ހަބަރު

މަލާލާ އަށް ނޮބެލް ހައްގުތަ؟

މަލާލާ ޔޫސުފްޒާއީ އަށް މި ޝަރަފްވެރި އެވޯޑް ހައްގު ނޫން ކަމަށް ބުނާ މީހުން އެންމެ ގިނައީ އޭނާ ނިސްބަތްވާ ޕާކިސްތާނުގަ އެވެ. އުމުރުން އެންމެ 17 އަހަރުގައި މަލާލާ، ނޮބެލްގެ ސުލްހައިގެ އިނާމް ހާސިލުކޮށްފައިވަނީ އުނގެނުމާ އެއްކޮޅަށް އޭނާ ކުރިއަށް ގެންދާ ކެމްޕޭނުގައި ތާލިބާން ހަނގުރާމަވެރިންގެ މަރުގެ އެތި ފަހަރަކުން ސަލާމަތްވެގެންނެވެ.

އޭނާއާ އެކު މިފަހަރު މި އިނާމް ހިއްސާކުރަނީ އިންޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ ކައިލާޝް ސަތިއާރުތީ އެވެ. ނަމަވެސް އޭނާގެ މަސައްކަތަކަށް އަދި އޭނާ އަކަށް އެއްވެސް ބައެއްގެ ސަމާލުކަމެއް އަދި ޝައުގުވެރިކަމެއް ވެސް ނެތެވެ. ހުރިހާ އެންމެންގެ ލޯތައް ވެސް އަމާޒުވެފައި ވަނީ މަލާލާ އަށެވެ.

އަންހެން ކުދިންނަށް ތައުލީމު ހޯދައިދޭން މަސައްކަތްކުރާ އެކްޓިވިސްޓެއްގެ ގޮތުގައި އޭނާ ދުނިޔެ އަށް މަޝްހޫރުވީ 2012 ވަނަ އަހަރު ތާލިބާނުން އޭނާ އަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. ނަމަވެސް އޭގެ މާ ކުރިން ވެސް އޭނާ އަކީ މި ކެމްޕޭނުގައި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތު ތަނަވަސްކޮށްދެމުން އައި އަންހެން ކުއްޖެކެވެ.

"އަދި އޭނާ މިކަންތައް ކޮށްފައި ވަނީ ވެސް އެންމެ ނުރައްކާ ބޮޑު އެއް މާހައުލުގައި ނުރައްކަލަށް ހުށަހެޅިގެން. މި ގޮންޖެހުންތަކާ އެކު ވެސް އޭނާ މި ވަނީ ތައުލީމަށް ލޯބިކުރާ އަންހެންކުދިންގެ ތަރުޖަމާނަކަށް ބަދަލުވެފައި."

މިއީ ގަބޫލުކުރަން ޖެހޭ ވާހަކަ އެކެވެ. ތާލިބާނުންގެ ވަކި ހިއްޕާލާފައި އޮތް ތަނެއްގައި އަންހެން ކުދިންތަކެއްގެ ހައްގުގައި ނުކުންނަން ކެރޭނީ ވަރަށް ވެސް ހިތްވަރުގަދަ މީހަކަށެވެ. މަލާލާ ކަހަލަ އަންހެން ކުއްޖަކު ތާލިބާނުންނާ ދެކޮޅަށް ނުކުމެ ކާމިޔާބުވުމަކީ ފާހަގަނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ.

މަލާލާ އަށް ނޮބެލް ފަދަ ޝަރަފްވެރި އިނާމެއް ލިބުމުން އެކަމާ އެންމެ ބޮޑަށް އުފާކުރަންވީ ޕާކިސްތާނުގެ ރައްޔިތުންނެއް ނޫންތޯ އެވެ. އެކަމަކު މި މައްސަލަ އޮތީ ދިމާ އިދިކޮޅަށެވެ. މަލާލާ އަށް ލިބުނު އެވޯޑާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހިފައި ތިބީ އޭނާގެ ގައުމުގެ މީހުންނެވެ. 

"އޭނާ އަކަށް އެ އެވޯޑް އެއްގޮތަކަށް ވެސް ހައްގެއް ނޫން،" ސުވާތު ވާދީގެ މިންގޯރާގެ ބޭންކެއްގައި މަސައްކަތްކުރާ މީހަކު ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. "މި ތަނުގައި މި ތިބަ އެތައް ހާސް ކުޑަކުދިންގެ ހައްގުތައް ކޮބާ؟ އެމީހުން މި ތިބީ ވެސް ތާލިބާނުންގެ ނުރައްކަލަށް ހުށަހެޅިފައި. ހަމަލާއެއް ދީފާނެ ކަމުގެ ބިރު ކޮންމެ ދުވަހަކު ވެސް އޮވޭ. މަލާލާ ގޮސް އެވޯޑެއް ހިފައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް އިންޓަވިއު ދިނަކަސް އަދި މި މައްސަލަ ހައްލެއް ނުވާނެ."

މިއީ ޕާކިސްތާނުގައި މަލާލާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ރާގު ހުރި ގޮތެވެ. މަލާލާ އަށް އެވޯޑް ލިބުމުން އެމީހުން ތިބީ ހަގީގަތުގައި ބިރުގެންފަ އެވެ. އެއީ ބަދަލުހިފުމުގެ ރޫހުގައި ތާލިބާން ހަނގުރާމަވެރިން ހަމަލާތަކެއް ދީ އެމީހުންގެ ދަރިންތައް މަރާލަފާނެތީ އެވެ.

މިއީ ވެސް ބައެއް މީހުންގެ ހިޔާލެވެ. މަލާލާ އަކީ ވެސް އެމެރިކާގެ އެޖެންޓެކެވެ.

އުނގެނުމުގެ ފުރުސަތު އަންހެން ކުދިންނަށް ހޯދައި ދިނުމަށް މަލާލާގެ ކެމްޕޭން ފެށިއިރު ތާލިބާނުންގެ އަމުރުތަކާ ގުޅިގެން ގިނަ އަންހެން ކުދިންނަކަށް ސްކޫލްތަކަކަށް ނުދެވެ އެވެ. އަންހެން ކުދިންނަށް ހާއްސަ މަދަރުސާތަކުގައި ބޮން ހަރުކޮށްގެން ގޮއްވުމަކީ ވެސް އޭރު ތާލިބާނުން ކުރަމުން ދިޔަ ކަމެކެވެ.

ހުޅަނގުން ނެގީ އޭގެ ސިޔާސީ ފައިދާ އެވެ. ތާލިބާނުންނާ ދެކޮޅަށް ދުނިޔެ ތެދުކުރުމަށް މަލާލާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފީ އެވެ. އޭނާ ބަތަލަކަށް ހަދައި ޝަރަފުވެރިކަމުގެ މެޑަލް ވެސް ޖެހީ އެވެ. މީގައި ސިޔާސީ ބޭނުމެއް ވެސް އެބައޮތެވެ. އަދި މަލާލާއާ ހެދި "ރައިޓް ޓު އެޑިއުކޭޝަން" ކެމްޕޭން އާ ހަރުފަތަކަށް ވެސް އަރައިފިކަން ޔަގީނެވެ.