ހޮލީވުޑް

ސްޓާ ވޯސްގެ އާ ފިލްމަށް ހިފެހެއްޓުމެއް ނެތް ތައުރީފު

Dec 11, 2016

ރާއްޖޭގައި ވެސް ގިނަ މަންޒަރުތަކެއް ޝޫޓްކޮށްފައިވާ ސްޓާ ވޯސްގެ އާ ފިލްމު "ރޯގް ވަން" ގެ ވޯލްޑް ޕްރިމިއާ ލޮސް އެންޖެލިސްގެ ޕެންޓޭގެސް ތިއޭޓާގައި ނިންމާލާފައިވާއިރު މި ހާއްސަ ޝޯގައި ފިލްމު ބަލައިލުމުގެ ފުރުސަތު ލިބުނު އެންމެން ވެސް ބުނަނީ މިއީ ސްޓާ ވޯސްގެ ސިލްސިލާގެ އެންމެ މޮޅު ފިލްމު ކަމަށެވެ.

ހިފެހެއްޓުމެއް ނެތް ތައުރީފު މި ފިލްމަށް އޮހެމުންދާއިރު ރަސްމީކޮށް ފިލްމުގެ ޝޯތައް އުތުރު އެމެރިކާގައި ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އިނގިރޭސި ޑައިރެކްޓަރު، ގެރެތު އެޑްވަޑްސް ޑައިރެކްޓްކޮށްފައިވާ ދެ ގަޑި އިރާއި 18 މިނެޓްގެ މި ފިލްމަކީ މިހާ ތަނަށް ގެނެސްދިން ސްޓާ ވޯސްގެ ފިލްމުތަކުގައި ކިޔައިދިން ވާހަކަތަކާ ވަކިން އުފެދިގެން އަންނަ ޕްލޮޓް ލައިނެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި ދައްކުވައި ދެނީ ސްޓާ ވޯސްގެ ދުނިޔޭގެ ގެލެކްޓިކް އެމްޕަޔާގެ އެންމެ ގަދަފަދަ ހަތިޔާރު ކަމުގައިވީ ޑެތު ސްޓާއެއް ހަލާކުކޮށްލުމަށް ހަތިޔާރު އެޅި ގްރޫޕަކުން ކުރާ މަސައްކަތެވެ. މި ބަގާވާތުގެ ލީޑަރުގެ ރޯލު ކުޅެފައި ވަނީ އިނގިރޭސި ބަތަލާ ފެލިސިޓީ ޖޯންސް އެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނޭ މި ފިލްމުގެ މުހިންމު މަންޒަރުތަކުގެ ތެރެއިން 20 މިނެޓް ރާއްޖޭގައި ވެސް ޝޫޓްކޮށްފައިވެ އެވެ. ރާއްޖޭގެ ލ. އަތޮޅުގެ ހިތްގައިމުކަމުގައި ޝޫޓްކޮށްފައި ވަނީ ނިކަން ވަރުގަދަ ކުރިމަތިލުންތަކެވެ. ދިވެހި ސިފައިން، ސްޓޯމްޓްރޫޕާސްގެ ރޯލުތައް ކުޅެފައިވާ އެ މަންޒަރުތަކާ އެކު ރޯގް ވަން ދިވެހި ރާއްޖެ ސްޓާ ވޯސްގެ ފޭނުންނަށް ވިއްކާނީ ސްކާރިފް ނަމަކަށް ކިޔާ ހިޔާލީ ދުނިޔެއެއްގެ ގޮތުގަ އެވެ.

ޑިޒްނީ އިން ސްޓާ ވޯސްގެ އާ ފިލްމުތަކެއް އުފައްދަމުން ދަނީ ލޫކަސް ފިލްމާ އެކު މި ފިލްމު ސިލްސިލާގެ ރައިޓްސް ހަތަރު ބިލިއަން ޑޮލަރަށް ގަތުމަށް ފަހު އެވެ. ޑިޒްނީ އިން ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ސްޓާ ވޯސްގެ އާ ހަތަރު ފިލްމު އުފެއްދުމަށް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި މުހިންމު ކެރެކްޓާ، ހާން ސޯލޯގެ ސްޕިން އޮފް ފިލްމުތަކެއް ވެސް ހިމެނެ އެވެ.

ރޯގް ވަން އަކީ 200 މިލިއަން ޑޮލަރުގެ ބޮޑު ފިލްމެކެވެ. ފުރަތަމަ ހަފުތާގައި އެކަނި ވެސް މި ފިލްމަށް 100 މިލިއަނާއި 150 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ޑިޒްނީ އިން މިދިޔަ އަހަރު ގެނެސްދިން މި ސިލްސިލާގެ ފިލްމު "ދަ ފޯސް އެވޭކެންސް" އަށް އެކަނި ވެސް ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.