހަގީގަތެއް ނެތް ފުލޯކެއް ކަމަށް ފެންނާންފެށި ވާހަކަ ލިއުނު މީހާއަށް އިބަގެ ސަރުކާރުން ދިނީ ކޮންފަދަ މަތިވެރި
"އިނާމަކާއި ޝަރަފެއް" ހެއްޔެވެ؟ އޭރުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދެއެވެ.

"ހުކުރު"ގެ ލިއުންތެރިންގެތެރެއިން ޖަލައްލުމާއި އަރުވާލުމުގެ ހުކުމާ ކުރިމަތިލާންޖެހުނީ މަސްއޫލުވެރިޔާއަށް އެކަންޏެއް ނޫނެވެ. އެޑިޓަރ ވެސް އަރުވާލިއެވެ. "ހުކުރު"ގެ ލިއުންތެރީންގެ ތެރެއިން އަޙުމަދު ވަޙީދު އަލީ، ނައުޝާދު ވަޙީދު، މުޙައްމަދު ވަޖީހު، މުޙައްމަދު ޖަމީލު، ޢަބްދުﷲ ހަމީދު ފަހުމީ، މުޙައްމަދު ޖަލީލު ފަދަ ބޭބޭފުޅުން އަރުވާލެވުނެވެ. އެކިއެކި ލިއުންތައް ލިއެގެންނެވެ. ކާޓޫނު ކުރަހައިގެންނެވެ. ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ވާޖިބު އަދާކުރި އެބޭފުޅުންނާއި އެބޭފުޅުންގެ އާއިލާގެ ބޭބޭފުޅުންގެ ލޮލުން ފޭބި ލޭކަރުނައިގެ އަގު އަދާކުރާނީ ކާކު، ކިހިނެއްތޯއެވެ؟

ކިތަންމެ ބޮޑު އަނިޔާވެރިއަކަށް ވެސް އަނިޔާ ނުކުރުމަށް ގޮވާލައި ނަސޭހަތްތެރި ވެވިދާނެ ކަމާމެދު ޝައްކެއްނެތެވެ. ދެން އެހާހިސާބުން އަޅުގަނޑުމެން ބަލަންވީ އެއީ އޯގާތެރި، ކުލުނުވެރި، ހިތްތިރި ބޭފުޅެއް ކަމަށް ހެއްޔެވެ؟

ލޯބިވާ ކުރީގެ ރައީސް މައުމޫނެވެ. ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ހާދަހާ ގިނަ ނޫސްވެރިންނަށާއި ލިއުންތެރީންނަށް އިބަގެ ވެރިކަމުގައި ދައުލަތުން ދައުވާކޮށްގެން އަދަބު ދީފައި އެބަހުއްޓެވެ. އިބަގެ ވެރިކަމުގެ ރަން ޒަމާނަށްވުރެ ނޫސްވެރިންނަށް އަދަބު ލިބުނު އެހެން ޒަމާނެއް ރާއްޖޭގެ ތާރީޚުން ފެންނަން އެބައޮތް ހެއްޔެވެ؟ ނޫސްވެރިއަކަށް ކުރި ދައުވާއެއް އިބަގެ ވެރިކަމުގައި އަނބުރާ ގެންދެވިންތޯ އެވެ؟ އިބަގެ ވެރިކަމުގައި ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވީ ކަމަށް އިބަ ގަބޫލުފުޅު ނުކުރައްވަންތޯއެވެ؟ އެކަމާ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވީކަން އިބައަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟

ނޫސްވެރިންތަކެއްގެ މައްޗަށް ތަހުގީގު ހިންގާތީ އެކަމާ ހިތްޕުޅާ ނުވެގެންނާއި މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް އަސާސް ކަމަށް އިބައަށް ނިދާއަކުން ނަމަވެސް އެނގިވަޑައިގަތުމަކީ އުފާކުރަންޖެހޭ ކަމެކެވެ.

ރައީސް މައުމޫންއެވެ! ނޫސްވެރިންނަށާއި މީޑިއާތަކަށް ސަރުކާރުން ކުރިމަތިކުރަމުންދާ ގޮންޖެހުންތައް ހުއްޓާލައި، މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށް ދެއްވުމަށް އެދިވަޑައިގެން އިބަ ބަޔާނެއް ނެރުއްވުމުން، ކުރީ ދުވަހެއްގައި އިބަ ވިދާޅުވެފައިވާ ފަދައިން އަޅުގަނޑުގެ ގާތަށް ވެސް އަންނަނީ ފާޑެއްގެ "ބޮޑު ހިންޏެކެވެ." އެއާއެކު ކަންފަތަށް އިވެނީ ލަވައެއްގެ ތަންކޮޅެކެވެ.

"މާޒީވެ ދިޔަހާތަނުން، ހާސިލު ވަނީ އިބުރަތޭ،
ވޭނާ އުފާ ލިބިދެއޭ، ތެދެކޭ މިއީ ދުނިޔެއޭ"

އެޑިޓަރުގެ ނޯޓް

މުހައްމަދު ސައީދު މޫސާ ވަޖުދީއަކީ ނޫސްވެރި ކަމުގެ ގައުމީ ހިދުމަތުގެ އިނާމާއި އެހެނިގެން ޝަރަފު ލިބި ވަޑައިގެންފައިވާ އަދި ނޫސްވެރިކަމުގައި ވަރަށް ގިނަ ފަހަރަށް ޖަލަށް ލެވި އަރުވާލެވިފައިވާ ނޫސްވެރިއެކެވެ. އޭނާ އަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ރަންޒަމާން ފަށައިދިން ނޫސްވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ނޫސްވެރިއެއް އަދި ލިޔުންތެރިއެކެވެ. ވަޖުދީގެ ނޫސްވެރި ކަމުގައި އޭނާގެ "ދުރުމި" ކޮލަމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވަރަށް މަގުބޫލް ކޮލަމެކެވެ.