ހަބަރު

ނާޒިމްގެ ދިފާއީ ހެކިންގެ ގޮތުގައި ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރުގެ ނަން ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ދިފާއުގައި ނާޒިމްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަން މިއަދު ހުށަހަޅައިފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާ މައްޗަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދިފާއީ ހެކިން ހުށަހަޅަން ފުރުސަތު ދިނުމުން ނާޒިމްގެ ފަރާތުން 50 މީހަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރާއި ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވެސް ހިމެނެ އެވެ.

ރައީސް ޔާމީންގެ ނަން ހުށަހެޅީ ނާޒިމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިންޒާރު ދެއްވުމުން އެ ވާހަކަ ރައީސަށް ނާޒިމް ދެންނެވިކަން ސާބިތު ކުރުމަށެވެ. އުމަރުގެ ނަން ހުށަހެޅީ ނާޒިމަށް އަދީބު އިންޒާރު ދިން ކަން ސާބިތު ކުރުމަށް ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވި އެވެ.

ނާޒިމް ފްރޭމްކޮށްފައިވާކަން ސާބިތުކުރަން މަހްލޫފްގެ ނަން ހުށަހެޅިއިރު ހުސައިން ވަހީދުގެ ނަން ހުށަހެޅީ ބަލައި ފާސް ކުރިކަން ސާބިތު ކުރުމަށެވެ. މީގެ އިތުރުން ވެސް ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުންނާއި އެ ދެ މުއައްސަސާގައި ކުރިން މަސައްކަތް ކޮށްފައިވާ ބޭފުޅުންގެ އިތުރުން ނާޒިމްގެ އާއިލާގެ ބައެއް ބޭފުޅުންގެ ނަން ވެސް ދިފާއީ ހެކިންގެ ގޮތުގައި ނާޒިމްގެ ވަކީލުން ހުށަހެޅި އެވެ.

މީގެ އިތުރުން ފިންގަޕްރިންޓް ދިމާ ނުވާކަމުގެ ލިޔުމާއި ފޮޓޯތަކަކާއި ކްރައިމް ސީން ރިޕޯޓުގެ އިތުރުން ފިސިކަލް އެގްޒެމިނޭޝަން ރިޕޯޓް ވެސް ނާޒިމްގެ ފަރާތުން ދިފާއުގައި މިއަދު ހުށަހެޅި އެވެ.

ގިނަ އަދަދެއްގެ މީހުންނާއި ޑޮކިއުމެންޓް ހެކިތަކެއް ނާޒިމްގެ ފަރާތުން ހުށަހެޅި ނަމަވެސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ދިފާއީ ހެކިންގެ ތެރެއިން ޝަރީއަތަށް ހާޒިރުކުރާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭވަރުގެ ހެކިން ކަމަށާއި އެހެންވެ ނާޒިމްގެ ފަރާތުން ހުށަހެޅި ހުރިހާ ހެކިން ހާޒިރު ނުކުރެވިދާނެ ކަމަށެވެ.

މީގެކުރިން ދައުލަތުން ހެކި ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިއްރު ތިން ހެއްކަކާއި ފާޅުގައި ހެކިބަސް ދޭ ދެ މީހެއްގެ އިތުރުން ބައެއް ލިޔުންތައް ހުށަހަޅާފައިވެ އެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހެކިންގެ ހެކިބަސް ނަގާނެ ކަމަށެވެ.