ހޮލީވުޑް

ޖޯޖް ކްލޫނީ އާއި އަމާލް 300 މިލިއަން ޑޮލަރުގެ ވަރިއަކާ ދިމާލަށް

Dec 11, 2016
3

ހޮލީވުޑްގެ "ޕަވާ ކަޕްލްއެއް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ޖޯޖް ކްލޫނީ އާއި އަމާލްގެ ކައިވެނީގައި ވެސް އެންމެފަހުން ހިލައުފެދި ދެ މީހުން އެކުގައި ކުރިއަށް ނުދެވޭ ވަރަށް ގުޅުން ގޯސްވެ ވަރިއާ ދިމާލަށް މިސްރާބު ޖަހާފައިވާކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފި އެވެ.

ސެލެބްރިޓީންގެ ޒާތީ ދިރިއުޅުމަށް އެންމެ ބޮޑަށް ފާރަލާ އެއް ހަފުތާ މަޖައްލާ ކަމުގައިވާ، އޯކޭ މެގަޒިން އިން ރިޕޯޓްކޮށްފައިވާގޮތުން ޖޯޖް އާއި އަމާލް ތައްޔާރުވަމުން ދަނީ 300 މިލިއަން ޑޮލަރުގެ ބޮޑު ވަރިއަކަށެވެ. އިނގިރޭސި ވިލާތުގެ މި މަޖައްލާގައި، ނަން ހާމަކޮށްފައިނުވާ ފަރާތްތަކަކާ ހަވާލާދީ ބުނެފައި ވަނީ ޖޯޖް އާއި އަމާލްގެ ގުޅުން ގޯސްވުމުގެ އަސްލަކީ ކުދިން ހޯދަން ޖޯޖް ބޭނުންނުވާ މައްސަލަ އާއި އަމާލްގެ ހަރަދުބޮޑު މުއްސަނދި ދިރިއުޅުމުގެ އާދަކާދަތައް ކަމަށެވެ.

މީގެ އިތުރުން އެމެރިކާ ދޫކޮށް ލަންޑަނަށް ދިރިއުޅުން އެއްކޮށް ބަދަލުކުރުމަށް އަމާލް ގެންގުޅޭ ވިސްނުން ޖޯޖަށް ކަމުނުދިއުމަކީ ވެސް ޖެހިފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް މިއިން އެއްވެސް ވާހަކަތަކެއްގެ އަސްލެއް ކަށަވަރެއް ނުވެ އެވެ. އަދި ވަރީގެ މައްސަލަ ބައެއް މީޑިއާތަކަށް އަރާފައިވީ ނަމަވެސް ކްލޫނީ އާއި އަމާލްގެ އެއްވެސް ފަރާތްތަކުން މިހާތަނަށް އެއްޗެއް ބުނެފައި ނުވާއިރު ބައެއް ނޫސްތަކުން ބުނަނީ މިއީ ހަމައެކަނި ޓެބްލޮއިޑް ނޫސްތަކުން އަރުވައިގެން އުޅޭ ހަގީގަތެއް ނެތް އަޑެއް ކަމަށެވެ.

އިނގިރޭސި ވިލާތުގެ، ހިއުމަން ރައިޓްސް ލޯޔަރެއް ކަމުގައިވާ އަމާލްއާ ޖޯޖް ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އެއަށް ފަހު ޖޯޖު ބުނެފައި ވަނީ އަމާލްއާ ބައްދަލުވެ އެކުގައި ޒަވާޖީ ހަޔާތެއް ފެށުމުގެ ނަސީބު ލިބުމަކީ މީގެ ކުރިން ދުވަހަކުވެސް މީހަކާ އެކު ލިބިފައިނުވާ ފަދަ އުފާވެރިކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.