މިސްރުގެ ވެރިރަށް ގާހިރާގައި ނަސޯރާއިންގެ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާއެއްގައި މިއަދު 25 މީހުން މަރާލައިފި އެވެ.
މި ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު ކަށަވަރުވެފައި ނުވި ނަމަވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް މިސްރުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓު ކުރެ އެވެ. މިހަމަލާއާއި ގުޅިގެން ހިތާމަފާޅުކުރުމަށް ތިން ދުވަހުގެ މުއްދަތެއް މިސްރު ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.
މިހަމަލާ ދިން މަންޒަރު ދައްކައިދޭ ވީޑިއޯ ފޫޓޭޖެއް މިސްރުގެ ގައުމީ ޓީވީން ވަނީ ދައްކާފަ އެވެ. އެ ވީޑިއޯ އިން ދައްކާ ގޮތުގައި ބޮން ގޮއްވާލުމާއެކު ފައްޅި ތެރޭގައި ހުރި ފަރުނީޗަރު ތަކާއެއްޗެހި ހަލާކުވެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސް އެތައް ބަޔަކަށް އަނިޔާވެ އެވެ.
މިހަމަލާއާއި ގުޅިގެން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ވިދާޅުވީ ހަމަލާގެ ފަހަތުގައި ތިބީ މުސްލިމުންނަށް ވިޔަސް އަދި ނަސޯރާއިންނަށް ވިޔަސް ހަމަލާދިން މީހުން ހޯދާ ހައްގު އަދަބު ދޭނެ ކަމަށާއި ޓެރަރިޒަމްގެ އަމަލުތައް ކުރާ ފަރާތްތައް ދޫކޮށް ނުލާނެ ކަމަށެވެ.
މިސްރުގައި ނަސޯރާއިންގެ އާބާދީ އަކީ 10 އިންސައްތަ އެވެ.
މިސްރުގެ ފައްޅިއަކަށް ބޮމުގެ ހަމަލާދީ 25 މީހުން މަރާލާފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު މުސްރުގެ ގީޒާގެ މައި މަގުގައި ހުންނަ ފުލުހުންގެ ޗެކް ޕޮއިންޓަކަށްވަނީ ބޮމުގެ ހަމަލާއެއްދީ ހަ ފުލުހުން ވަނީ މަރާލާފަ އެވެ.