ދުނިޔެ

ހިސާބަށް މާ މޮޅު ކުއްޖެއް، އުމުރުން 10 އަހަރުގައި ކޮލެޖަށް!

ފެންނަ ފެނުމަށް އޭނާއާ 10 އަހަރުގެ އެހެން އަންހެން ކުދިންނަކާ އެއްވެސް ތަފާތެއް ނެތެވެ. އުޅެނީ ބާބީ ޑޯލްސް އެއްކޮށްގެން، "ފްރޯޒެން" ކާޓޫނުގެ ޕްރިންސަސް، އެލްސާ ހެދިގެން، ކުޅޭށެވެ.

ނަމަވެސް ނައިޖީރިއާ ދަރިކޮޅުގެ އިނގިރޭސި މި އަންހެން ކުއްޖާ އަކީ އާދައިގެ ކުއްޖެއް ނޫނެވެ.

އެސްތާ އޮކާޑޭ ނަމަކަށް ކިޔާ 10 އަހަރުގެ މި އަންހެން ކުއްޖާ އަކީ މިހާރު ޔުނިވާސިޓީ އަންޑަގްރެޖުއޭޓެކެވެ.

އޭނާ ހިސާބަށް މާ މޮޅީ އެވެ.

"މިއީ ވަރަށް ޝައުގުވެރިވަނިވި ކަމެއް. މިއީ އަހަރެން ބޭނުންވާ ކަހަލަ ހިސާބު ނަންބަރު ހަދަން ލިބޭ ތަނެއް. އަސްލު ހިސާބު. ތިއަރީތަކާއި މައްސަލަ ބޮޑު ނަމްބަރުތަކާއި އެ ހުރިހައި އެއްޗެއް،" ޔޫކޭގެ އޯޕެން ޔުނިވާސިޓީ އިން ފުރުސަތު ލިބުމުން އުފަލުން ފޮޅިފައި ހުރި އޮކާޑޭ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އޭނާ ބުނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކޮލެޖުގެ ކޯސް ނިންމައި 13 އަހަރުގައި ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ކަމަށެވެ. އޭނާ ކިޔަވަން ގަސްދުކުރަނީ ފައިނޭންޝިއަލް މެތަމެޓިކްސްގެ ދާއިރާ އިންނެވެ.

"އަހަންނަށް 15 އަހަރުވާ އިރު އަހަރެން ބޭނުން އަހަރެންގެ އަމިއްލަ ބޭންކެއް ހިންގަން. ސަބަބަކީ ނަމްބަރާއި އަދަދުތަކުން ކުރާ ކަންކަމަށް އަހަރެން ވަރަށް ޝައުގުވެރިވޭ. އަދި މީހުންނަށް އެހީވުމަކީ ވެސް ވަރަށް ކުރަން ބޭނުންވާ ކަމެއް. ބޭންކެއް ހުޅުވައިގެން ވަރަށް ގިނަ މީހުންނަށް އެހީވެވޭނެ،" އޮކާޑޭ ބުންޏެވެ.

އޭނާ ބުނީ ކޮލެޖަށް ވަންނަން ބޭނުންވީ އުމުރުން ހަތް އަހަރުގައި ކަމަށްވިޔަސް މަންމަ އެ ފުރުސަތު ނުދިނީ ކަމަށެވެ.

"މަންމަ ބުނީ އަހަރެން އަދި މާ ޅައޭ. މައިތިރިވާށޭ."

އޭނާ އަށް ކޮލެޖުން ފުރުސަތު ހޯދައި ދިނީ ކޮލެޖަށް ދާން އާދޭސްކުރާތާ ތިން އަހަރު ފަހުންނެވެ.

އިނގިރޭސިވިލާތުގެ ޖީއެސްސީއީ އިމްތިހާނުގެ ހިސާބު ޕޭޕަރު ހަދަން އޭނާ އިށީނީ އެންމެ ހަ އަހަރުގަ އެވެ. އެންމެ ފުރަތަމަ ލިބުނީ ސީ ގްރޭޑެކެވެ. އަލުން އެނބުރި އައިސް އޭ ގްރޭޑް ގެންދިޔައީ އެވެ.

އެއަށް ފަހު ޖެހިގެން އައި އަހަރު އޭ ލެވެލް އިމްތިހާނުގައި ހިސާބު މާއްދާ އިން ބީއެއް ހާސިލުކުރީ އެވެ.

އޮކާޑޭ އަކީ ސްކޫލަށް ދާން ފޫހިވެގެން އޭނާގެ މަންމައާ އެކު ގޭގައި ކިޔަވަމުން ދިޔަ ކުއްޖެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އޭނާގެ އާއިލާގައި ދެން ވެސް ތިބީ ހިސާބަށް ނިކަން މޮޅެތި މީހުން ކަމެވެ. އެގޮތުން އޭނާގެ ހަ އަހަރުގެ ފިރިހެން ކޮއްކޮ އަންނަ ޖޫން މަހު ހިސާބު ޕޭޕަރު ހަދަން އޭލެވެލް އިމްތިހާނުގައި އިށީންނާނެ އެވެ.