ޕާކިސްތާން

ޕާކިސްތާނުގެ ބޮޑު ވަޒީރަށް ރައީސް ހަމްދަރުދީ ފޮނުއްވައިފި

Dec 12, 2016

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ 661 ވެއްޓި، އެ ފްލައިޓުން ދަތުރުކުރި ހުރިހާ ފަސެންޖަރުން މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައި ވެއެވެ.
އަދި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި އުހުވަތްތެރި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީ ފޮނުއްވާފައި ވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައި ވެއެވެ.