ހޮލީވުޑްގެ އެވޯޑް ސީޒަން ކުރިއަށްދާއިރު އެންމެން ވެސް ވަގުތު ގުނަމުން ދަނީ ޝަރަފްވެރި އޮސްކާ އެވޯޑްސްގެ ކުލަގަދަ ހަފުލާއަށެވެ. ނަމަވެސް އޮސްކާސް ބޯމަތިވަމުން އަންނައިރު ހޮލީވުޑްގެ އެހެން ޝަރަފްވެރި އެވޯޑްސް ހަފުލާތަކުގައި ކާމިޔާބު ހޯދަމުން އަންނަ ފިލްމުތަކަށް ވެސް ވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފަ އެވެ.
އެގޮތުން މި ރޭހުގެ ކުރީގައި މިހާތަނަށް އޮތް ފިލްމު" މޫންލައިޓް" ގެ މައްޗަށް ކްރިޓިކްސް ޗޮއިސް އެވޯޑްސްގައި ރޮމޭންޓިކް މިއުޒިކަލް "ލާ ލާ ލޭންޑް" މި ވަނީ ކުރި ހޯދައިފަ އެވެ. ޖުމްލަ 11 ކެޓަގަރީއަކުން ކްރިޓިކްސް ޗޮއިސް އަށް ވާދަކުރި "ލާ ލާ ލޭންޑް" އަކީ އެންމެ މޮޅު ފިލްމާއި ޑައިރެކްޝަން އަދި އޮރިޖިނަލް ސްކްރީންޕްލޭއާ އެކު ޖުމްލަ އަށް އެވޯޑް ކާމިޔާބުކޮށް އޮސްކާގެ އުއްމީދު އާކޮށްފަ އެވެ.
މި ހަފުލާގައި "ލާ ލާ ލޭންޑް" ހޯދި ކާމިޔާބީ ފެނި ވަރަށް ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑްސްގައި އެންމެ ބޮޑު ކުރިމަތިލުމެއް ފެނިގެންދާނީ "ލާ ލާ ލޭންޑް" އާއި "މޫންލައިޓް" އާ ދެމެދު ކަމަށެވެ. މި ދެ ފިލްމަކީ އަހަރުގެ އެންމެ މޮޅު ދެ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށް ތައުރީފު އޮއްސަމުން އަންނަ ދެ އުފެއްދުމެވެ.
"ލާ ލާ ލޭންޑް" އަކީ 2014 ވަނަ އަހަރު ނެރުނު މަޝްހޫރު ފިލްމު "ވިޕްލޭޝް" ގެ ޑައިރެކްޓަރު ޑޭމިއެން ޗެޒޭލް ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ވިޕްލޭޝް" އާ އެކު އޭނާ އޮސްކާގެ އެންމެ މޮޅު ފިލްމަށް ވާދަކޮށްފައިވާއިރު މިފަހަރު ވެސް އެ ކާމިޔާބީ އޭނާ ތަކުރާރުކުރާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އޭނާގެ މި މިއުޒިކަލްގައި ލީޑް ރޯލު ކުޅެފައި ވަނީ ރަޔަން ގޮސްލިން އާއި އެމާ ސްޓޯން އެވެ. ފިލްމަށް އެވޯޑްސް ހަފުލާތަކުގައި ތައުރީފު އޮހި އެވޯޑްސްތައް ލިބެމުން ދިޔަ ނަމަވެސް ބޮކްސް އޮފީހުގައި އަދި މި ފިލްމުގެ މާ ބޮޑު ފޯރިއެއް ނެތެވެ. މިދިޔަ ހަފުތާ ބަންދުގައި ސިނަމާތަކަށް ނުކުތް ފިލްމުގެ ބަޖެޓް 30 މިލިއަނަށް އަރާއިރު މިހާތަނަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 5.5 މިލިއަން ޑޮލަރެވެ.
ނަމަވެސް އެވޯޑް ސީޒަނުގެ ކާމިޔާބީއާ އެކު ފިލްމުގެ ވިޔަފާރި ވެސް އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެ އެވެ.