ލައިފްސްޓައިލް

މާ ބޮޑަށް ތައުރީފުކުރުމުން ކުދިންގެ އަމިއްލަ އެދުން ބޮޑުވެ، ކިބުރުވެރިވޭ: ދިރާސާ

Mar 11, 2015

ދަރިންނަށް މާ ބޮޑަށް ތައުރީފުކޮށް އާދަޔާހިލާފު ސަމާލުކަމެއް އެމީހުންނަށް ދިނުމަކީ އެ ކުދިންގެ އަހުލާގަށް އޭގެ ނޭދެވޭ ގިނަ އަސަރުތަކެއްކޮށް އަމިއްލަ އެދުން ބޮޑު އަދި ބޮޑާ ކަމާއި ކިބުރުވެރިކަން އެ ކުދިންގެ އަހުލާގުގައި އަށަގަންނަ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ޕްރޮސީޑިން އޮފް ދަ ނެޝެނަލް އެކަޑެމީ އޮފް ސައިންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓްގައި ބުނެފައި ވަނީ އަމިއްލަ ދަރިއަށް މައިންނާއި ބަފައިންގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެ ލޯބީގައި ހައްދުފަހަނަޅައި ދެވޭއިރު ވެސް އެކަން ނޭނގޭ ކަމަށެވެ. އަދި މި ލޯތްބާއި އަޅާލުމުގައި ރޮނގު ހުރަސްކޮށް ދަރިންނަށް ހިދުމަތްކުރުމުގައި މައިންބަފައިން ހައްދުފަހަނަޅައި ދާ ހިސާބުން ދަރިންގެ އަހުލާގަށް ނޭދެވޭ އަސަރުކުރަން ފަށަނީ ކަމަށެވެ.

މި ދިރާސާގައި އުމުރުން ހަތް އަހަރާއި 11 އަހަރުގެ 565 ކުދިން ބައިވެރިކޮށް 18 މަސް ދުވަސް ވަންދެން އެމީހުންގެ ދިރިއުޅުން ދިރާސާކޮށްފައިވެ އެވެ. ދިރާސާ ކުރިއަށް ގެންދިޔަ ތަޖުރިބާކާރުންގެ ޓީމުން ބުނެފައި ވަނީ ދަރިފުޅު ބޭނުންވާހާ ކަމެއް އޭނާ އަށް ކޮށް ދިނުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ދައްކައިގެން ދަރިފުޅަށް ކަންތައްތައް ބުނެ ދިނުމަކީ އޭގެ ސަބަބުން އެ ދަރިފުޅުގެ އަހުލާގަށް މުހިންމު ހެޔޮ ބަދަލުތަކެއް ވެސް އަންނަ ކަމެއް ކަމަށެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ "ތިމަންނަގެ ދަރި އެހެން އެންމެންގެ ދަރިންނަށް ވުރެ މޮޅުވާނެ ކަމަށާއި ރަނގަޅުވާނެ" ކަމަށް ބުނެ މިފަދަ އިބާރާތްތަކުން ދަރިންނަށް ތައުރީފުކުރުމަކީ ވަރަށް ވެސް ނުބައި އަސަރުތަކެއް ދަރިންގެ އަހުލާގަށް ކުރާ ކަމެއް ކަމަށެވެ. ތަޖުރިބާކާރުން ބުނަނީ އެގޮތަށް ދަރިންނަށް ތައުރީފުކުރުމުން އެމީހުންނަށް އަބަދުވެސް މުހިންމުވެފައި އޮންނާނީ އެމީހުންގެ ކަންކަން ކަމަށާއި ބާރު އަޅާނީ އަބަދުވެސް އެމީހުންގެ އަމިއްލަ ބޭނުންތައް އެންމެ ފުރަތަމަ ފުއްދުމަށް ކަމަށެވެ.

"ތިމަންނަ އަށް ވުރެ މަތިވެރި މީހެއް ނެތް ކަމުގެ އިހްސާސްކުރެވޭ ހިސާބަކީ ވަރަށް ގޯސް ހިސާބެއް. އެގޮތަށް ވިސްނެން ފަށާ ހިސާބުން އެ މީހަކު ދެން ތިބޭ މީހުންނަކަށް ނުބަލާނެ. އެހެންވީމަ ދަރިންނަށް ވެސް ވިސްނައިދޭން ވާނީ އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަން،" ދިރާސާގައި އިސްކޮށް ބައިވެރިވި، އޮހަޔޯ ސްޓޭޓް ޔުނިވާސިޓީގެ ސައިކޮލޮޖީ ޕްރޮފެސާ ބްރެޑް ބުޝްމަން ވިދާޅުވީ މިހެންނެވެ.