ވިކްޓަރީ

ޝާޒްއާއެކު ވިކްޓަރީން އެއްބަސްވުމަކަށް އަތުވެއްޖެ

އަންނަ ސީޒަންގައި ވިކްޓްރީގެ ކޯޗަކަށް ގެންދަން މި ސީޒަންގައި ބީޖީ އަށް ކޯޗު ކޮށްދިން ޝާޒްލީ މުހައްމަދު (ޝާޒް) އާއެކު ވިކްޓަރީއަށް އެއްބަސް ވުމަކަށް އާދެވިއްޖެ އެވެ.

ވިކްޓްރީގެ މެނޭޖަރު އަހްމަދު ފަޔާޒު މިއަދު ވިދާޅުވީ ވިކްޓަރީގ ކޮންޓްރެޓްގައި ޝާޒް ސޮއި ނުކުރި ނަމަވެސް ކޮންޓްރެކްޓާމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ޝާޒުވެސް ބުނީ ވިކްޓްރީގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭނާ ވިކްޓްރީގައި އޭނާ ބިނާ ކުރަން ބޭނުންވާ ކަންކަން އެޓީމަށް ހުށަހަޅާފައިވާނެ ކަމަށެވެ

"ވިކްޓްރީ އަކީ ބޮޑު ކުލަބެއް ވަރުގަދަ ތާރީހެއް އޮތް ކުލަބެއް އެޓީމުގައި މަސައްކަތް ކުރަންޖެހޭ ގޮތްވެސް ތަފާތު ވާނެ އެހެންވެ އަޅުގަނޑު ވާނީ ބައެއް ކަންކަން އަޅުގަނޑުގެ ފަރާތުން ވެސް މެނޭޖްމެންޓަށް ހުށަހަޅާފައި،" ޝާޒް ބުންޏެވެ.

ވިކްޓަރީއަށް ކުޅެދީފައިވެސް ވާ ޝާޒް ބުނީ އެ ހުރިހާ ކަމެއް ނިމި ހަފުތާއެއްގެ ތެރޭ ރަސްމީ އެއްބަސް ވުމުގައި ސޮއި ކުރެވޭ ވަރުވާނެ ކަމަށެވެ.

ވިކްޓްރީ އަށް މިދިޔަ ސީޒަންގައި ދެ ކޯޗަކު ކޯޗް ކޮށް ދީފައި ވެއެވެ. އެއީ ވިކްޓރީގެ ކުރީގެ އެސިސްޓެންޓް ކޯޗް މުހައްމަދު ނަޒީހާއި ކުރިން ވެލެންސިއާ އާއި ވިބީ އައްޑޫ އެފްސީ އަށް ކާމިޔާބު ހޯދައިދީފައިވާ ހަންގޭރީގެ ކޯޗް ލާސްލޯ ކިސް އެވެ.

މި އަންނަ ސީޒަންގައި ވެސް ކިސްއާ އެކު އެއްބަސްވުމަކަށްދާން ވިކްޓަރީން މަޝްވަރާ ކުރިއެވެ. އަދި އެކަމާ ބެހޭގޮތުން ގޮތެއް ނިންމަން ކޮމިޓީއަކާ ހަވާލުކުރި އެވެ. އޭރު ވިކްޓަރީން ބުނެފައިވަނި ކިސް ނުގެންނަން ނިންމިޔަސް ގެންނާނީ ބިދޭސީ ކޯޗެއް ކަމަށެވެ. ނަމަވެސް ކޮމިޓީން ނިންމާފައިވަނީ ދިވެހި ކޯޗަކާ އަލުން ޓީމު ހަވާލު ކުރުމަށެވެ.